ރާއްޖޭގެ ހުރިހާ ރަށްތަކަށާއި ސިޓީތަކަށް އަދި ރިޒޯޓުތަކަށް ހުޅުވާލައިގެން ރާއްޖޭގައި މިހައިތަނަށް ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް "ޓެކަރސް މައިލޯ ޗެމްޕިއަންޝިޕް 2021" ގެ ޕްލެޓިނަމް ޕާޓްނަރަކަށް ނެސްލޭ މައިލޯއިން ސޮއިކޮށްފިއެވެ.
ހޮޓެލް ޖެންގައި މުބާރާތުގެ ޕާޓްނަރުންނާއިއެކު ސޮއިކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ނެސްލޭ މައިލޯގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ބިޒްނަސް މެނޭޖަރ މޯލްޑިވްސް ސޭލްސް، ނެސްލޭ ލަންކާ ޕީއެލްސީ، ދިޝާން ވިޖޭވަރުދަނާ އެވެ.

ނެސްލޭގެ އިތުރުންވެސް ރާއްޖޭހެ މަޝްހޫރު ބައެއް ކުންފުނިތަކުން ވަނީ ގޯލްޑް އަދި ސިލްވަރ ޕާޓްނަރުންގެ ގޮތުގައި ސޮއިކޮށްފައެވެ. ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން އަންނަ އުރީދޫ މޯލްޑިވްސްއިން ވަނީ ގޯލްޑްޕާޓްނަރެއްގެ ގޮތުގައި ސޮއިކޮށްފައެވެ. އުރީދޫ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމަރޝަލް އޮފިސަރ ޙުސައިން ނިޔާޒް އެވެ.
އެޗްޕީއޭގެ ހުއްދަތައް ލިބިއްޖެ ނަމަ މާލެ ސިޓީ ސަރަހައްދުގެ މެޗްތައް މިފެށޭ ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފްތާގައި ފަށަންހަމަޖެހިފައިވާއިރު ޜާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭ ގޮތަށް 24 ރަށެއްގައި މެޗްތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ބައިވެރިވާ ޢަދަދަށް ބަލައި ޓޫރިސްޓް ރިޒޯޓުތަކުގައިވެސް ކުރިއަށް ގެންދާނެއެވެ.

ޓެކަރސް މޯލްޑިވްސް އިން ބުނީ މި މުބާރާތް ކުރިއަށް ގެންދާނީ ހުރިހާ މައުލޫމާތުތަކާ ވީޑިއޯތައްވެސް ވެބްސައިޓުން ފެންނާނެ ގޮތަށް ކަމަށެވެ.
ނެސްލޭ މައިލޯއަކީ ވަރަށް ކުރިންސުރެ ރާއްޖޭގެ ކުޅިވަރަށް އެންމެ ބޮޑަށް، އެންމެ ފުޅައުދާއިރާއެއްގައި އެހީތެރިވެދީ ހިތްވަރުދެމުން އަންނަ ކުންފުނިކަން ފާހަގަ ކުރެވެއެވެ. ތަފާތު ކުޅިވަރުތަކުގައި، ޚާއްޞަކޮށް ފުޓްބޯޅަކުޅެން ކުޑަކުދިން ޝައުޤުވެރިކުރުވަން ނެސްލޭ މައިލޯއިން ކޮށްފައިވާ މަސައްކަތްތައް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ. އަދި މިހާރުވެސް ތަފާތު ކްލަބްތަކުން އިންތިޒާމްކުރާ ކުޅިވަރު މުބާރާތްތައް ނެސްލޭ މައިލޯއިން ސްޕޮންސަރކޮށް އެހީތެރިވާކަންވެސް ފާހަގަކުރެވެއެވެ.