މިހެން ބުނާނީ އެންމެ އަގުބޮޑު ޖަވާހިރެއް ފަދަ ފިރިން! އެފަދަ ފިރިއަކު ލިބިއްޖެ ނަމަ ހިތުގަ ޖެހޭނެ ބަހެއްވެސް ނުބުނާތި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މިހެން ބުނާނީ އެންމެ އަގުބޮޑު ޖަވާހިރެއް ފަދަ ފިރިން! އެފަދަ ފިރިއަކު ލިބިއްޖެ ނަމަ ހިތުގަ ޖެހޭނެ ބަހެއްވެސް ނުބުނާތި!

މިހެން ބުނާނީ ވަރަށް މަދު ފިރިއެކެވެ. ނަމަވެސް މިފަދައިން ބުނެ އެގޮތަށް ކަންތައް ކޮށްދޭނެ ފިރިއަކު ލިބިއްޖެނަމަ އެމީހަކަށް ހެޔޮކޮށްހިތާށެވެ. އެފަދަ ފިރިއެއްގެ ހިތުގައި ޖެހޭނެ އެންމެ ބަހެއްވެސް ނުބުނާށެވެ!

މުސްލިމް މުޖުތަމައުތަކުގައި ގިނަ އަނބިން މަސައްކަތްކުރަނީ ގޭގައެވެ. އެއިގެ މާނައަކީ އެމީހުންކުރާ މަސައްކަތްލުއިވުމެއް ނޫނެވެ. ދަރިންނާއި ގެދޮރު ބަލަހައްޓައި ކައްކައިކާންދިނުމަކީ ކުޑަ ަމސައްކަތެއް ކަމަށް ދެކެގެން ނުވާނެއެވެ. އެކަންކަން ރަނގަޅަށް ކުރެވޭނީ ވަރަށް ހީވާގި އަންހެނުންނަށެވެ. އެކަންކަން ޙާޞިލުކުރެވޭނީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެންނެވެ.

ފިރިން ޢާންމުގޮތެއްގައި މަސައްކަތްކުރާނީ ގެއިން ބޭރުގައެވެ. ބައެއް ފިރިން ވަރަށް ބުރަކޮށް މަސައްކަތްކުރާނެއެވެ. އެހެންކަމުން ޢިޝާ ނަމާދުން ފައިބާއިރު ތިބޭނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ބޭނުންވާނީ އަވަހަށް ނިދާށެވެ. (ހަނދާންކުރާށެވެ! މިދައްކަނީ އިސްލާމްދީނަށް ޢަމަލުކުރާ މުސްލިމް ފިރިންގެ ވާހަކައެވެ.)

އެހެންކަމާއިއެކުވެސް ބައެއް ފިރިން އެމީހުންގެ އަނބިން ދުވާލުކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް ޢާންމުކޮށް ފިރިން ނުބުނާ ވާހަކަ އެބަބުނެއެވެ. "ލޯބިވާ އަނބިމީހާއެވެ. މިއަދުވެސް ތިބާ ވަރަށް ބުރަކޮށް މަސައްކަތްކޮށްފީނުމުއެވެ. މިރޭ ދަރިފުޅު ހޭލުމުން ދަރިފުޅުގެ ކަންކަންކުރާނީ އަހަރެންނެވެ. ތިބާ ހަމަޖެހިލައިގެން ނިދައިލާށެވެ!"

ލޮބުވެތި އަނބިންނޭވެ! މިފަދައިން ބުނެ އެކަންކޮށްދޭނަމަ އެފިރިއަކީ ﷲ ތަޢާލާ ތިބާއަށް ދެއްވަވާފައިވާ ޖަވާހިރެއްފަދަ ފިރިއެކެވެ. އެފިރިމީހާގެ ހިތްވަނީ ތިބާއަށް ލޯބިން ފުރިފައެވެ. އޭނާ ވާނީ ތިބާއަށް ލިބޭނެ އެންމެ އަގުބޮޑު ޖަވާހިރަށެވެ! އެފަދަ ފިރިއަކު ލިބޭނީ ވަރަށް ވަރަށް މަދުންނެވެ. ލިބިއްޖެނަމަ ކުރިން ބުނިފަދައިން ފިރިމީހާ ނުރުހޭނެ ކަމެއް ނުކުރުމުގެ އިތުރުން ހިތުގައި ޖެހޭނެ ފަދަ ބަހެއްވެސް ނުބުނާށެވެ.

މިނަޞޭޙަތުން ޢިބްރަތް ލިބިގަންނަންވީ ހަމައެކަނި އަނބިންނެއް ނޫނެވެ! ފިރިންވެސްމެއެވެ. ފިރިން ޢިބްރަތް ލިބިގަނެ ކުރަންވީކަމަކީ މިފަދައިން ބުނެ ޢަމަލުކުރާ ފިރިއަކަށްވުމެވެ. އަރާމުގައި ނިދައިލުމަކީ ހަމައެކަނި ފިރިންނަށް އޮތް ޙައްޤެއް ނޫނެވެ. އަނބިމީހާއަށްވެސް ދޭންޖެހޭ ޙައްޤެކެވެ.

--މަޢްލޫމާތު: މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން