އުފާވެރި ދިރިއުޅުމަކާ ކާމިޔާބު އާޚިރަތަކަށް އެދޭނަމަ ބައިވެރިޔާގެ ހިތުގަ ޖައްސައި ނިކަމެތިނުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ
އުފާވެރި ދިރިއުޅުމަކާ ކާމިޔާބު އާޚިރަތަކަށް އެދޭނަމަ ބައިވެރިޔާގެ ހިތުގަ ޖައްސައި ނިކަމެތިނުކުރާށެވެ!

އަހަރެމެންގެ ތެރެއިން އެއްބައަކަށް ދުނިޔޭގައި އުޅެވެނީ ވަރަށް މަދު ދުވަސްކޮޅަކު އެވެ. އަނެއްބައަކު ތަންކޮޅެއް ގިނަ ދުވަސްކޮޅަކުއެވެ. 100 އަހަރަށްވުރެ ގިނަ ދުވަހު ދުނިޔޭގައި އުޅެވެނީ ވަރަށް މަދު މީހަކަށެވެ. މިޒަމާނުގައި 150 އަހަރުވަންދެން ދުނިޔޭގައި އުޅެވުނު މީހަކު ނުފެންނަ ކަމަށް ބުނެވިދާނެއެވެ. ސުވާލަކީ އެކަންކަން އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ 

ދެވަނަ ކަމަކީ އިންސާނާ ދުނިޔެއަށް އުފަންވަނީ އެއްވެސް އާރެއް ބާރެއް ލިބިގެންނުވާ އަދި އޭނާއަށް ބޭނުންވާ ކޮންމެ ކަމަކަށް އެހެން މީހެއްގެ އެހީތެރިކަން ބޭނުންވާނެ ގޮތަށެވެ. ޢުމުރުން ދުވަސްވަންދެން ދުނިޔޭގައި ހުރެއްޖެނަމަ ނިމިދަނީވެސް ހަމަ އެފަދަ ގޮތަކަށެވެ؟ ސުވާލަކީ އެކަންކަން އެހެން އެވަނީ ކީއްވެގެން ހެއްޔެވެ؟ 

މިކަންކަމަށް ވިސްނައިލުމުން އެނގެނީ އިންސާނުންނަކީ އެމީހުންގެ އަމިއްލަ ނަފްސްގެ މައްޗަށްވެސް އެއްވެސް ބާރެއް ލިބިގެންވާ ބައެއް ނޫން ކަމެވެ. ބޭނުންހައި ދުވަހަކު ދުނިޔެއަކު ނުހުރެވެއެވެ. އަދި އެހެން މީހުންގެ އެހީތެރިކަމާއިނުލައިވެސް ދުނިޔެއަކު ނުއުޅެވެއެވެ. 

މީހަކު ބުނެފާނެއެވެ. އަހަރެން މިހުރީ ފުދިގެންނެވެ. އެހެން އެއްވެސް މީހެއްގެ އެހީތެރިކަމަށް ބޭނުމެއް ނޫނެވެ. އެފަދައިން ބުނެފިނަމަ ކުރަން އޮތް ސުވާލަކީ ތިބާ ފުދިގެން ތިއަހުރީ ދުނިޔެއަށް އުފަންވި ދުވަހުން ފެށިގެންހެއްޔެވެ؟ ތިއަވަރުވެފައި ތިއަހުރީ އެއްވެސް މީހެއްގެ އެހީތެރިކަން ނުލިބި ހެއްޔެވެ؟ 

ދެން މިބުނަނީ ބުންނަން އޮތް އެންމެ މުހިންމު ވާހަކައެވެ. ޒަވާޖީ ޙަޔާތަކަށް ފަށަންވާނީ ހަމައެކަނި ދުނިޔޭގެ އުފަލާއި އަރާމާއި ލައްޒަތު ހޯދުމުގެ ބޭނުމަކު ނޫނެވެ. ބައިވެރިއަކު ހޯދުމުގެ އެންމެ ބޮޑު ބޭނުމަކަށްވާންވާނީ އެކަކު އަނެކަކަށް އެހީތެރިވުމެވެ. ފިރިމީހާއަކީ ނުވަތަ އަނބިމީހާއަކީ ތަނަވަސްކަމުގެ ގޮތުން ފުދިގެންހުރި މީހަކަށްވެދާނެއެވެ. ނަމަވެސް އަދި އެއީ ފުދުމެއް ނޫނެވެ. ތަނަވަސްކަން ކިތަންމެ ބޮޑަށް ލިބިފައިވީނަމަވެސް އެހެން މީހުންގެ އެހީތެރިކަމަށް ބޭނުންވާނެއެވެ. ދިރިއުޅުމުގެ ނިޒާމަށް ބަލައިފިނަމަ އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވާނީ ޙަޔާތުގެ ބައިވެރިޔާގެ ކިބައިންނެވެ. 

ވީމާ ކިތަންމެ ވަރަކަށް ފުދިގެން ހުރިނަމަވެސް ބައިވެރިޔާއަށް ނިކަމެތި ގޮތް ނުހަދާށެވެ. ހިތުގައި ނުޖައްސާށެވެ. ބައިވެރިޔާއަކީ ހަމަ ތިމާގެ އެއްބައި ކަމުގައި ދެކެގެން ވީހައި އެކުވެރިކަމާއިއެކު ވީހައި ބޮޑަށް އެހީތެރިވެގެން ދިރިއުޅެން މަސައްކަތްކުރާށެވެ. ދުނިޔޭގައިވެސް އަދި އާޚިރަތުގައިވެސް އުފާވެރިކަން ލިބޭނީ އެއިރުންނެވެ. އެކަމަށް ނުވިސްނައި އަނިޔާވެރިވާނަމަ އެކަން އެމީހަކާއި އަރައި ހަމަކުރާނެއެވެ. ދުނިޔޭގައި އަރާ ހަމަނުކުރިނަމަ އާޚިރަތުގައި އަރައިހަމަކުރާނެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން