ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށްދެއްވުން އެދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރައްޔިތުން ކުރާ އިލްތިމާސްތަކުގެ އަޑުގަދަވާން ފަށައިފިއެވެ. ގިނަ ބައަކު ގެންދަނީ މުޖުތަމައުގެ ތެރެއިން ފެންނަމުންދާ އިސްލާމް ދީން ހުއްދަ ނުކުރާ ކަންކަމަށް ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެފަދަ ކަންކަން ހުއްޓުވައި ދެއްވުން އެދި ރައީސް ޞާލިޙަށް އިލްތިމާސްކުރަމުންނެވެ.
މިފަދަ އިލްތިމާސްތަކުގެ އަޑުތައް 2019 ވަނަ އަހަރުގެ މިދުވަސްވަރުގައިވެސް ވަރަށް ގަދަވެގެންދިއައެވެ. އެހެންކަމުން ހަނދާން އައުލުމުގެ ގޮތުން މިގެނެސްދެނީ އެއިރު މިއަދުނޫހުގައި ޝާއިއުކުރި ލިޔުންކޮޅެކެވެ.
ސުވާލަކީ ކަންކަން އިޞްލާޙްވުމުގެ ބަދަލުގައި އިތުރަށް ގޯސްވަމުން މިދަނީ ކީއްވެގެން ހެއްޔެވެ؟ ރައްޔިތުންނަށް އަބަދު އެއް އާދޭސްތަކެއް ތަކުރާރުކުރަން މިޖެހެނީ ކީއްވެގެން ހެއްޔެވެ؟ ހަމައެކަނި ހަރުކަށިފިކުރުގެ ވާހަކަދައްކައި މަޑުކަށި ފިކުރުގެ މީހުންނަށް "އޯޕަން ލައިސަންސް" ދީގެން ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކުރެވޭނެ ހެއްޔެވެ؟
ރައީސް ޞާލިޙަށް!: ފުރަތަމަ ކަމަކަށް އިންސާނާ މިދުނިޔެއަށް ފޮނުއްވެވި ރައްބުލްކާއިނާތުގެ ދީން ހިމާޔަތްކޮށް ދެއްވާ!
ޢަބްދުއްލަޠީފް
ފުރަތަމަ ކަމެއްގެ ގޮތުން އިންސާނާ އުފައްދަވައި އެ އިންސާނާ މިދުނިޔެއަށް ފޮނެއްވެވި ރައްބުލްކާއިނާތުގެ ދީން ހިމާޔަތްކޮށް ދެއްވާށެވެ. އެއީ މާތްވެގެންވާ އިސްލާމް ދީނެވެ. އިސްލާމް ދީން ހިމާޔަތްކޮށްގެން ނޫނީ އެއްވެސް މީހެއްގެ ޙައްޤެއް ހިމާޔަތެއް ނުކުރެވޭނެއެވެ.
އިންސާނުން އަމިއްލައަށް ހަދާފައި އޮންނަ ޑިމޮކްރަސީއަކީ އަހަރެމެން ޤަބޫލުކުރާ އެއްޗެއް ނޫނެވެ. އަހަރެމެން ޤަބޫލުކުރަނީ ހުރިހާ އެއްޗަކަށްވުރެ މަތިވެރި، ހުރިހާ އެއްޗަކަށްވުރެ ބާރުވެރި، ދެދުނިޔޭގެ ވެރި ރައްބުލްކާއިނާތު ބާވައިލައްވަވައިފައިވާ ކީރިތި ޤުރްއާނެވެ.
އަހަރެމްނެ ތަބަޢަ ވަނީ ކީރިތި ޤުރުއާނަށެވެ. އަދި އަހަރެމެން އުޅެން ބޭނުންވަނީވެސް އަދި މުޅި ދިވެހި މުޖުތަމަޢު އިން ދެކެން ބޭނުމީވެސް ކީރިތި ޤުރްއާނަށް އަމަލުކޮށް އެފޮތުގައި އަންގަވާފައިވާ ގޮތްތަކަށް ޢަމަލުކުރާ ތަނެވެ.
މިއީ މުއްމިން އަޅުތަކުންގެ ހިތުގެ ވިންދުގެ އަޑެވެ!
(މިއީ މިއަދުނޫހުގެ ކިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަރްޔަމް ސަޢީދާ ކުރައްވާފައިވާ ކޮމެންޓެކެވެ.)