މުސްކުޅި ބައްޕަ ގޮވައިގެން އަގުބޮޑު ރެސްޓޯރަންޓަކަށްވަދެ އެތަނުގައި ތިބި އެންމެންނަށް އަގުހުރި ފިލާވަޅެއް ދިން ޒުވާނާގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 44ސ
މުސްކުޅި ބައްޕަ ގޮވައިގެން އަގުބޮޑު ރެސްޓޯރަންޓަކަށްވަދެ އެތަނުގައި ތިބި އެންމެންނަށް އަގުހުރި ފިލާވަޅެއް ދިން ޒުވާނާގެ ވާހަކަ-

ޒުވާނަކު އެންމެ އަގުބޮޑު ރެސްޓޯރަންޓްތަކުގެ ތެރެއިން ރެސްޓޯރަންޓަކަށްވަނީ މުސްކުޅި ބައްޕަ ގޮވައިގެންނެވެ. ބައްޕައަށް ހިނގެނީވެސް އެހީތެރިކަމާއިއެކުގައެވެ. އަތްތުރުތުރުއަޅާވަރުން ކެވެނީވެސް ވަރަށް އުނދަގުލުންނެވެ. ބައެއް ފަހަރު ގައަށްވެސް އެޅެއެވެ. 

އެ މަންޒަރު ބަލަންތިބި މީހުން ޒުވާނާއަށް ފާޑުކިޔައިހެދިއެވެ. ނަމަވެސް ޒުވާނާއަޅައެއް ނުލައެވެ. ބައްޕަ ކައި ނިމުމުން ގޮވައިގެން ގޮސް ސާފުކޮށްލައި މޫނުވެސް ދޮއްވާލައި އަދި ފުނާވެސް އަޅައިދީ ރީތިކޮށްލައިގެން ގެނެސް ބޭންދުމުން އެންމެން ތިބީ ޙައިރާންވެފައެވެ. ދަރިއަކު ބައްޕައަށް ކޮށްދިން ޚިދުމަތް ފެނުމުންނެވެ. އަދި ލަދުވެތިވެސް ވެފައެވެ. އެއީ އެމީހުންގެ މައިންބަފައިންނަށް އެފަދަ ޚިދުމަތެއްކޮށްނުދެވޭތީއެވެ. 

މިވާހަކަކޮޅު ފެނުނީ ސޯޝަލް މީޑިއާއިންނެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ހިއްޞާކޮށްމިލަނީ މިއީ ހަމަ ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހްމާލުވެވިފައި އޮންނަ ކަމަކަށްވާތީއެވެ. ވަރަށް ގިނައިން ފެންނަ ކަމެކެވެ. ކައިގެން ދަމުން ގޭގައި ތިބި މައިންބަފައިންނަށް ޕާރުސަލް ގެންގޮސްދޭތަނެވެ. ސުވާލަކީ އެމީހުންވެސް ދަރިންނާއިއެކު އައިސް ހިތްހަމަޖެހުން ލިބެން ބޭނުންވާނެއިރު އެމީހުން ނުގެނެސް އެކަންކޮށްދެވިދާނެހެއްޔެވެ؟ ޕާރުސަލްކޮށްގެން ހިތްހަމަޖެހުން ގެންގޮސްދެވިދާނެހެއްޔެވެ؟ 

ވިސްނައިލާށެވެ. ކުދިން ކުޑައިރު މައިންބަފައިން އެކުދިން ރެސްތޯރަންޓްތަކަށް ގެންދެއެވެ. ކާއިރު ގައަސްވެސް އެޅެއެވެ. ދޮވެދީ ރީކޮށްދެނީ މައިންބަފައިންނެވެ. ވީމާ އެމީހުންނަށް އެޚިދުމަތްދޭން ދަރިން ފަސްޖެހެންވީ ކީއްވެގެން ހެއްޔެވެ؟ މާލީ ޙާލުހުރި ގޮތުން މައިންބަފައިންނަށް ދަރިން ރެސްޓޯރަންޓްތަކަށް ނުގެންދެވުނު ނަމަވެސް ދަރިންނަށް އެފަދަ ތަނަވަސްކަމެއް ލިބުމުން މައިންބަފައިން ހިތްހަމަޖައްސައި ނުދޭންވީ ކީއްވެގެން ހެއްޔެވެ؟ 

އެކަން އެންމެ ރަނގަޅަށް އަޅުގަނޑުގެ މައިންބަފައިންނަށް ކޮށްދެވޭކަމަށް ބުނާކަށް ނެތީމެވެ. ނަމަވެސް ވީވަރަކުން ތަންތަނަސް ގެންދަމެވެ. ނުދާން އުޅުނަސް ނުދިއުމުން މާމަ/ކާފަ ދަރިން ދެރަވާނެ ކަމަށްބުނެގެންވެސް ގެންދަމެވެ.  

- ޢައިޝަތު ޒޫނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން