"އަހަރެންގެ ފިރިމީހާ އާ ދުރުގަ ހުރެދޭނީ ކިހާ ފައިސާއެއް ދިނީމަ؟"
މިއީ ބޮސްގެ ސެކެޓްރީއަށް ބޮސްގެ އަނބިމީހާ މެސެޖެއް ފޮނުވައި ކުރި ސުވާލެކެވެ. ޖަވާބުގައި ސެކެޓްރީ ފޮނުވީވެސް މެސެޖެކެވެ.
"އަހަރެންނަށް އެއްވެސް އެއްޗެއް ދޭކަށް ނުޖެހޭނެއެވެ. ނަމަވެސް ތިއަ މުޞީބާތުން މެޑަމަށް ސަލާމަތްވެހުރެވޭނީ މެޑަމަށް ބޮސް ހައްޔަރުކޮށްފައި ބެހެއްޓުނު ދުވަހަކުންނެވެ. ނޫންނަމަ ކޮންމެ އަންހެނެއް ގާތަށް ބޮސްދާނެއެވެ."
ދެން ބުނެލަން އޮތީ އަހަރެން ބޮސް ޖަހައެއް ނުގަންނާނަމެވެ. އެހެން އަންހެނަކު ހަމަ ފަހަރެއްގައި ޖަހައިވެސް ގެންފާނެއެވެ. އެއިރުން މެޑަމަށް ލިބޭނެ ދެރަ މާބޮޑުވާނެއެވެ. ވީމާ ހަދަންވީ ގޮތް އަނގައިލާށެވެ."
މެޑަމްގެ ޖަވާބް:
"ޖަހައި ނުގަންނާނެ ކަމަށް ބުނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ! އެކަމަށް ހަދިޔާވެސް ދޭނަން! ތިއަ ބެހެއްޓި ގާތްކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!"
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެއްގެ ތަންކޮޅެކެވެ. ކިޔާފައި ހިތަށް އެރިއެވެ. "މިއީ މިއަދުގެ ޙާލު ހުރި ގޮތެވެ. ސެކެޓްރީ އެބުނީ ވަރަށް ބޮޑު ތެދެކެވެ. ބޮސް ބުނާ ކަންކަން ކޮށްނުދީފިނަމަ ކޮށްދޭނެ ސެކެޓްރީއެއް ހޯދާނެއެވެ. 2 ވަޒީފާ އަދާކުރަން ނުޖެހޭ ސެކެޓްރީން ވަރަށް މަދުވާނެއެވެ.
މިވާހަޖައިގައި ބުނާ ގޮތުން ސެކެޓްރީގެ އުމުރަކީ 22 އަހަރެވެ. ބޮސްގެ އުމުރަކީ 62 އަހަރެވެ. މި ސެކެޓްރީ ބޮސް ޖަހައި ނުގަންނާނެ ކަމަށް އެބުނާ ސަބަބަކީ އެއީ ކަމަށްވެދާނެއެވެ. ބައެއް ސެކެޓްރީން ބޭނުންވާ އުމުރުގެ ތަފާތުން ވިދުވަރު ދައްކައި ބޮސްއާ ކައިވެނިކޮށް ބޮސްގެ މުދާގަނޑުން ބައެއް އަތުލުމަށެވެ.
އަޅުގަނޑަކީ ވެސް މިފަދަ ބޮސްއެއްގެ ކުރީގެ އަނބިމީހާއެވެ. 3 ދަރިން ތިބުމުން 10 އަހަރު ކެތްކުރުމަށްފަހު ވަރިވެ 2 ވަނަ ކައިވެންޏެއް ކޮށްގެން މިހާރު ދިރިމިއުޅެނީ ރަށުގައެވެ. ކޮންމެހެން ބޮޑާވާކަށް ނޫނެވެ! އަޅުގަނޑުގެ މިހާރުގެ ފިރިމީހާގެ 2 މަސްދޯނި އެބަދުއްވައެވެ. އަނެއް ދޯނި ބަނދެނިމިފައެވެ! ކުރީގެ ފިރިމީހާ 3 ފިހާރަ ހުލިވެ ދަރައިގެން ކުރީއަހަރު ގޯތި ވިއްކާލިވާހަކަ އަޑުއެހީމެވެ. ބިގް ބޮސް ބޮޑުކޮސް ހެދީމާ ވާނެ ގޮތްވީއެވެ! ސެކެޓްރީ ގެއްލުނުތާ 4 އަހަރުވެއްޖެ ކަމަށްވެސް ޚަބަރުލިބެއެވެ.
- ޒޫނާ ޢަލީ / މިއަދުނޫހުގެ ކިޔުންތެރިއެއް