ޒަވާޖީ ޙަޔާތުގަ މަކަރުހަދާ މީހުންނަށް ރަނގަޅު ޢިބްރަތެއް ލިބޭނެ 2 ސިޓީ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 7ސ
ޒަވާޖީ ޙަޔާތުގަ މަކަރުހަދާ މީހުންނަށް ރަނގަޅު ޢިބްރަތެއް ލިބޭނެ 2 ސިޓީ-

މަހުދީގެ ޙަޔާތުގައި ލިބުނު އެންމެ ބޮޑު އުފާވެރިކަން ލިބުމުން އަނބިމީހާ ހެއްވާލުމުގެ ބޭނުމުގައި ގެއަށް އައުމުން ލިބުނީ އާދައާ ޚިލާފް ސިޓީއެކެވެ. 

"އަހަރެމެންގެ ކައިވެންޏަށް 10 އަހަރު ފުރިއްޖެއެވެ. 10 އަހަރުގެ ތެރޭގައި އަހަރެންނަށް ދެވުނީ ކޮން ލޯތްބެއް ހެއްޔެވެ؟ ކޮން އުފަލެއް ހެއްޔެވެ؟ އަހަރެންނާއިމެދު ފަރުވާކުޑަކުރަމުން ގޮސް އަހަރެންގެ އިސްތަށިގަނޑު ކުރީ ހަފްތާގައި ކޮށައިލުމުންވެސް އަނގައިންވެސް ނުބުނަމު ނޫންހެއްޔެވެ؟ 

މިއަދު ތިބާގެ ބޮސް ފޯނުކުރިއެވެ. އަދި ވަޒީފާއިން ވަކިވެއްޖެ ކަމަށާއި އެއީ ތިބާގެ ސަންދޯކުގައި ޖެހި އެންމެ ފަހު މޮހޮރުކަމަށްވެސް ބުންޏެވެ. ވީމާ ތިބާ ފަދަ މީހަކާއިއެކު ދިރިއުޅުމުގެ އެއްވެސް ބޭނުމެއް ނެތުމުން މިގެއިން މިދަނީ ތިބާގެ ބޭބެ އާއިއެކުގައި ދިރިއުޅޭށެވެ. އަހަރެމެން ހޯދަން ނޫޅޭށެވެ. 

އަލަމާރީގައި އޮތް 5000 ޑޮލަރު ނެގީމެވެ. އަނބުރައިދޭނަމެވެ. 

ކުރީގެ އަނބިމީހާ"

މަހުދީ ޖަވާބުގައި ހަމަ އެސިޓީގެ ފުރަގަހުގައި ސިޓީއެއް ލިޔުނެވެ. 

"މިހާތަނަށް އަހަރެންގެ އަނބިމީހާއަށް ހެޔޮ ދުޢާ ސަލާމް 

ލޯބި ލިބުމާ ނުލިބުން ކަނޑައަޅާނީ ތިބާއެވެ. އެއީ ސިޓީއަކުން ދެއްކޭނެ ވާހަކަތަކެއް ނޫނެވެ. އިސްތަށިގަނޑު ކޮށާލުމުން އަނގައިން ނުބުނީ އެކަންކުރީ ބޭބެ ބުނެގެން ބޭބެއަށް ރީތި ސިފައިގައި ހުންނަން ބޭނުންވެގެންކަން އެނގޭތީއެވެ. ވަޒީފާ ދޫކޮށްލީ ލޮޓަރީ ޓިކެޓަކުން 10 މިލިއަން ޑޮލަރު ލިބުމުންނެވެ. 

ގެންދިއަ 5000 ޑޮލަރު އަނބުރާ ދޭނެކަމެއް ނެތެވެ. އެއީ ތިބާގެވެސް ފައިސާއެވެ. ބޭބެ އާއި ތިބާއަށް ނިކަމެތި ޙާލެއްގަ ޖެހިއްޖެނަމަ އަންގައިލާށެވެ. އެހީވެސްވާނަމެވެ. އިން ޝާ ﷲ. 

އުޅޭ ތަނެއް ހޯދަން ދާން ބޭނުމެއް ނުވެއެވެ. އިރާދަކުރެއްވިއްޔާ ދެންހުރި ކޮއްކޮ ގޮވައިގެން ނުފިލާނެ 2 އަނބިންނާ ލަހެއް ނުވެ އެއްފަހަރާ ކައިވެނިކުރާނަމެވެ. 

ދެމީހުންނަށް އުފާވެރި މުސްތަޤްބަލަކަށް އެދެމެވެ.

މިހައިތަނަށް ފިރިމީހާ" 

އަޅުގަނޑުގެ ޙަޔާތުގައިވެސް ވަނީ މި ޙާދިސާ އާއި ދާދި އެއްގޮތް ކަމެއް ކުރިމަތިވެފައެވެ. އެހެންކަމުން މިއަދުނޫހުގެ ކިޔުންތެރިންނާއި ހިއްޞާކޮށްލަން ބޭނުންވީއެވެ. އަޅުގަނޑު ދޫކޮށްލައި ތަނަވަސް މީހަކާއިއެކު އަޅުގަނޑަށް ފިލި އަނބިމީހާ އާއި 2 ވަނަ ކައިވެނީގައި އޭނާއަށް ލިބުނު 3 ދަރިން އަޅުގަނޑު ބަލަހައްޓާތާ 5 އަހަރުވީއެވެ. އެކަމުގެ ބަދަލު އެދެނީ ހަމައެކަނި ﷲ ގެ ޙަޟްރަތުންނެވެ. ވީމާ އެކަން ހިނގައިދިއަ ގޮތުގެ ވާހަކަދައްކާކަށް ނެތީމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މި 2 ސިޓީން ޢިބްރަތެއް ޙާޞިލުކުރެވޭނެ ކަމަށް އުންމީދުކުރަމެވެ. މަކަރުވެރި ރޭވުންތައް ރާވައި ބައިވެރިޔާއަށް ވައްކަންކުރާ ކޮންމެ މީހަކުވެސް ވިސްނައިލާށެވެ. އަދި ޔަޤީންކުރާށެވެ. އެންމެ މޮޅަށް ކަންކަން ރާއްވަވަނީ ﷲ ތަޢާލާކަމެވެ. އެކަން ޤުރްއާނުން އެނގޭނެއެވެ. 

- މުޙައްމަދު ޙާރިސް / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން