އަންހެން ދަރިފުޅުގެ ކައިވެނީގެރޭ މަންމަ ޚާއްޞަ ހަދިޔާއެއް ދިނެވެ. އެއީ ދަރިފުޅުގެ ނަމުގައި ހުޅުވާފައިވާ ބޭންކެއެކައުންޓެއްގެ ޕާސްބުކެވެ. އެކައުންޓަށް ވަނީ 1000 ޑޮލަރު ޖަމާކޮށްފައެވެ. މަންމަ ބުނީ ދެމަފިރިން އެކުގައި ދިރިއުޅޭއިރު ޚާއްޞަ އުފަލެއް ލިބޭ ކޮންމެ ފަހަރަކު އެކައުންޓަށް ކޮންމެވެސް ވަރަކަށް ފައިސާލުމަށެވެ. އަދި އެއީ ކޮން އުފަލެއް ލިބިގެން ޖަމާކުރި ފައިސާއެއްކަން ފޮތުގައި ނޯޓްކުރުމަށެވެ.
މަންމަގެ ވަޞިއްޔަތް ޤަބޫލުކޮށް މަންމަ ބުނި ގޮތަށް ދިއައީ ޢަމަލުކުރަމުންނެވެ.
ކައިވެންޏަށް 3 އަހަރުވީތަނާ ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެހެން ފަށައިފިއެވެ. ޒުވާބުކުރުން ގިނަވެ ދެން އިތުރަށް އެކުގައި ނުއުޅެވޭ ހާލަތަށް ކަންކަން ދިއުމުން އަންހެން މީހާ ގޮސް މަންމައަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ.
މަންމަގެ ޖަވާބަކަށްވީ އުފަލުގައި އެކުގައި ނުއުޅެވޭނެނަމަ ވަރިވުމަކީ މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް ވަރިވުމުގެކުރިން މަންމަ ހުޅުވައިދިން އެކައުންޓަށް އެހައިތަނަށް ޖަމާކޮށްފައި ހުރި ހުރިހާ ފައިސާތަކެއް އެކައުންޓުން ނަގައި މަޖާކުރަން ޚަރަދުކޮށްލަން ބުންޏެވެ.
އަނެއްދުވަހު ފައިސާނަގަން ގޮސް ކިޔޫގައި ހުރެ ޕާސްބުކް ހުޅުވައި ރަނގަޅަށް ބަލައިލިއެވެ. ދެމަފިރިން ލޯބިން އެކުގައި ދިރިއުޅުނުއިރު ލިބުނު އުފާވެރިކަމާ ކާމިޔާބީތައް ލިޔެފައިވާ ފޮޅުވަތްތައް ވަކިވަކިން ކިޔައިލިއެވެ.
ކުއްލިއަކަށް ހިތްބަދަލުވެއްޖެއެވެ. އެކައުންޓް އުވާލަން ބޭނުމެއް ނުވިއެވެ. ފައިސާ ނަގައި ޚަރަދުކޮށްލުމުގެ ވިސްނުން މުޅިން ފިލައިފިއެވެ. އެހިސާބުން ފޮތް ހިފައިގެން ގެއަށް ގޮސް ފިރިމީހާއަތަށް ދީފައި މަންމަ ބުނިފަދައިން އެކައުންޓް ބަންދުކޮށް ހުރިހާ ފައިސާތައް ނަގައި ޚަރަދުކޮށްލަން ފިރިމީހާ ގާތުބުންޏެވެ.
ފައިސާ ނަގަން އަނެއް ދުވަހު ފިރިމީހާ ބޭންކަށްގޮސް ކިޔޫގައި ހުއްޓެވެ. އޭނާއަށްވެސް ކަންތައް މެދުވެރިވީ ހަމަ އަނބިމީހާއަށް ކަންތައް މެދުވެރިވި ގޮތަށެވެ. ފޮޅުވަތްތައް ކިޔާލުމުން އުފާވެރި މާޒީގެ ހަނދާންތައް އައުމުން އެކައުންޓުން ފައިސާ ނަގަން ބޭނުމެއް ނުވިއެވެ. ފޮތް ހިފައިގެން އެނބުރިދިއައީ ގެއަށެވެ.
އެހިސާބުން ދެމަފިރިންނަށްވެސް އައީ ދެވަނަ ހަނީމޫނުގެ ދުވަސްތަކެވެ. ކުރީގެ ހަނީމޫނަށްވުރެ މާލޯބިވެސް ގަދަކަމަށްވިއެވެ.
މިއީ ހަމަ ޢިބްރަތްތެރި ވާހަކަކޮޅެކެވެ. ދޭންބޭނުންވާ މެސެޖަކީ ދިރިއުޅުމުގައި ތަފާތު ކަންކަން ކުރިމަތިވާނެއެވެ. ހިތްހަމަނުޖެހޭ، ފޫހިވާ ކަންކަންވެސް ކުރިމަތިވާނެއެވެ. އެފަދަ ކަމެއް ކުރިމަތިވާ ކޮންމެ ފަހަރަކު ވަރިވުމަށް ނުވަތަ ވަރިކުރުމަށް އަވަސްވެ ނުގަންނާށެވެ. މާޒީގެ އުފާވެރިކަންތައްތައް މަތިން ހަނދާންކޮށްލައި އެކުގައި ދިރިއުޅެން މަސައްކަތްކުރާށެވެ! ބައެއްފަހަރު މައްސަލަތައް ކުރިމަތިވުމަކީވެސް ލޯބި އިތުރުވާ ކަމެކެވެ. ނަމަވެސް ލޯބިއިތުރުކުރަން މައްސަލަތައް ކުރިމަތިކުރަން ނުހަދާށެވެ! އަތަށްވެސް ގޮވައިފާނެއެވެ! އެއިރުން ކުރަންޖެހޭ ހިތާމަ މާބޮޑުވެދާނެއެވެ.
- ޝިމްރީން