އެކުވެރި ޙުސައިނަށް!: ލޯތްބާ ކުޅިވަރުކުޅެން އުޅުމަކީ އަތަށްގޮވައި އަމިއްލައަށް އަނދާކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
އެކުވެރި ޙުސައިނަށް!: ލޯތްބާ ކުޅިވަރުކުޅެން އުޅުމަކީ އަތަށްގޮވައި އަމިއްލައަށް އަނދާކަމެކެވެ!

މިހާރަކަށް އައިސް ލޯތްބާއި ކުޅިވަރުކުޅެން މަސައްކަތްކުރުމަކީ ވަރަށް ޢާންމު ކަމަކަށްވެއްޖެއެވެ. މިހެން ބުނީމާ ލޯތްބާއި ކުޅިވަރުކުޅުމަކީ ކޮބައިތޯ ސުވާލުކޮށްފާނެއެވެ. ޖަވާބަކީ ލޯބިނުވެ ލޯބިވާކަމަށް ހެދިގެން އުޅުމެވެ. މިކިޔައިދެނީ އެފަދަ ޙާލެއް ޖެހުނު ޒުވާނެއްގެ ވާހަކައެކެވެ. 

އެޒުވާނާގެ މައިންބަފައިންނަކީ ވަރަށް ތަނަވަސް ބައެކެވެ. އެހެންވެ މައިންބަފައިން އޭނާ ބޭނުންހާ ވަރަކަށް ފައިސާދެއެވެ. އޭނާގެ ކަމަކީ އަންހެންކުދިންނާއިއެކު މަޖާކުރުމެވެ. ގިނަ އަނހެންކުދިން ހޯދައިގެން ޕާޓީކުރުމެވެ. އެހެންވެ އޭނާގެ މައިން ބަފައިން ވަރަށް ބޮޑަށް ކަންބޮޑުވެއެވެ. 

އެމީހުން ހީކުރީ ދަރިފުޅު ކައިވެނިކުރުމުން އެނުބައި އާދަ ކެނޑިދާނެ ކަމަށެވެ. އެހެން ހީކޮށް ކައިވެނިކުރުން އަވަސްކުރުމަށް ދަރިފުޅު ގާތު ބުނަމުން ގެންދިއައެވެ. ނަމަވެސް ދަރިފުޅު އެކަންކުރާކަށް ބޭނުމެއް ނުވެއެވެ. ބޭނުންވަނީ މަޖާކުރަން ހުންނާށެވެ. 

މައިންބަފައިން ކިޔާވަރުން އެމީހުން ރުޅިއަރުވާލުމުގެ ބޭނުމުގައި އެއްރޭ ގެއަށް ދިއައީ ވަރަށް ނާތަހުޒީބު ރަށްފުށު އަންހެން ކުއްޖަކު ގޮވައިގެންނެވެ. ގޮސްބުނީ އޭނާ ދެކެ ލޯބިވާ ކަމަށާއި އޭނާ އާއި ކައިވެނިކުރަން ބޭނުންވާ ކަމަށެވެ. މައިންބަފައިންނަށް އޭނާ ކަމަކު ނުދިއައެވެ. ނަމަވެސް ނިންމީ ދަރިފުޅުގެ އަޑު އަހައި އޭނާ އާއި ކައިވެނިކޮށްދިނުމަށެވެ. އެހެންވެ ވަރަށް ފަސޭހައިން ކައިވެނިކޮށްދީފިއެވެ. 

ކައިވެނިކުރުމަށްފަހު އެޒުވާނާ އެކުއްޖާ ގާތު ބުނަމުން އައީ އޭނާދެކެ ލޯބިވާކަމަށެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ބޮޑު ދޮގެކެވެ. އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ. އެކަން އޭނާގެ އަމަލުތަކުން އެނގެއެވެ. ކޮންމެއަކަސް އެކުގައި ދުވަސްކޮޅަކު އުޅުމަށްފަހު އަންހެންކުއްޖާއަށް ކެތް ނުކުރެވިގެން އޭނާގެ ރަށަށް އެނބުރި ހިނގައްޖެއެވެ. އިނީ ބަލިވެކަންވެސް އެނގުނީ ރަށަށް ދިއަފަހުންނެވެ. 

އޭނާ ރަށަށް ދިއުމުން ފިރިމީހާއަށް ކެތެއް ނުކުރެވުނެވެ. އަނބިމީހާގެ ހަނދާންތައް އިތުރުވާން ފަށައިފިއެވެ. ޙަޤީޤަތުގައިވެސް އޭނާދެކެ ލޯބިވެވެން ފަށައިފިއެވެ. އެންމެފަހުން ކެތް ނުކުރެވިގެން އަނބިމީހާގެ ރަށަށްގޮސް އޭނާގެ ގެއަށް ހޯދަން ދިއުމުން އެނގުނީ ދަރިފުޅު ވިހާފައި އަނބިމީހާ މަރުވެއްޖެކަމެވެ. އެހިސާބުން އޭނާ ނިންމީ އަނބިމީހާގެ މައިންބަފައިންނާއި ދަރިފުޅު ގޮވައިގެން އެނބުރި ދިއުމަށެވެ. ސަބަބަކީ ދަރިފުޅު އެންމެ ރަނގަޅަށް ބެލޭނީ މާމަ އާއި ކާފައަށް ކަމުގައިވާތީއެވެ. 

ކޮންމެއަކަސް ދަރިފުޅު ބޮޑުވާވަރަކަށް އައީ އަނބިމިހާ އާއި ވައްތަރުކަން ބޮޑުވަމުންނެވެ. ނަތީޖާއަކަށްވީ ދަރިފުޅު ފެންނައިރަށް އަނބިމީހާގެ ހަނދާންތައް އައުވުމެވެ. އެހެންވެ އިތުރު ކައިވެންޏެއް ކުރާނެ ހިތްވަރުވެސް ނުލިބިހުރެ މުޅި އުމުރު ޖެހުނީ ދުއްވައިލާށެވެ. އަބިމީހާދެކެވާ ލޯބިން އޭނާގެ ހަނދާނުގައެވެ. 

މިހުންނަނީ ޢިބްރަތްތެރި ވާހަކަތަކެވެ. މިފަދަ އެތައް ވާހަކައެއް އަޅުގަނޑުވަނީ ކިޔާފައެވެ. އަޅުގަނޑުގެ އާދޭހަކީވެސް އިލްތިމާސަކީވެސް ލޯތްބާއި ކުޅިވަރު ނުކުޅުމެވެ. މިޒަމާނުގެ ބަހުރުވައިންނަމަ މިވާހަކަފަދައިން އަތަށް ގޮވުންވެސް އޮތީ ހަމަ ދާދި ގާތުގައެވެ. 

މިއީ އަޅުގަނޑުގެ އެކުވެރި ޙުސައިނަށް މިއަދުނޫސް މެދުވެރިކޮށް ފޮނުވައިލި ތީރެކެވެ. 

- ސިޒްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން