އެކަނިވެރިމައިން ދަރިން ބަލަންކުރަންޖެހޭ މަސައްކަތްބުރަވުމުން އެކުގަ ކުޅޭނެ ވަގުތު ނުވުމަކީ ލޯބިނުވުން ކަމަށް ނުދެކޭށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އެކަނިވެރިމައިން ދަރިން ބަލަންކުރަންޖެހޭ މަސައްކަތްބުރަވުމުން އެކުގަ ކުޅޭނެ ވަގުތު ނުވުމަކީ ލޯބިނުވުން ކަމަށް ނުދެކޭށެވެ!

އަޅުގަނޑުގެ ޢުމުރުން 10 އަހަރުގައި ބައްޕަ ނިޔާވެއްޖެއެވެ. ގެންގުޅެ ބޮޑުކުރީ މަންމައެވެ. ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ. ވަޒީފާ އަދާކޮށްގެން ލިބޭ މުސާރައިން ނުފުދޭތީ ގޭގައި ހެދިކާ ފަދަ ތަކެތިވެސް ހަދައިގެންނެވެ. 

މަންމަ އަޅުގަނޑަށް ބޭނުންވާ ހުރިހާ ކަންކަން ކޮށްދެއެވެ. ބައްޕަ ދުނިޔޭގައި ނެތްކަން އެނގުނަކަ ނުދެއެވެ. ނަަމވެސް އަޅުގަނޑަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައް މަންމަ ކޮށެއް ނުދެއެވެ. އެއީ އަޅުގަނޑާއިއެކު ވަގުތު ހޭދަކުރުމެވެ. މަންމަ ބުނަނީ ވަރުބަލިވާވަރުން ނުވަނީ ކަމަށެވެ. 

އެކަން އަޅުގަނޑަށް ޤަބޫލެއް ނުކުރެވެއެވެ. އަޅުގަނޑަށް ޤަބޫލުކުރެވިފައި އޮތީ މަންމަ އަޅުގަނޑުދެކެ ލޯބިނުވަނީ ކަމަށެވެ. އެހެންވެ ބައެއް ފަހަރު މަންމައާއި ދިމާއަށް އެއްޗެތިވެސް ބުނެވުނެވެ. 

މަންމަ އަޅުގަނޑު ދެކެ ލޯބިވާކަން ޔަޤީންކުރެވުނީ އުމުރުން 18 އަހަރުވެސް ވީފަހުންނެވެ. އެއީ އަޅުގަނޑު ލޯބިވެރިޔާ އާއިއެކު ބޭރަށް ދިއަ ރެއެކެވެ. ބޭރުގައި އުޅެނިކޮށް ވަރަށް ވިއްސާރަވީ ރެއެކެވެ. ގެއަށް އާދެވުނީ މެންދަންވެސްވީފަހުންނެވެ. 

ވަރަށް ސިއްރުސިރުން ގޮސް މަންމަ ކޮބައިތޯ ބަލައިލަން ކޮޓަރީގެ ދޮރުހުޅުވާލިއިރު މަންމަ ދުޢާކުރަނީއެވެ. "ޔާ ﷲ! މިއަޅާގެ ދަރިފުޅު ސަލާމަތުން ގެއަށް އައުމަށް މިންވަރުކުރައްވަވާނދޭވެ! މިއަޅާގެ ދަރިފުޅުގެ ޢިއްފަތްތެރިކަން ސަލާމަތްކޮށްދެއްވަވާނދޭވެ! އޭނާއަށް ދެރަގޮތެއް އިރާދަ ނުކުރައްވަވާނދޭވެ!" 

މަޑުމަޑުން މަންމް ކުރި ދުޢާގެ އަޑު އަޅުގަނޑަށް އިވުނެވެ. ބުނާނެ އެއްޗެއްވެސް ނުއެނގިފައި ހުރިތަނުގައި ހުރެވުނީއެވެ. އެއިގެ ފަހުން ކައިވެނިކުރުމާއި ހަމައަށްވެސް ރޭގަނޑު މަންމަ ނުލައި ގެއިން ބޭރަކަށް ނުދަމެވެ. އަދި އެއިގެ ފަހުން ދުވަހަކުވެސް މަންމަގެ ހިތުގައި ޖެހިދާނެ ފަދަ ބަހެއްވެސް ނުބުނަމެވެ. 

އަޅުގަނޑު މަންމަގެ ކިބައިން މާފަށްވެސް އެދުނީމެވެ. މަންމަ އަޅުގަނޑަށް މާފުވެސް ކުރިއެވެ. 

މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާ މިކުރީ އަޅުގަނޑަސް ދިމާވިފަދަ ގޮތެއް މެދުވެރިވެގެން މައިންނާއިމެދު ނުބައި ގޮތްގޮތަށް ވިސްނޭ ކުދިންނަށް ފިލާވަޅަކަށްވާނެ ކަމުގެ އުންމީދުގައެވެ. 

- ޙަފްޞާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން