މިލިޔުން ކިޔާފަ ތިމާދެކެ ލޯބިވާ، ވަފާތެރި ބައިވެރިޔާ ދޫކޮށްލައި ތިމާ ލޯބިވާ މީހުން ފަހަތުން ދުވާ މީހުން އެކަން ކުރުން ހުއްޓާލާނެ!- އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
މިލިޔުން ކިޔާފަ ތިމާދެކެ ލޯބިވާ، ވަފާތެރި ބައިވެރިޔާ ދޫކޮށްލައި ތިމާ ލޯބިވާ މީހުން ފަހަތުން ދުވާ މީހުން އެކަން ކުރުން ހުއްޓާލާނެ!- އިން ޝާ ﷲ

އޭނާއަކީ ތަނަވަސް މީހެކެވެ. ނަމަވެސް އޭނާގެ ކުރިމަތީގައި އޮންނަ މައްސަލަ އަކީ އޭނާއަށް ބޮޑު ތަކްލީފެކެވެ. އެއީ އެކަން ޙައްލުކުރަންވީ ގޮތެއް އޭނާއަށް ނުވިސްނޭތީއެވެ. 

މައްސަލައަކީ ދިރިއުޅުމުގެ މައްސަލައެކެވެ. އެއްކޮޅުގައި އޭނދެކެ ނުހަނު ލޯބިވާ އަނބިމީހާއެވެ. އަނެއްކޮޅުގައި އެއަންހެނަކު ދެކެ އޭނާ ނުހަނު ލޯބިވާ އަންހެނެކެވެ. ދެމީހުން އެކުގައި ގެންގުޅެވޭނެ ގޮތެއްނެތެވެ. ދެން ހަދާނީ ކިހިނަކުން ހެއްޔެވެ؟ 

އޭނާގެ ވަރަށް އެކުވެރި ގަސް ވިއްކާ މީހަކު ހުރެއެވެ. އެއީ ވަރަށް ބުއްދިވެރި މީހެކެވެ. ކަންކަމުގައި ރަނގަޅުގޮތް ބުނެދޭ މީހެކެވެ. އެހެންވެ އެއް ދުވަހަކު އޭނާ ގަސްވިއްކާ މީހާ އާއި މިކަމުގައި މަޝްވަރާކުރިއެވެ. މިކަން ޙައްލުކުރާނެ ގޮތަކާއިމެދުގައެވެ. 

ގަސްވިއްކާ މީހާ ވަރަށް ރީތިކޮށް ހެދިފައިހުރި ކެކްޓަސްއަކާއި ފިނިފެންމާ ކުރިއެއް އިން ޕޮޓަކާއި 2 ޕޮޓް އޭނާގެ ކުރިމަތީގައި ބަހައްޓާފައި ބޭނުން ޕޮޓެއް ނަގަން ބުނުމުން އޭނާ ނެގީ ފިނިފެންމާ އިން ޕޮޓެވެ. "ރަޙްމަތްތެރިޔާއަށް 2 ޕޮޓުން އެއްވެސް ޕޮޓެއް ޙައްޤެއް ނޫނެވެ. އަތުގައި ކިތަންމެ ފައިސާ ގިނަ ނަމަވެސް ވިސްނުމެއް ނެތެވެ." 

އެއީ ކީއްވެގެންތޯ ސުވާލުކުރުމުން ކިޔައިދިނެވެ. "މައު ތިއަ އިޚްތިޔާރުކުރީ ރީތިކަމުންނެވެ. ނަމަވެސް ކިތަންމެ ރީތި ނަމަވެސް މައު މިލައިގެންދާނެއެވެ. އެހިސާބުން ރީތިކަން ގެއްލިނިމުނީއެވެ. ކެކްޓަސް ބަދަލެއް ނުވެ ކިތަންމެ ޒަމާނެއްވަންދެންވެސް އިނދެދާނެއެވެ. އެއގެ ރީތިކަމުން ދާނީ ހިތްހަަމޖެހުން ލިބެމުންނެވެ. ވީމާ ފެންނަހައި ރީތި އެއްޗަކީ ތިމާއަށް ޙަޤީޤަތުގައި ފައިދާކުރާނެ އެއްޗަކަށް ނުވެދާނެއެވެ. 

ތިބާ ދެކެ ލޯބިވާ އަނބިމީހާ ތިބާގެ ހަށިގަނޑަށް ފަރުވާތެރިވާނެއެވެ. ހިތާމައިގެ ވަގުތުތަކުގައި ކަރުނަފުހެދީ ހިތްވަރުދޭނެއެވެ. މުޞީބާތުގެ ވަގުތުތަކުގައި ތިބާއާއިއެކު ގާތުގައި ހުންނާނެއެވެ. ނަމަވެސް ތިބާ އެއަންހެނަކު ދެކެ ލޯބިވާ މީހާ ތިބާދެކެ ލޯބިއެވަނީ ތިބާގެ ތަނަވަސްކަމަށެވެ. އެއްވެސް މުޞީބާތެއް ނުވަތަ ހިތްދަތިކަމެއް ތިބާއަށް ލިބިއްޖެނަމަ ތިބާދޫކޮށް ފިލަން އަވަސްވެގަންނާނެއެވެ. އެހެން މީހެއްގެ ކިބައިން ހިތްހަމަޖެހުން ހޯދާނެއެވެ. އަދި ތިބާ ދެކެ ލޯބިވާ އަނބިމީހާ ތިބާ ނޫން މީހެއްގެ ކިބައިން އެއްވެސް ކަމަކަށް ބޭނުމެއް ނުވާނެއެވެ. 

ވީމާ މިކިޔައިދިން ކަންކަމުން ތިބާއަށް ކުރިމަތިވެފައިތިއައޮތް މައްސަލައަށް ޙައްލެއް ހޯދޭނެ ވިސްނުން ލިބޭނެ ކަމަށް އުންމީދުކުރަމެވެ." 

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއީ ރާއްޖޭގައި ހިނގާފައިވާ ކަމެއް ނޫން ނަމަވެސް މިބާވަތުގެ މައްސަލަތައް އަޅުގަނޑުމެންގެ ތެރޭގައިވެސް ހަމަ ކޮންމެ ދުވަހަކުހެން މިދަނީ ކުރިމަތިވަމުންނެވެ. ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ފައިދާއެއް ކުރާނެ ކަމުގެ އުންމީދުގައި ޙިއްޞާކޮށްލީއެވެ. 

ތިމާދެކެ ލޯބިވާ ވަފާތެރި އަނބިން ދޫކޮށްލައި ތިމާ އެއަނހެނަކު ދެކެ ލޯބިވާ އަންހެނުންގެ ފަހަތުން ދުވާ ފިރިހެނުންނަށް ފިލާވަޅަކަށްވާނެކަމަށް އުންމީދުކުރަމެވެ. ހަމައެފަދައިން ތިމާދެކެ ލޯބިވާ ވަފާތެރި ފިރިން ދޫކޮށްލައި ތިމާ ފިރިހެނަކު ދެކެ ލޯބިވާ ފިރިހެނުންގެ ފަހަތުން ދުވާ އަންހެނުނަށްވެސްމެއެވެ. 

- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން