މިހާރު ނަމާދަށްދާ މީހުންނާ މިއަދު ހުކުރަށް ދިއަ މީހުން ގިނަވުމުން ބައަކު އިސްތަށިތައް ކޮޅަށް ޖެހިގެން އިންޓަވިޔު ދީ ޞައްޙަ ނޫން މައުލޫމާތުތަކެއް ފަތުރައިގަތް ނަމަވެސް ޙަޤީޤަތަކީ ރަމަޞާން މަހުގެ ފަހު ދުވަހު މާލެސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑައިލި ނަމަވެސް އަދި ފަހުން މިސްކިތްތައް ބަންދުކުރިނަމަވެސް ޖަމާޢަތުގައި ނަމާދުކުރުމާއި ހުކުރުކުރުން މާލެސިޓީގައި މެދުކަނޑާނުލައި ކުރިއަށް ގެންގޮސްފައިވާ ކަމެވެ.
ކޮވިޑް ފެތުރުން އިތުރުވި ދުވަސްތަކުގައި މިސްކިތަށް ދިއަ މީހުންގެ އަދަދު މަދުވިނަމަވެސް ގިނަ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުނުކުރި ނަމަވެސް ބައެއް މިސްކިތްތަކުގައި ޖަމާޢަތުގައި އައީ ނަމާދުކުރަމުންނެވެ. ހުކުރުވެސް ކުރަމުންނެވެ.
އެއްވެސް އިތުރު ހުއްދައަކާއިނުލައި 4 ގަޑިއިރު ބޭރުގައި އުޅެން ހުއްދަދިނުމުން ބަންގިއަށް ޢިޖާބަދީ މިސްކިތަށް ދިއުމަކީ ބިރުގަންނަން ޖެހެންވީ ކަމެއް ނޫންކަން ޤަބޫލުކުރެވި ގިނަ ބައަކު ބިރުކަނޑާލައި މިސްކިތަށްދާންފެށީއެވެ. އިތުރު މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުވެސް ކުރަންފެށީއެވެ.
ބައެއް މީހުން ބުނަނީ އެމީހުންގެ އަތުގައި 3 ޕަރމިޓް އޮންނަ ކަމަށެވެ. އެއީ: 1 މަސައްކަތް ކުރަން ދާން ފުލުހުން ދޭ ޕާމިޓް 2 ޟަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅުމަށް ފުލުހުން ދޭ ޕާމިޓް 3 ބަނގީގެ އަޑުއިވުމުން މިސްކިތަށް ދާން މާތް ﷲ ދެއްވަވާ ޕާމިޓް ކަމަށެވެ. އަދި ފުލުހުންނާއި ރިވެތިގޮތުގައި މުޢާމަލާތުކުރުމުން 3 ވަނަ ޕާމިޓަށް ސިފައިންނާއި ފުލުހުން ހުރަސް ނާޅާކަން ފާހަގަކޮށް ގިނަ ބައަކު އެބޭކަލުންނަށް ޝުކުރު އަދާކުރެއެވެ.
މާލެ ސިޓީގައި ގިނައީ ނަމާދުކުރެވެން ނެތް ގޭބިސީތައްކަން ސަލާމަތީ ބާރުތަކަށް އެނގެއެވެ. އެބޭކަލުންވެސް ދިރިއުޅުއްވަނީ ހަމަ މާލެސިޓީގައިކަމަށްވުމުން އެކަމުގައި ހުރި ދަތިތައް އެބޭކަލުންނަށްވެސް ހަމަ ވަރަށް ރަނގަޅަށް އެނގިލައްވައެވެ.
ކޮންމެ މުޞީބާތަކުން ވެސް ސަލާމަތްވުމަށް މުސްލިމުންނަށް އޮތްމަގަކީ ނަމާދުކޮށް ދުޢާކުރުންކަމަށް އިސްލާމިކް މިނިސްޓްރީން ގެންދަނީ ނަމާދުވަގުތުތަކުގައި މިސްކިތްތަކުގެ ތާލަފިލިތައް މެދުވެރިކޮށްވެސް ހަނދާންކޮށްދެމުންކަން ފާހަގަކުރަންޖެހެއެވެ.
4 ވަނަ ރާޅު އަރައި ފައިބައިގެން މިދަނީ ހަމަ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް ހުކުރުވެސް ކުރަމުން ގެންދަނިކޮށްކަން އެއީ ފެންނަން އޮތް ޙަޤީޤަތެކެވެ.