ބޭރުން ގެނެވޭ ދަރިންނާއި އަމިއްލަ ދަރިންނާއިމެދުގައި ތަފާތުކުރުމަކީ ވަރަށް ގިނައިން މައިންނަށް ކުރެވޭ ކަމެކެވެ. ނަމަވެސް މިއީ ކުރަންހެޔޮވާނެކަމެއް ނޫނެވެ. އަދި ވިސްނުންހުރި މައަކު ކުރާނެ ކަމެއްވެސް ނޫނެވެ.
މިފަދަ ކަންކަމުގެ އަސަރު ފެނިގެންދަނީ ކަންދިމާވާގޮތުން މުސްކުޅިވެ ބަލިޙާލުގައި ޖެހޭ ދުވަހު އެދަރިންނަށް ބަލަންޖެހުމުންނެވެ. ހިތުގައި ކުރަލާފައި ހުރިނަމަ ދޭންޖެހޭ އަޅާލުމާއި ލޯބި އެފަދަ ދުވަހަކު ނުދެވުން އޮންނާނީ ވަރަށް ގާތުގައެވެ. އެއީ އިންސާނީ ޠަބީޢަތެވެ.
ކޮންމެ ގޮތެއްވީނަމަވެސް އަމިއްލަދަރިންދެކެ ބޮޑަށް ލޯބިވެވޭނެއެވެ. އެއީވެސް ހަމަ އިންސާނީ ޠަބީޢަތެވެ. ވިސްނަންވީ އެކަން ބޭރުފުށުން ނުދެއްކުމަށެވެ. އެކަން ހިތުގައި އެގޮތަށް އޮތްނަމަވެސް އެކަން ހާމަކޮށްގެންނުވާނެއެވެ! އަމިއްލަ ދަރިން ދެކެ ބޮޑަށް ލޯބިވާނެކަން ބޭރުން ގެނެވޭ ދަރިންނަށްވެސް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް އެކަން އަމަލާއި ބުނާބަހުން ނުދައްކާނަމަ އެކަމުން އަސަރެއް ނުކުރާނެއެވެ!
ގިނައިން ނުވަތަ ބުރަކޮށް މަސައްކަތްކުރީމާ އަމިއްލަދަރިން ވަރުބަލިވާ ފަދައިން ބޭރުން ގެނެވުނު ދަރިންވެސް ވަރުބަލިވާނެކަން އެނގެންވާނެއެވެ! އަދި އަމިއްލަދަރިން އެމީހުންގެ ފިރިންނާއި/ އަނބިންނާއިއެކު ވަގުތު ހޭދަކުރަން ބޭނުންވާ ފަދައިން ބޭރުން ގެނެވުނު ދަރިންވެސް އެކަންކަން ބޭނުންވާނެކަންވެސް އެގެންވާނެއެވެ!
މިފަދަ ހުރިހާ ކަންކަމަށް އޮތް އެންމެ ފަސޭހަ، އެންމެ ރަނގަޅު ޙައްލަކީ ބޭރުން ގެނެވުނު ދަރިންވެސް ތިމާމެންގެ ގާތުގައި ތިބޭނަމަ އެދަރިންގެ މައިންބަފައިންނަކީ ތިމާމެން ކަމުގައި ޤަބޫލުކުރުމެވެ. އެކަން ޤަބޫލުކުރެވޭނަމަ ޢާއިލާގެ ތެރޭގައި މައްސަލަތައް މަދުވެ އުފާވެރިކަން ދެމިއޮންނާނެއެވެ.
- ޑރ. ޒަރީނާ ޔޫސްފް