ދުނިޔެއަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ "ސަވާދީއްތަ ދަތުރު" ރަސްމީކޮށް އިފްތިތާހް ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 4މ 14ސ
ދުނިޔެއަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ "ސަވާދީއްތަ ދަތުރު" ރަސްމީކޮށް އިފްތިތާހް ކޮށްފި

އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ "ސަވާދީއްތަ ދަތުރު" ރަސްމީކޮށް އިފްތިތާހް ކޮށްފިއެވެ.

2022 ވަނަ އަހަރުގެ ފެބްރުއަރީ މަހު ފެށިގެން، 3 ހަފްތާއަށް ދެމިގެންދާ މި ރެލީގައި ރާއްޖޭގެ އުތުރުގެ ރަށްތަކުން ހއ އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކާއި ހަމައަށް، މީހުން ދިރިއުޅޭ 11 ރަށަކާއި 4 ފަޅުރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.  މި ދަތުރުގައި ރާއްޖޭގެ މަޝްހޫރު އެތަށް ތާރީޚީ ބިނާތަކާއި، ދިވެހިންގެ އަމާންއޮމާން އެކުވެރި ރަށްފުށު ދިރިއުޅުމާއި، ރާއްޖޭގެ ރިވެތި ކަނޑުއަޑީގެ މަންޒަރު ބަލައިލުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.

އެމްއައިޓީޑީސީގެ ފަރާތުން މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ޤަސްތުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތުން، ބައިވެރިންނަށް ރާއްޖޭގެ ޤުދުރަތީ މުއްސަނދިކަމާއި ރީތިކަމާއި ސާދާ ދިރިއުޅުން އަދި ތާރީޚާއި ސަޤާފަތް ދައްކުވައިދޭނެ ގޮތަކަށެވެ.

މި ޔޮޓް ރެލީ ހާއްސަ ކުރެވިފައި މިވަނީ ދިވެހިރާއްޖޭގެ ޤައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުޙައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުން ގެ ދިރިއުޅުއްވުމާއި، އެމަނިކުފާނުގެ ޖިހާދާއި ގުޅުންހުރި ކަންތައްތަކަށެވެ. މިދަތުރަށް "ސަވާދީއްތަ ދަތުރު" ގެ ނަން ދެވިފައިވަނީ އެ މަހާރަދުންގެ ނަންފުޅާއި ގުޅުވައިގެންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރުގައި މިއަދު ބޭއްވި ހަފްލާ ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަދެއްކެވީ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ރާއިދު އެވެ. މުޙައްމަދު ރާއިދުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ޓޫރިޒަމް ސިންދަފާތް ކުރުމުގެ މުހިންމު ކަމަށާއި އަދި ކޮމިއުނިޓީ ޓޫރިޒަމް ކުރިއެރުވުމުގެ މުހިންމު ކަމަށް އަލިއަޅުވާލާފައެވެ.

މިފަދަ ދަތުރެއް ފަރުމާކުރުމަށް ހިތްވަރު ލިބިގެންދިޔައީ، 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހު، މުލީއާގެއަށް 100 އަހަރު ފުރުމުގެ އިހްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞޯލިޙު ދެއްކެވި ވާހަކަފުޅުގައި "ސަޤާފަތަކީ މިއަދުގެ ގޮތުން ނަމަ އިޤްތިޞޯދުގެ ވެސް ބައެއް. ދުނިޔޭގެ އެކި ޤައުމުތަކުން އެކި ރަށްރަށަށް ފަތުރުވެރިން ދަތުރުކުރާ އެންމެ މުހިއްމު އެއް ސަބަބަކަށްވެފައި އޮންނަނީ އެ ޤައުމެއްގެ ތަރިކަ އާއި އެޤައުމެއްގެ ސަޤާފަތާއި އެ ޤައުމެއްގެ ދިރިއުޅުން ހުރި ގޮތް ދެނެގަތުން. ޚާއްސަކޮށް މިލޭނިއަލްސް ގެ ކުދިން ދަތުރުކުރުމުގައި އެންމެ އިސްކަމެއްދޭ ކަމަކަށްވެފައި އޮންނަނީ ތަރިކަ އާއި ޘަޤާފަތް ދެނެގަތުން" މިފަދައިން ވިދާޅުވެ، ދިވެހިރާއްޖެއަށް ހެރިޓޭޖް ޓޫރިޒަމްގެ މުޙިއްމުކަން ވިދާޅުވެދެއްވުމެވެ. އެދުވަހުން ފެށިގެން އެމްއައިޓީޑީސީގެ ފަރާތުން ތައްޔާރުވަމުން ގެންގޮސްފައިވަނީ މިފަދަ ދަތުރެއް ފަރުމާކުރުމަށެވެ.

މިދަތުރު ގެ ރަސްމީ ވެބްސައިޓު ލޯންޗުކޮށްދެއްވާ، ހަފްލާގެ ޝަރަފުވެރި މެހުމާނަކީ، ވޮޔާޖެސް މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރ އަދި ކޯ ފައުންޑަރ އަލްފާޟިލް ސަލާހް ޝިހާބެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ދިވެހިރާއްޖެ ފަދަ ޤައުމެއްގައި ސަފާރީ ޓޫރިޒަމްގެ މުހިއްމުކަން ފާހަގަ ކުރައްވައި، އަދި ދިވެހިންގެ ސާދާ ދިރިއުޅުމާއި ޘަޤާފަތް އެންމެ ފުރިހަމަ ގޮތުގައި ތަޖުރިބާކޮށްލުމަށް ލިބިގެންދާ ނުހަނު ރަނގަޅު ފުރުސަތެއް ކަމުގައި ވިދާޅުވިއެވެ.

ހެރިޓޭޖް މިނިސްޓްރީގެ މުޝީރް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަލްފާޟިލް އައްބާސް އިބްރާޙިމް ބައިވެރިވެވަޑައިގެންނެވިއެވެ. އަލްފާޟިލް އައްބާސް އިބްރާޙިމްގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ޤައުމީ ތަރިކަ ބެލެހެއްޓުމާއި ދިވެހިރާއްޖެއަށް ހެރިޓޭޖް ޓޫރިޒަމްގެ މުހިންމު ކަމަށް އަލި އަޅުވާލެއްވިއެވެ. އަދި މިފަދަ މަސައްކަތެއް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ކުރައްވާތީ، އެމްއައިޓީޑީސީއަށް އެކަމަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި މީގެ އިތުރުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ތޮއްޔިބް މުޙައްމަދު ވަނީ ސަވާދީއްތަ ދަތުރުގެ ޕްރޮމޯ ލަވަ އިފްތިތާހް ކޮށްދެއްވާފައެވެ. އަދި ތޮއްޔިބް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، މިއީ އައު ގޮތްތަކަށް ދިވެހިރާއްޖެ އިޝްތިހާރުކުރުމަށް ލިބިފައިވާ ނުހަނު މުހިއްމު ފުރުޞަތެއްކަމަށާއި، އެމްއެމްޕީއާރުސީއަށް ދިވެހިރާއްޖެ އިޝްތިހާރުކުރުމުގެ ޒިންމާ އޮތް ސަރުކާރުގެ ކުންފުނިކަމަށްވެފައި، މި މުހިއްމު މަސައްކަތުގައި އެމްއައިޓީޑީސީ އަށް އެމްއެމްޕީއާރްސީގެ ފުރިހަމަ އެއްބާރުލުން ލިބިގެން ދާނެކަމަށާއި، މިފަދަ އިވެންޓެއް ރާއްޖޭގައި ބޭއްވުމުގެ މުހިއްމުކަން ފާހަގަ ކުރެއްވިއެވެ.

މި ހަފްލާގައި އިކޮނޮމިކް މިނިސްޓަރ  އަލްއުސްތާޛު ފައްޔާޟް އިސްމާޢީލް އަދި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ ދީދީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި، ސަރުކާރުގެ ކުންފުނިތަކުގެ އިސްބޭފުޅުންނާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވެލައްވާ އެކިއެކި ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާހް ކުރުމާއި އެކު މި ދަތުރުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ މުޅި ފުނިޔެއަށް ހުޅުވާލާފައެވެ. މިދަތުރުގެ ރަސްމީ ވެބްސައިޓް އެޑްރެހަކީ: www.maldivesyachtrally.com  

މިއަދު އޮންލައިން