އުނގޫފާރު އިސްލާމީ މަރުކަޒް ހުޅުވުން ލަސްވަނީ ޑރ. އަފްރާޝީމަށް ބައިވެރިވެ ވަޑައި ނުގެންނެވޭތީ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
އުނގޫފާރު އިސްލާމީ މަރުކަޒް ހުޅުވުން ލަސްވަނީ ޑރ. އަފްރާޝީމަށް ބައިވެރިވެ ވަޑައި ނުގެންނެވޭތީ؟

ކިންގް ސަލްމާން މިސްކިތް ހުޅުވުން ލަސްވަނީ އެކަމަށް މަޝްވަރާކުރަން ސައުދިޢަރަބިޔާއިން އަންނަ ވަފުދު އައުން ލަސްވާތީ ކަމަށް ޚަބަރު ތައް ފެތުރެމުން އަންނައިރު އުނގޫފާރުގައި އަޅާނިމިފައި ހުރި އިސްލާމީ މަރުކަޒު ހުޅުވުން ލަސްވާ ސަބަބާއިމެދު އުނގޫފާރުގެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. 

9 މާރިޗް 2017 ގައި ބިންގާއެޅި މަރުކަޒުގެ މަސައްކަތްވަނީ 2018 ނިންމައިފައެވެ. 2019 ވަނަ އަހަރުން ފޭށިގެން ރަށުގެ ރައްޔިތުން އިންތިޒާރުކުރަމުން ގެންދަނީ އެމީހުން އެންމެ ފަޚުރުވެރިވާ އިސްލާމީ މަރުކަޒު ހުޅުވާނެ ދުވަހަކަށެވެ. 

އެރަށުން މައުލޫމާތު ދިން މީހަކު ބުނީ މައުލޫމާތު ލިބޭ ގޮތުން މަރުކަޒު ނުހުޅުވި ލަސްވަނީ ސާމާނުތަކެއް ރާއްޖެއިން ބޭރުން ގެންނާތީ ކަމަށް އަޑުއިވޭ ކަމަށެވެ. އަދި އަޅާ ނިންމައި ކަރްންޓްދީ ދެންވެސް ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިމިފައި ތަނެއް ފުރިހަމަކުރަން ރާއްޖެއިން ބޭރުން ގެންނަން ޖެހެނީ ރާއްޖެއިން ކޮން އެއްޗެއް ނުލިބިގެންކަން ނުއނގޭ ކަމަށެވެ. އަދި 3 އަހަރުވާއިރުވެސް އެކަން ނުކުރެވިގެން އުޅޭ ސަބަބާއިމެދުގައިވެސް ސުވާލު އުފެދޭ ކަމަށެވެ. 

"2018ގަ މަސައްކަތްތައް ނިންމައިފި. ކޮވިޑް އައީވެސް 2020ގަ. އެއިގެ ފަހުން ވެސް އިތުރު ދޮޅު އަހަރުވީ. އެހެންވީމާ ޤަބޫލު ކުރެވެނީ އަލަށް އެއްޗެއް އުފައްދައިގެން ގެންނަނީ ކަމަށް." 

"ދެން ފަހަރެއްގަ ވެދާނެ ސައުދީ ވަފުދު އައުން ލަސްވާތީ ކޮން ސަލްމާން މިސްކިތް ހުޅުވުން ލަސްވާ ފަދައިން އުނގޫފާރުގައި ބިނާކުރި އިސްލާމީ މަރުކަޒު ހުޅުވުން ލަސްވަނީ މަރުކަޒު ބިނާކޮށްފައިހުރީ މިރަށުގެ ރައްޔިތުން އެންމެ ފަޚުރުވެރިވާ މިރަށުގެ ދަރި، ޑރ. އަފްރާޝީމް ޢަލީއަށް ނިޞްބަތްކޮށް އެމަނިކުފާނުގެ ނަންފުޅުގައި ކަމަށްވުމުން އެމަނިކުފާނަށް ރަސްމިއްޔާތުގައި ބައިވެރިވެވަޑައި ނުގެންނެވޭތީކަމަށް. އެކަމެއް ނުވާނެ. އެމަނިކުފާނުގެ ފުރާނަ ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގަ. އެކަލާނގެ ހެޔޮ ރަޙްމަތުގަ އިން ޝާ ﷲ" އެރަށުން މައުލޫމާތުދިން މީހަކު ބުނެފައިވެއެވެ. 

މިކަމަށް އިސްލާމިކް މިނިސްޓްރީގެ ބަހެއް ހޯދަން ގުޅުމުން މީޑިއާ އޮފިޝަލްގެ ނަމްބަރުކަމަށް މިއަދުނޫހަށް ލިބިފައި އިން ނަމްބަރުން ފޯނު ނުނަގާތީ އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭނެ ގޮތް ނުވެފައެވެ.

މިއަދު އޮންލައިން