ޑަބަލް ޕްރަމޯޝަނާއެކު އަނބިމީހާ އުރާލަންޖެހުން- ދިރިއުޅުމުގައާ ވަޒީފާގަ ކުރިއެރުން ބޭނުންވާ ކޮންމެ ދެމަފިރިއަކަށް ވަރަށް އަގުހުރި ފިލާވަޅެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 10ސ
ޑަބަލް ޕްރަމޯޝަނާއެކު އަނބިމީހާ އުރާލަންޖެހުން- ދިރިއުޅުމުގައާ ވަޒީފާގަ ކުރިއެރުން ބޭނުންވާ ކޮންމެ ދެމަފިރިއަކަށް ވަރަށް އަގުހުރި ފިލާވަޅެއް!

އަޒްލީން އަކީ ގިނަ މުވައްޒިފުންތަކެއް ގެންގުޅޭ މީހެކެވެ. މަޤާމަކަށް އެއްވެސް މުވައްޒިފަކަށް ޕްރަމޯޝަންދޭނަމަ އަޒްލީން ފުރަތަމަވެސް ކުރާކަމަކީ ކެންޑިޑޭޓުންގެ ގޭގެއަށް ގޮސް އެމީހުންގެ ދިރިއުޅުން ހުންނަ ގޮތް ބެލުމެވެ. އެކަމުގެ ސަބަބު އެއްވެސް މުވައްޒިފެއްގެ ގާތަކު ނުބުނެއެވެ. 

އެއްފަހަރު މަޤާމުގެ ކުރިއެރުން ދޭންވެގެން ދޭނީ ކާކަށްކަން ބެލުމަށް 4 މުވައްޒިފެއްގެ ގެއަށް ޒިޔާރަތްކުރިއެވެ. ކުރިން ޒިޔާރަތްކުރި 3 ގެއިންވެސް މަރުޙަބާކިޔާފައިވަނީ އެމީހުންގެ އަޞްލު ފެންވަރުގައެއް ނޫނެވެ. ކާން ބޭނުންކުރާނެ އަގުބޮޑު ތަށްޓާއި ތަކެތި ހޯދުމަށްފަހު ކެއުންވެސް ގެނެސްފައި ހުންނަނީ އޯޑަރުކޮށްގެން އެންމެ މޮޅު ކެއުމެވެ. 

ނަމަވެސް އިދްރީސްގެ އަނބިމީހާ ކަންތައްކުރީ ވަރަށް ތަފާތު ގޮތަކަށެވެ. ބޭރުން އެއްވެސް އެއްޗެއް ނުހޯދައެވެ. ކެއްކީވެސް އަމިއްލައަށެވެ. އަގުބޮޑު އެއްޗެއްވެސް ނުހަދައެވެ. ތައްޔާރުކުރީ އެމީޙުންގެ ފެންވަރުން ގޭގައި ކައްކައި އުޅޭތަކެއްޗެވެ. 

އެކަމާއި އިދްރީސް ހުރީ ހިތްހަމަނުޖެހިފައެވެ. ކަންބޮޑުވެފައެވެ. ބޮސްގެ ފެންވަރުން ޚިދުމަތް ނުދެވޭނެތީއެވެ. އެކަން އެނގުމުން އަނބިމީހާ ބުންޏެވެ. "އަހަރެމެންގެ އަތުގައި ހުރި ހުރިހާ ފައިސާކޮޅު އެކުގައި ޚަރަދުކުރިނަމަވެސް ބޮސްގެ ފެންވަރުން ޚިދުމަތެއް ނުދެވޭނެއެވެ. އަހަރެމެންގެ ގެއިން މެހްމާންދާރީ އަދާކުރުން ރަނގަޅުވާނީ އަހަރެމެންގެ ފެންވަރުންނެވެ. ލިބޭ ކުޑަ މުސާރަކޮޅުން އަހަރެމެން ދިރިއުޅޭ ފެންވަރުވެސް އެނގޭނީ އެއިރުން ނޫންހެއްޔެވެ؟ އަދި ބުނަން ހެއްޔެވެ؟ ކާތަކެތި މީރުވަނީ ކާން ބޭނުންކުރާ ތަށީގެ ފެންވަރަކުން ނޫނެވެ. އަދި ކައްކާ ރެސްޓޯރަންޓުގެ ނަމަކުންވެސް ނޫނެވެ. މީރުކޮށް ކެއްކިފައި ހުރިނަމައެވެ. ނިކަން އަޅެ މިފަހަރު ތަޖުރިބާކޮށްލަމާހެއްޔެވެ؟" 

ބޮސް އަށް އެކަންކަންވީ ވަރަށް އައު ތަޖުރިބާއަކަށެވެ. ގޭތެރެ އިތުރަށް ޒީނަތްތެރިކޮށްފައެއް ނުވެއެވެ. ނަމަވެސް ވަރަށް ސާފުތާހިރެވެ. ވަރަށް އާދައިގެ ތަށްޓާއި ސަމުސަލެވެ. ނަމަވެސް ބެހެއްޓިއިރުވެސް ހޫނުކަން ހުއްޓެވެ. ކާތަކެތިވެސް ހަމަ ވަރަށް އާދައިގެ ތަކެއްޗެވެ. ކާތަކެތިވެސް ހޫނުވެފައި ރަހަ ވަރަށް މީރެވެ." 

ކެއުމުގެ ވަގުތުގައި ބޮސް ގިނައިން ވާހަކަދެއްކީ އަނބިމީހާއެވެ. އެނާއަށް ކުރަން އެނގޭ މަސައްކަތްތަކާއި އަދި ގޭތެރޭގެ ކަންކަން ބަލަހައްޓާ ގޮތާއި އަދި އެނޫންވެސް ކަންކަމާއިބެހޭގޮތުންނެވެ. "ކަރަންޓު މަސައްކަތާއި ފެންވަޔަރު މަސައްކަތާއި ފަހަންވެސް އެނގޭ" ކަމަށް ބުނުމުން ބޮސް ހުރީ ހައިރާންވެފައެވެ. ބޮސްއަށް ބުނެވުނެވެ. "އެހެންވީމާ ފިރިމީހާއަށް މިހާރަށްވުރެ ގިނަ ވަގުތުވެސް މަސައްކަތުހައި ހޭދަކުރަން އުނދަގުލެއް ނުވާނެތާއެވެ! ގޭތެރޭގެ ކަންކަން ބޮއްސުންލައިގެން ނުދާނެ ނޫންހެއްޔެވެ؟" 

އަނެއް ދުވަހު އިދްރީސްއަށް ޑަބަލް ޕްރަމޯޝަން ދިނެވެ. އަދި ނަމަނަމަ އަނބިމީހާ ހިތުގައި ނުޖެއްސުމަށާއި ލޯބިން އެކުގައި އުޅުމަށް ނަޞޭޙަތްތެރިވިއެވެ. ލިބުނު ބޮޑު ކާމިޔާބީ އާއިއެކު ގެއަށް އައިސް ފުރަތަމަވެސް އަނބިމީހާ އުރައިލީއެވެ. ޕްރަމޯޝަން މިލިބުނީ އަނބިމީހާގެ ބޮޑު ޙިއްޞާއެއްވެސް އޮތުމުން ކަމުގައިވާތީއެވެ. އަނބިމީހާގެ ބައި ނެތި މިފަދަ ޕްރަމޯޝަނެއް ނުލިބޭނެތީއެވެ.

މިވާހަކަ މިކިޔައިދިނީ ދަރުސެއްގެ ތެރެއިންނެވެ. މިވާހަކައިގައި ދީނާއި ގުޅުންހުރި ކަމެއް ނެތްކަމަށް ހީވާނަމަ އަޑުއަހާށެވެ! އެމީހެއްގެ ފެންވަރުން ދިރިއުޅުމަށާއި އެއްވެސްކަމެއްގައި ދެއްކުންތެރިކަން ނުގެންގުޅުމަށް ދީނުގައި އޮތް އަމުރު ކޮބައިހެއްޔެވެ؟ ކޮންމެ މަސައްކަތަކީވެސް ދެމަފިރިންވެސް ބައިވެރިވެގެން ކުރާ މަސައްކަތަކަށް ހެދުމަށް ދިނުގައި ބާރުއަޅާކަން ކޮބައިހެއްޔެވެ؟ 

މިސާލަކަށް ކަރަންޓް ޓޮޕް އަނދާ ކޮންމެ ފަހަރަކު ފިރިމިހޭ މަސައްކަތް ހުއްޓާލާފައި ގެއަށް އަންނަން ޖެހޭނަމަ ވާނެގޮތާއި މީހަކު ބޭރުން ގެނެސްގެން ކުރުވާނަމަ ޚަރަދުކުރަންޖެހޭނެ ފައިސާ ކޮބައިހެއްޔެވެ؟ ފުދުންތެރި ހަރުދަނާ ދިރިއުޅުމެއް އުޅެވޭނީ ދެމަފިރިންވެސް މިފަދަ ކަންކަމަށް ވިސްނައި ހޭލުންތެރިވެގެންނެވެ. ޚާއްބަކޮށ ދެއްކުންތެރިކަމާއި ދުރުހެލިވެގެންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން