މިއަދުވެސް މެންދުރުނަމާދަށް ދިއަ ގިނަ ބައަކު މިސްކިތްތައް ފުރާލައި ހުކުރު ނަމާދުކުރިއެވެ. އަލްޙަމްދުލިﷲ
މައުލޫމާތުލިބޭ ގޮތުން ފުރްޤާން މިސްކިތުގެ 2 ބުރިވެސް ފުރުނެވެ. ވިޔަފާރިވެރިންގެ މިސްކިތްވެސް ފުރުނެވެ. ހުޅުމާލޭގައި ހުކުރުކުރީ ޤަތަރު މިސްކިތުގައާއި މަސްޖިދު ޒައިދުބުނި ޘާބިތުގައެވެ. ޤަތަރު މިސްކިތް ގާތްގަނޑަކަށް ފުރުނެވެ. ޒައިދު ބުނި ޘާބިތަށްވެސް ގިނަ ބައަކު ދިއައެވެ. (ހުޅުމާލޭ ޢުމަރު ބިން ޚައްޔާބް މިސްކިތުގަ ހުކުރެއް ނުކުރެއެވެ.)
ޔޫރަޕްގައި ސްޓޭޑިއަމްތައް ފުރާލައި ގައިފިއްތައިގެން އެތައްހާސް ބައަކު ކޮންމެ ދުވަހަކު ފުޓްބޯޅަބަލަމުންގެންދާއިރު ހުކުރު ނަމާދުގެ ޖަމާއަތުގައި ރާއްޖޭގައި ބައިވެރިވުމުން އޮތް ގެއްލުމެއް ނުވިސްނޭކަމަށް ގިނަ ބައަކު ދަނީ ބުނަމުންނެވެ. އަދި މުސްލިމުންނަށް ޖަމާއަތުގައި ނަމާދުކުރުމަށްވުރެ ބޮޑު ޒަރޫރީ ބޭނުމެއް ނުއޮންނާނެ ކަމަށާއި ޒަރޫރީ ބޭނުމަށް ގެއިން ބޭރަށް ނުކުމެވޭނަމަ ﷲ ތަޢާލާގެ އަމުރުފުޅަށް ޢިޖާބަދީ ނަމާދުކުރަންޖެހޭނެކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.
މިއަދުގެ ހުކުރު ޚުޠުބާވެސް ޚާއްޞަކޮށްފައިވަނީ ބުއްދީގެ ބޭނުންހިފައި ﷲ ތައާލާއަށް ކިޔަމަންތެރިކަން އަދާކުރުމުގެ މައްޗަށެވެ.
"اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދުކުރަމެވެ. އެކަލާނގެއީ އިންސާނާއަށް ބުއްދީގެ ނިޢުމަތް ދެއްވި ރަސްކަލާނގެ އެވެ. އެ ނިޢުމަތަކީ އިންސާނާ އަށް ފައިދާހުރި އެންމެހައި ކަންކަމަށް މަގު ދައްކައި، އޭނާއަށާއި، މުޖުތަމަޢަށް ގެއްލުންހުރި ކަންކަމުން އޭނާ ދުރުކޮށްދޭ މަތިވެރި ނިޢުމަތެކެވެ. ހަމަކަށަވަރުން الله މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ اللهގެ އަޅާ ކަމަށާއި، ރަސޫލާ ކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނީ މީސްތަކުން ކުރެ އެންމެ ބުއްދިވެރި، އެންމެ ވިސްނުންތެރި ސާހިބާއެވެ. މާތް الله އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އިތުރު އާލުންނަށާއި، މިތުރު އަޞްޙާބުންނަށާއި، ޤިޔާމަތަށް ދާންދެން އެބޭކަލުންނަށް ތަބާވީހައި ބަޔަކަށް ޞަލަވާތާއި ސަލާމާއި ބަރަކާތް ލައްވާށިއެވެ!" އާމީން