އިސްލާމް މާއްދާ ދިވެހިބަހުން ކިޔައިދޭން މަންހަޖުގައި ކަނޑައަޅައި މާއްދާ ކިޔަވައިދޭނެ ފޮތްތައް ދިވެހިބަހުން ލިޔެވިފައި ހުއްޓާ އދ އާއި އެޑިޔުކޭޝަން މިނިސްޓްރީ ގުޅިގެން އިނގިރޭސިބަހުން ދީނީ މައުލޫމާތު ފަތުރާތީ ބެލެނިވެރިން ކަންބޮޑުވުން ފައުޅުކުރަމުން އެބަގެންދެއެވެ.
"އަޅުގަނޑުމެން ނުދަންނަން އދ އަކީ އިސްލާމް ދީން ފަތުރާ ޖަމިއްޔާއެއްކަމެއް. އަދި އދ އަކީ އިސްލާމް ދީނަށް ނަޞްރުދީ ކުރިއަރުވަން މަސައްކަތްކޮށްފާނެ ޖަމިއްޔާއެއް ކަމަކަށް ވެސް ޤަބޫލެއް ނުކުރެވޭ. ފަހަރެއްގަ މިފަހަރު ބެހި ކަރުދާހުގަ ހުރީ ރަނގަޅުވާހަކަ ކަމަށްވެސް ވެދާނެ. އެގޮތަށް 2، 3 ފަހަރު ރަނގަޅު ވާހަކަ ބަހާފަ ދެން ފޮނުވާލާނީ ކުދިންގެ ސިކުޏޑި މާބޮޑަށް ގޮއްވާލާނެ އެއް މިލިމީޓަރު ބޮމަށްވުރެ މާބާރުގަދަ ޓައިމް ބޮމެއް."
"އިނގިރޭސި އެނގޭ ބެލެނިވެރިން ކިތަންމެ ގިނަ ނަމަވެސް ނޭނގޭ ބެލެނިވެރިންވެސް ތިބޭނެ. ވީމާ ބެލެނިވެރިންނަށް ނޭނގޭނެ ގޮތެއް ކުދިންގެ ބޮލަށް ޗިޕްޖެހުން ޤަބޫލެއް ނުކުރެވޭ.!"
"ރާއްޖޭގައި ދިވެހިބަހުން އެ ކަރުދާސް ދިވެހިބަހުން ތައްޔާރުކޮށްލައިދޭނެ ޢިލްމްވެރިން ނެތީތޯ؟ އަދި ސަރުކާރުގަ ލާރިނެތިއްޔާ ޗާޕްކޮށްލައިދޭނެ ތަނަވަސް މީހަކުވެސް ހަމަ ނެތީތޯ؟"
މިއީ ބައެއް ބެލެނިވެރިން ކުރައްވަފައިވާ ސުވާލުތަކެވެ. މިއަދުނޫހުން އޮޅުންފިލުވަން ބޭނުންވެގެން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައިވާ މައުލޫމާތު ނުދީ ހިފަހައްޓާތާ އެތައް މަސްދުވަހެއް ފާއިތުވެފައިވާތީ އިތުރަށް ކަންކަމުގައި އެމިނިސްޓްރީ ޢާއި ސުވާލުކުރުމުގެ ބޭނުމެއް އޮތްކަމަށް ޤަބޫލުނުކުރެވޭތީ މިއަދުނޫހުން މިނިސްޓްރީއާ ސުވާލެއް ނުކުރަމެވެ.