މީހުން ތިބޭ ސިފައަށް މަލާމާތްކުރުމަކީ ކިހައި ބޮޑު ނުބައިކަމެއްކަން އެނގޭނަމަ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކު އެކަމެއް ނުކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 27ސ
މީހުން ތިބޭ ސިފައަށް މަލާމާތްކުރުމަކީ ކިހައި ބޮޑު ނުބައިކަމެއްކަން އެނގޭނަމަ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކު އެކަމެއް ނުކުރާނެ!

މީހުން ތިބޭ ސިފައަށް (މާތް ﷲ އޭނާ ހެއްދެވި ސިފައަށް) މަލާމާތްކުރުން މިހާރުވެފައިވަނީ ވަރަށް ޢާންމުކަމަށެވެ. ބައެއްފަހަރު މަލާމާތްކުރަނީ ހިތުގައި މާބޮޑު ހަސަދަވެރިކަމެއް އޮވެގެނެއްވެސް ނޫނެވެ. އަނެއްބައިފަހަރު މަލާމާތް ކުރަނީ ރުޅި އައުމުންނެވެ.

ރުޅި އައިސްގެން ނަމަވެސް ރުޅި ނައިސް ނަމަވެސް މީހުން ތިބޭ ސިފައަށް ފުރައްސާރަކުރުމަކީ ކިހައިވަރެއްގެ ނުބައިކަން ހާމަކޮށްލުމުގެ ގޮތުން ބަޔާން މިކުރަނީ މިއަދުނޫހުގައި މިހާރު ކުރިއަށްގެންދާ އުއްމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ގެ ސިޔަރަތުން ފާހަގަކުރެވުނު ހާދިސާއެވެ. ރަސޫލް ގެ ޙަދީޘްފުޅެކެވެ. 

"ޞަފިއްޔަތުގެފާނަކީ އިސްކޮޅުފުޅުން ކުރު ބޭކަނބަލެކެވެ. އެއްފަރަކު ޢާއިޝަތުގެފާނު، ޞަފިއްޔަތުގެފާނުގެ އިސްކޮޅުފުޅުކުރު ކަމަށް މަލާމާތް ރައްދުކުރެއްވިއެވެ. މިކަމާ މާތް ރަސޫލާ  صلّى اللّـه عليه وسلّم ކޯފާ އިސްކުރެއްވެވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. [ކަމަނާ ތިޔަ ވިދާޅުވި ބަސްތައް ގެންގޮސް ކަނޑަށް އެއްލަވައިލެއްވި ނަމަ އެ ކަނޑުގެ ލޮނުގަނޑުވެސް ފާސިދުވެއްޖައީހެވެ.] {ސުނަނު އަބޫދާއޫދު، ޙަދީޘް ނަންބަރު 4875}

މީހުން ތިބޭ ސިފައަށް މަލާމާތްކުރުމުގެ ނުބައިކަން ޙަދީޘްފުޅުގައި ބަޔާންކުރައްވަވާފައިއެވަނީ 

"ބަސްތައް ގެންގޮސް (އެއޮތް ބޮޑު) ކަނޑަށް އެއްލަވައިލެއްވިނަމަ އެ (ބިޔަ، ބޮޑު) ކަނޑުގެ ލޮނުގަނޑުވެސް ފާސިދުވެގެންދާނެ" ކަމަށެވެ. 

ދެން ވިސްނައިލަންވީ އެފަދަ ބޮޑު ފާފައެއް ކުރެވުމުން އެމީހަކަށް ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބަށެވެ. އެއީ ޤިޔާމަތް ދުވަހުން ނޫނީ އެނގެން އޮތް ކަމެއް ނޫނެވެ. ވީމާ މިފަދަ ބަސްތައް ބުނުމުގައި ފަރުވާތެރިވަމާތޯއެވެ! އެކަން ކުރެވޭނީ އޭނާ އެސިފައިގައި އުފަންވީ އަމިއްލައަށް ނޫންކަމާއި އޭނާއަށް އެ ސިފަ ދެއްވެވީ ތިމާގެ ސިފަ ތިމާއަށް ދެއްވެވި މާތް ﷲ ކަން ޤަބޫލުކުރެވިގެންނެވެ.

މިއަދު އޮންލައިން