ރިވެތި އަޚްލާޤް- ކައިވެނި ރޫޅުން ސަލާމަތްކޮށްދޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ރިވެތި އަޚްލާޤް- ކައިވެނި ރޫޅުން ސަލާމަތްކޮށްދޭ!

ކޮންމެ ދުވަހަކުހެން އެތައް ބައިވަރު ކައިވެނިތައް ރޫޅެމުންދާއިރު ގިނަ އަދަދެއްގެ ކައިވެނިތައް ރޫޅެމުން މިދަނީ އެކެއްގެ ނުވަތަ ދެމީހުންގެ ކިބައިގައި އަޚްލާޤްނެތުމުންކަން މިދަނީ އެނގެމުންނެވެ. އެހެންކަމާއިއެކުވެސް ރިވެތި އަޚްލާޤަށް ދޭންޖެހޭ ސަމާލުކަން މިދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ. އެހެންކަމުން އެކަން ބަދަލުކުރަން އެބަޖެހެއެވެ. އަމަލުތައް އިޞްލާޙްކުރަން އެބަޖެހެއެވެ. 

ނިކަން ވިސްނައިލަބަލާށެވެ! އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު (ﷺ) އެންމެ މާތް ސާހިބާ ކަމުގައި ވެގެން ދިއައީ ހަމައެކަނި ކުރެއްވެވި އަޅުކަމަކުން ނޫނެވެ. ބެހެއްޓެވި ރިވެތި އަޚްލާޤީ ސިފަފުޅުތަކުންނެވެ. އެހެން ދީންތަކުގެ މީހުން މިއަދު ފޮތްތައް ލިޔާއިރު ރަސޫލް (ﷺ) އެންމެ މަތީގައި ދަރަޖަ ކުރަނީ ކީއްވެގެން ހެއްޔެވެ؟ އެކަލޭގެފާނު (ﷺ) ކުރެއްވެވި އަޅުކަން ގިނަވެފައި ފުރިހަމަކަމަކުން ނޫނެވެ. އެކަލޭގެފާނު (ﷺ)، ޣައިރު މުސްލިމުންވެސް ހިމެނޭ ގޮތުން  މީސްތަކުންނާއިމެދު އަމަލުފުޅު ކުރެއްވެވި ރިވެތި އަޚްލާޤްގެ ސަބަބުންނެވެ. ވީމާ ރިވެތި އަޚްލާޤީ ނަމޫނާ ދެއްކުމަކީ ދުނިޔެއާއި އާޚިރަތުގައިވެސް މީހާގެ ޤަދަރު އުފުލިގެންދާނެ ކަމެކެވެ. 

ދެމަފިރިންގެ ކިބައިގައިވެސް ރިވެތި އަޚްލާޤް ހުރުމާއި ކުރާ ކޮންމެ ކަމެއްގައިވެސް އަޚްލާޤީ ރިވެތި ސިފަތައް ކުރިއަށް ނެރެން އިސްލާމް ދީން ބާރުއަޅައެވެ. ހަމައެކަނި ބާރުއަޅަނީއެއްވެސް ނޫނެވެ. މަޖުބޫރުވެސް ކުރުވައެވެ. އެއީ ﷲ ތަޢާލާގެ އަމުރުފުޅެކެވެ. ރަސޫލް ﷺ ގެ ސުންނަތުގައި އޮތްގޮތެވެ. އަދި އެކަމުގައި ރަސޫލް ﷺ ވަނީ އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. 

ވީމާ މިއީ ކޮންމެ ދެމަފިރިއަކުވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހިފައިވާ ކަމެކެވެ. ހަމައެކަނި ދުނިޔޭގެ ދިރިއުޅުމަށްޓަކައެއް ނޫނެވެ. ތިމާމެންގެ އާޚިރަތަށްޓަކައިވެސްމެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން