ކުރިން ލޯބި ލިބުނުވަރަށް ލޯބި ނުލިބޭތީ ޝަކުވާކުރަންވާނީ ކުރިން ދިންވަރަށް ލޯބިދެމުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 32ސ
ކުރިން ލޯބި ލިބުނުވަރަށް ލޯބި ނުލިބޭތީ ޝަކުވާކުރަންވާނީ ކުރިން ދިންވަރަށް ލޯބިދެމުން!

އަންހެނުންނާއި ފިރިހެނުންގެ މިޒާޖު ވަރަށް ތަފާތެވެ. ބޭނުންވާ ކަންކަން ވެސް ވަރަށް ތަފާތެވެ. ކަންކަން ބޭނުންވާ ގޮތް ވެސް ވަރަށް ތަފާތެވެ. މިސާލަކަށް ބުނާނަމަ އަންހެނަކަށް 1000 ޑޮލަރުގެ އަގުހުރި ހަދިޔާއެއް ދިނުމަށްވުރެ ވަރަށް ލޯބިން އަނބިމީހާ ދެކެ ލޯބިވާ ކަމަށް ބުނުމުގެ އަގު މާބޮޑުވާނެއެވެ. އަނބިމީހާ ކޮށްދޭ ކަމަކަށް ތަޢްރީފް ކުރުމުން އަނބިމީހާއަށް ލިބޭ އުފާވެސް މާ ބޮޑުވާނެއެވެ. 

ބައެއް މީހުންގެ ނަޒަރުގައި ކައިވެންޏަށް އަހަރު ފުރޭ ދުވަސް ފާހަގަކުރުމަކީ ނުވަތަ އެންވަރސަރީ ފާހަގަ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ނަމަވެސް އަހަރެންގެ ނަޒަރުގައި ކައިވެނީގެ އުފާވެރިކަން ދެމެހެއްޓުމަށްޓަކައި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. 

އެހެނީ އަނބިން އަބަދުވެސް އެންމެ ބޭނުނަވާނެ އެއްކަމަކީ އެމީހުންދެކެ ކުރިންވެސް ލޯބިވާވަރަށް މިހާރުވެސް ލޯބވާކަން ޔަޤީން ކުރުމެވެ. ކައިވެންޏަށް އަހަރުފުރޭ ދުވަސް އެއް މިންގަނޑަކުން ފާހަގަކުރަމުން ގެންދިއުމަކީ ލޯބި އަދިވެސް ދެމި އެބައޮތްކަމުގެ ޔަޤީންކަން އަނބިމީހާއަށް އިތުރުވާ ކަމެކެވެ. އެހެން ނަމަވެސް އެދުވަސް ފާހަގަކުރަންވާނީ ދެމީހުންގެ މެދުގައެވެ. އެހެން މީހުންނަށް ދައުވަތުދީ ބޮޑު ޖާފަތް ބާއްވައިގެނެއް ނޫނެވެ. 

އަނބިމީހާގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވެފައި އަބަދުވެސް އޮންނާނީ އޭނާއަށް ވަގުތު ނުދޭ ކަމުގެ ޝަކުވާއެވެ. ޝަކުވާ ކުރާ އިރަށް ނޫނޭ ތިމަންނާ ވަގުތު ދެމޭ ބުނެފާނެއެވެ. އެހެން އެބުނެވެނީ އަނބިމިހާގެ ޑިކްޝަނަރީން ވަގުތުގެ މާނަ ނުއެނގޭތީއެވެ. އަންބަކު ވަގުތު ނުދޭކަމަށް ބުނެފިނަމަ އެއިގެ މާނައަކީ ދެމީހުން އެކަނި ވަގުތު ހޭދަކުރުމުގެ ވަގުތުގެ ވާހަކައެވެ. ދެމީހުން އެކުގައި ބޭރަށް ގޮސް ވަގުތު ހޭދަކުރުމުގެ ވާހަކައެވެ. ކޮންމެ ދުވަހަކު 24 ގަޑިއިރު ހޭދަވަމުން މިދާ ވަގުތުގެ ވާހަކައެއް ނޫނެވެ. އަނބިމީހާ ބޭނުންވާ ގޮތަށް ވަގުތު ނުދިނުމުގެ ވާހަކައެވެ. އެމީހުން ދައްކާ ވާހަކަ އަޑު އަހާނެ ވަގުތުގެ ވާހަކައެވެ. 

ގޮތް ބަލަންވެސް އަނބިމީހާއަކީ ތިބާ އެންމެ ބޮޑަށް ސަމާލުކަން ދޭ މީހާކަން އަނބިމީހާއަށް ޔަޤީންކުރެވޭ ގޮތަށް ކަންކަން ކޮށްބަލާށެވެ! އެ ޔަޤީންކަން ފިރިމީހާ އަނބިމީހާއަށް ދޭނަމަ އަނބިމީހާ ވެސް ހަމަ އެ ޔަޤީންކަން އަނބުރައި ފިރިމީހާއަށް ދޭނެއެވެ. 

ބައެއް ފިރިންނަށް ހީވަނީ ކައިވެންޏަށް ފަހު "އައިލަވްޔޫ" އެވެ ބުނަން ނުޖެހޭނެ ކަމަށެވެ. ތިމާގެ މިލްކަކަށް އަނބިމީހާ ވުމުން "އައިލަވްޔޫ" ބާބު ނިމުނީ ކަމަށެވެ. ނުނިމޭނެއެވެ! އެއީ ދުނިޔޭގައި ތިބިހައި ދުވަހަކު ނިމޭނެ ބާބެއް ނޫނެވެ. ނިންމައިގެންވެސް ވާނެ ބާބެއް ނޫނެވެ. ނިންމެން އޮތް ބާބެއްވެސް ނޫނެވެ. 

މިވާހަކަތައް ދައްކަން މިޖެހެނީ ކައިވެނިތައް ޜޫޅޭތީ އެންމެންވެސް ކަންބޮޑުވާތީއެވެ. ކައިވެނިތައް ޜޫޅެން މެދުވެރިވާ ސަބަބުތައް ނައްތައި ނުލެވޭނަމަ ޜޫޅޭ ކައިވެނީގެ ޢަދަދު ދާނީ އިތުރުވަމުންނެވެ. ކައިވެނި ދިރުވައި ދެމެހެއްޓުމުގެ ކާނާއަކީ ލޯތްބެވެ. ލޯބި ނުދެމެހެއްޓޭނަމަ ކައިވެނި ދާނީ މަރުވަމުންނެވެ. ދިރުމެއް ނުލިބޭނެއެވެ!

ގަސްތައް ވެސް ހެދެނީ ފެންދިނުމުންނެވެ. ގަސްކާނާވެސް ދިނުމުންނެވެ. ހަމައެފަދައިން ލޯބި ދަމަހައްޓަންވެސް މަސައްކަތްތަކެއް ކުރަން ޖެހެއެވެ. އެގޮތުން ކުރަން ޖެހޭ އެންމެ މުހިންމު އެއްކަމަކީ އެންމެ ފުރަތަމަ އެކަކު އަނެކަކު ދެކެ ލޯބިވީވަރަށް މިހާރުވެސް ލޯބިވާކަން އަބަދުވެސް އަނގައިދީ އެކަމަށް ޔަޤީންކަން ދެމުން ގެންދިއުމެވެ. 

- ޔާސިރު ޤާދީގެ ދަރުސަކުން

މިއަދު އޮންލައިން