އަޅުގަނޑު ކަސްރަތުކުރަމެވެ. އެކުވެރިންވެސް ކަސްރަތުކުރެއެވެ. ކަސްރަތުކުރާ އެކުވެރިންގެތެރޭގައި ގިނައީ އެކަނިވެރި އަންހެނުންނެވެ. ދެމަފިރިން އެކުގައި ހަމަޖެހިގެން ދިރިއުޅޭ އަންހެނުން ކަސްރަތުކުރާ ނިޞްބަތް މަދެވެ. އެކުވެރިންގެ އެކުވެރިންނާއި މަޝްވަރާކުރުމުންވެސް ނުކުތީ ހަމަ މިގޮތަށެވެ.
އެހެންކަމުން މިފުރުޞަތުގެ ބޭނުން މިކުރަނީ އަޅުގަނޑުގެ ފަރާތުން ނަޞޭޙަތެއް ދިނުމަށެވެ.
އެއީ ކަސްރަތުކުރުމަކީ އެކަނިވެރިވުމުން ކުރަން އޮތް ކަމަކަށް ނުހަދާށެވެ. ފިރިމީހާއަށް ޚިދުމަތްކުރަމުންވެސް، ދަރިން ބަލަމުންވެސް ކަސްރަތުކުރަން ވަގުތު ހޯދާށެވެ! ސަބަބަކީ އެކަނިވެރިވާންޖެހޭނީ ކޮންވަގުތަކު ކަމެއް ނުއެނގޭނެއެވެ.
ކަސްރަތު ނުކުރާނަމަ ތިމާގެ ސިފަ ގެއްލޭނެއެވެ. ބުރުސޫރަ ހަޑިވާނެއެވެ. ބަލިތައް އިތުރުވާނެއެވެ. އެކަނިވެރިވާންޖެހުމުން މިކަންކަމަށް ވިސްނައިގެން ކަސްރަތުކުރަންފެށޭއިރު އޮންނަނީ މާބޮޑަށް ލަސްވެފައެވެ. ކަސްރަތުކުރަން މާގިނަވަގުތުތައް ހޭދަކުރަން ޖެހިފައެވެ.
އަދިވެސް ބުނަން ހެއްޔެވެ؟ ކަސްރަތުކުރާނަމަ އެކަމުން ލިބޭނެ އެންމެ ބޮޑު އެއް ފައިދާއަކީ ހަށިގަނޑު ރީތިކޮށް ހުރުން ކަމުގައިވާއިރު ހަށިގަނޑު ރީތިކޮށް ހުންނަނަމަ ފިރިމީހާއަށްވެސް ރީތިވާނެއެވެ. ޑޮކްޓަރަށް ދައްކަންޖެހޭވަރު މަދުވީމާ ފިރިމީހާ އުފާވެސްވާނެއެވެ. ފިރިމީހާއަށް ޚިދުމަތްކުރަން ވެސް ފަސޭހަވާނެއެވެ.
މިއީ އަހަރެންގެ ވިސްނުމެވެ. ކަމުދާނެ ޚިޔާލަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.
- ޒުލްފާ/ މިއަދުނޫހުގެ ކިޔުންތެރިއެއް