ވިހެއުމުގަ ވޭނަކީ އެންމެ ގަދަފަދަ ވޭން! ބިރު ނުގަނެ ނިކަން މިމަގުން ޢަމަލުކޮށްބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 57ސ
ވިހެއުމުގަ ވޭނަކީ އެންމެ ގަދަފަދަ ވޭން! ބިރު ނުގަނެ ނިކަން މިމަގުން ޢަމަލުކޮށްބަލަ!

ވިހެއުމުގެ ވޭނަކީ ވަރަށް ގަދަފަދަ ވޭނެކެވެ. އެންމެ ތަޤްވާވެރި އަންހެނުން ބުނާ ގޮތުންވެސް ވޭން އަޅަން ފެށުމުން ދުނިޔޭގެ ހުރިހާ ކަމެއްގެ މަތިން ހަނދާނެ ނެތިގެންދާ ވަގުތުކޮޅެއް އައުދެއެވެ. އެއީ ކަންބޮޑުވާން ޖެހެންވީ ކަމެއް ނޫނެވެ. އެކަން އެގޮތަށް މެދުވެރިވަނީ އެކަން އެގޮތަށް މެދުވެރިވުމަށް ﷲ ތަޢާލާ މިންވަރުފުޅު ކުރައްވަވާފައިވާތީއެވެ. ވީމާ އެކަމަށް ބިރުން އުޅުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

މާބަނޑުވުމުން، ދަރިފުޅު ވިހާ ވަގުތު އަޅާނެ ވޭނާއިމެދު ވިސްނުމަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެކަން ހިތަށް އަންނަ ކޮންމެ ފަހަރަކު ޛިކްރުކުރާށެވެ! އަސްތަޣްފާރުކުރާށެވެ! ވިހެއުމަކީ ލުއިކަމެއް ކަމުގައި ލައްވަވައި ދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ހަމަ އެއާއިއެކު ހަމަ އެންމެ ނަމާދެއްވެސް ދޫކޮށް ނުލާށެވެ! ޚާއްޞަ ޙާލަތާއި ގުޅިގެން މަޖުބޫރުވެގެން ނަމާދެއް ދޫވި ނަމަވެސް ފުރުޞަތު ލިބުމުން އަވަހަށް ޤަޟާކުރާށެވެ! ތިމާ ކުރިމަތިލާން މިއުޅެނީ ވަރަށް ވަރުގަދަ "ހަނގުރާމަ"އަކާއިކަން އަބަދުވެސް ހިތުގައި ބާއްވާށެވެ! ހަނގުރާމައިގައި ޝަހީދުވި ނަމަވެސް ތިމާގެ އެއްވެސް ދަރަންޏެއް ނުއޮންނަ ވަރަށް ތައްޔާރުވާށެވެ!  

ކައިވެނީގައި ލިބޭ އެންމެ ބޮޑު އުފަލަކީ ދަރިން ލިބުމެވެ. އެހެންކަމުން ބަލިވެއިން ކަމުގެ ޚަބަރު ޑޮކްޓަރުން ދިނުން ވެފައި އޮންނަނީ ލިބޭ އެންމެ އުފާވެރި ޚަބަރަށެވެ. ނަމަވެސް ބައެއް ފަހަރު މި އުފާވެރިކަން ބޮޑު ބިރުވެރި ކަމަކަށް ބަދަލުވެގެންދެއެވެ. ބަނޑަށް މަސްތައް ފުރި ބަނޑު ބޮޑުވާން ފެށުމުންނެވެ. ބުރަކަށީގައި ރިއްސަން ފެށުމުންނެވެ.  

އެހިސާބުން ދެން ވިސްނަން ފެށެނީ ވިހެއުމުގެ ކަންކަން ވާނެ ގޮތަކާއިމެދުގައެވެ. ވިހެއުމުގައި އަޅާނެ ގަދަވޭނާއިމެދުގައެވެ. އެ ގަދަ ވޭނަށް ކެތްކުރެވޭނެ ކަމާއިމެދުގައެވެ. މިފަދަ ގޮތްގޮތަށް ވިސްނާ މީހުން ޑޮކްޓަރަށް ދައްކާ ކޮންމެ ފަހަރަކު ސުވާލުކުރާނެ އެއްކަމަކީ އެމީހުންނަށް އަޅާނެ ވޭން ކުޑަކުރެވޭނެ ގޮތަކާއިމެދުގައެވެ.  

ވިހެއުމުގެ ތެރޭގައި މަރުވާ އަންހެނުންނަކީ  2 ވަނަ ދަރަޖައިގެ ޝަހީދުން ކަމުގައި އޮތުމުން އޮތީ ބިރުގަތުމެއް ނޫނެވެ! އުފާކުރުމެވެ! އެކަމަށް ތައްޔާރުވާންވީއެވެ! ހަނގުރާމައިގެ މައިދާނަށް ނުކުންނަންވީ ﷲ ތަޢާލާ ތިމާއަށް ނަޞްރު ދެއްވަވާނެ ކަމުގެ ޔަޤީންކަމާއިއެކުގައެވެ. ނަޞްރު ދެއްވެވުން އެދި ދުޢާކުރަމުންނެވެ! 

ތަޖުރިބާ ކުރުމުގެ ގޮތުން ނަމަވެސް މިބުނި ގޮތަށް ކަންކަން ކޮށް ވިހެއުމާއި ކުރިމަތިލާން ތައްޔާރުވެގެން ވިހަން މަސައްކަތްކޮށްބަލާށެވެ! ތަފާތު ފެންނާނެއެވެ! އިން ޝާ ﷲ!  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން