ހަރުކަށިފުކުރަށް ވާގިދޭ އެއްވެސް ލިޔުމެއް އެއްވެސް އިސްލާމް ފޮތެއްގައެއް ނެތް: ދީނީ ޢިލްމުވެރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 42ސ
ހަރުކަށިފުކުރަށް ވާގިދޭ އެއްވެސް ލިޔުމެއް އެއްވެސް އިސްލާމް ފޮތެއްގައެއް ނެތް: ދީނީ ޢިލްމުވެރިން

ލާދީނީ ޖަމާއަތްތަކުގެ ފިކުރާއި އެއް މިލިމީޓަރު ބޮމާއި ގުޅުވައިގެން ޜާއްޖޭގެ ސްކޫލްތަކުގައި އިސްލާމް މާއްދާ ކިޔަވައިދޭ ފޮތްތައް ކޮށައި ސުންނާފަތިކޮށްލަން ބައަކު ނުބައި ރޭވުމެއްގައި މަސައްކަތްކުރަމުން ގެންދިއަ ނަމަވެސް ހަރުކަށިފިކުރަށް ވާގިދޭ އެއްވެސް ލިޔުމެއް ރާއްޖޭގައި  އިސްލާމް މާއްދާ ކިޔަވައިދޭ އެއްވެސް ފޮތެއްގައި ނެތްކަން، އެފަދަ ކަމެއް ފާހަގަނުކުރެވުނުކަން ދީނީ ޢިލްމުވެރިންގެ ގުޅުމުން ހާމަކޮށްފިއެވެ.

ދީނީ ޢިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާން: 

ނަފުރަތު އުފެއްދުމާއި ހަރުކަށިކަމަށް ބާރުއަޅާ ފިލާވަޅުތައް އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކުގައި ހުންނަ ކަމަށް ބުނާ ބުނުމާ މެދު

الحمد لله الذي جعل شريعتنا الإسلام شريعة وسطية بلا تطرف. وصلى الله على محمد الذي أرسله الله رحمة للعالمين. فقد ترك أمته على المحجة البيضاء، ليلها كنهارها لا يزيغ عنها إلا هالك. أما بعد!

ދިވެހިރާއްޖޭގެ އިސްލާމް މުޤައްރަރަކީ ވޭތުވެދިޔަ ދިގު މާޒީގައި ވަރަށް ގިނަ ޢަދަދެއްގެ ޢިލްމުވެރިންނާއި ފަންނީ އެތައް މާހިރުންނެއްގެ މިންނެތް މަސައްކަތާއި ހަރުދަނާ ޕޮލިސީތަކެއްގެ ތެރެއިން އެކުލަވާލާފައިވާ މުހިއްމު މުޤައްރަރެކެވެ. އަދި އެ މުޤައްރަރަށް ހެދިފައިވާ އިސްލާމް ފޮތްތަކަކީ މާތް ﷲ ބާވައިލައްވާފައިވާ އިސްލާމް ދީނުގެ އަޞްލުތަކާއި އަސާސްތައް ވަށައިޖެހޭނޭ ފަދައަކުން ދަރިވަރުންގެ ހިތްތަކުގައި އިސްލާމީ ޢިލްމު އަށަގެންނުވޭ ފަދަ ވައްޓަފާޅިއަކަށް އެކުލަވާލެވިފައިވާ ޢިލްމީ ގޮތުން ހަރުދަނާ ފޮތްތަކެކެވެ.

އެހެނިހެން މުޤައްރަރުތަކާއި އެ މުޤައްރަރުތަކަށް ހެދިފައި ހުންނަ ފޮތްތަކެކޭ އެއްފަދައިން، ޒަމާނަށް އަންނަ ބަދަލުތަކާއި ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށް އަންނަ ތަރައްޤީއާ އެއްގޮތަށް އެ މާއްދާތައް ކިޔަވައި ދިނުމުގައި ވެސް ގެންނަން ޖެހޭ އެކިއެކި އިންސާނީ ފަންނީ ކުރިއެރުންތައް ގެނައުމުގެ މަޖާލު ރާއްޖޭގެ އިސްލާމް މުޤައްރަރަށް އިސްލާމް ފޮތްތައް އެކުލަވާލެވި، ކިޔަވައި ދިނުމުގައި ވެސް ހުޅުވިފައި އޮންނަން ޖެހޭކަމީ ދެބަސްވުމެއް އޮތް ކަމެއް ނޫނެވެ.

އެހެން ނަމަވެސް، އިސްލާމް ދީނާ ދެކޮޅު ލާދީނީ ރިޕޯޓު ނެރެފައިވާ އެމް.ޑީ.އެން އާއި އެފަދަ ލާދީނީ ޖަމާޢަތްތަކާއި އެފަރާތްތަކަށް ވާގިދޭ ސިޔާސީ މަދު ފަރުދުންތަކެއް، މިރާއްޖޭގެ އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކުގައި ހަރުކަށިކަމަށާއި ޙައްދު ފަހަނައެޅުމަށް ބާރުދޭ ފަދަ ފިލާވަޅުތައް ހުރިކަމަށް ބުނެ ދައްކާ އަޞްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް، ދިވެހި ދަރިންނަށް އިސްލާމް ދީން އުނގަންނައިދޭން ހެދިފައިވާ މުޤައްރަރާއި ކިޔަވައި ދެވޭ ފޮތްތަކަށް ބަދަލު ގެނައުމަކީ ކުރެވިގެންވާނެ ކަމެއްނޫނެވެ.

އިސްވެ ދެންނެވުނު ހަރުކަށިކަމާއި ނަފުރަތު އުފެއްދުމުގެ ތުހުމަތު ތަކުރާރު ކުރަން ފެށުމާ އެކު، ދިވެހިރާއްޖޭގެ ޢިލްމުވެރިންގެ ގުޅުމުގެ لجنة الدراسات والبحوث العلمية (ޢިލްމީ ދިރާސާއާއި ބަޙުޘްތަކާ ބެހޭ ކޮމިޓީ) ގެ ފަރާތުން ވަނީ، ރާއްޖޭގައި ގްރޭޑު 1 އިން ފެށިގެން ގްރޭޑު 12 އާ ހަމައަށް ކިޔަވައި ދެމުން ގެންދާ ހުރިހާ އިސްލާމް ފޮތްތަކެއް އެއްކޮޅުން އަނެއްކޮޅަށް ބަލައި ޢިލްމީ ދިރާސާއެއް ކުރަން ފަށާފައެވެ. އަދި މާތް ﷲ ގެ ތަނަވަސް ރަޙްމަތްފުޅާ އެކު މިހާރު ވަނީ، އެ ޢިލްމީ ދިރާސާ ޢާންމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ފަހު މަރުޙަލާއާ ހަމައަށް ގެނެވިފައެވެ.

އިސްވެ ދެންނެވި ޢިލްމީ ދިރާސާ ކުރިއަށް ގެންދިއުމުގައި ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަނީ، ސަރުކާރުގެ ރަސްމީ ކަމާބެހޭ ގިނަ މުއައްސަސާތަކާ ބައްދަލު ކުރުމުގެ އިތުރުން، އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތައް އެކުލަވާލެއްވުމުގައި އިސްކޮށް އުޅުއްވި ތަޖުރިބާކާރު ޢިލްމީ އަދި ފަންނީ އެތައް މާހިރުންނަކާއި، ވޭތުވެދިޔަ މާޒީގައި އެތަކެއް ދިވެހި ޖީލެއް ބިނާ ކުރެއްވުމުގައި ގިނަ ޒަމާންތަކެއް ވަންދެން އުޅުއްވި ތަޖުރިބާކާރު އިސްލާމް މުދައްރިސުންނާއި، ލެކްޗަރަރއިންނާއި، މުޅި ދިވެހިރާއްޖޭގެ އެންމެހާ ކަންކޮޅުތަކުގައި ތިއްބެ ތަޢްލީމީ ދާއިރާގެ ބޭފުޅުންނާ ބައްދަލުކޮށް އެބޭފުޅުންގެ ޚިޔާލުތައް ވެސް ހޯދައި ހިމަނާފައެވެ.

މިހުރިހާ ފަރާތްތަކާ އެކު ބޭއްވުނު ބައްދަލުވުންތަކާއި ދެކެވުނު ވާހަކަތަކުގެ މައްޗަށް ބިނާކޮށް ތައްޔާރު ކުރެވެމުން ދާ މި ޢިލްމީ ރިޕޯޓުން އެނގި ކަށަވަރުވެ ފައިޞަލާ ކުރެވިފައިވާ ޚުލާޞާ ނަތީޖާއަށް ބަލާއިރު އެނގެންހުރި މުހިންމު ޙަޤީޤަތްތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

1- ރާއްޖޭގައި މިހާރު މިއޮތް އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކަކީ އެފަދަ ބޮޑު މަޝްރޫޢެއް ހިންގުމުގެ ޤާބިލުކަމާއި ހުނަރުވެރިކަން އޭގެ އެންމެ މަތީ ފެންވަރުގައި ހޯއްދަވައިގެން ތިއްބެވި ޢިލްމީ ފަންނުވެރި ބޭފުޅުން އެކަށައަޅުއްވާފައިވާ މުޤައްރަރެއް ކަމާއި ފޮތްތަކެއް ކަމެވެ. މާތް ﷲ އެބޭފުޅުންނަށް ހެޔޮ ޖަޒާ ދެއްވާށިއެވެ.

2- އަދި، އެ މުޤައްރަރާއި ފޮތްތަކުގެ ބައިތައް އެކުލަވާލާފައިވާ ގޮތަށް ބަލާއިރު އޭގައި އެއްވެސް ބާވަތެއްގެ ހަރުކަށި ކަމެއް ނުވަތަ ޙައްދު ފަހަނަ އެޅުމަކަށް ބާރު ލިބޭ ފަދަ އެއްވެސް މަޢުލޫމާތެއް ހިމަނާފައި ނުވާކަމެވެ.

3- އަދި، އިސްލާމް ދީނުގައި ކަނޑައެޅިފައިވާ އިންތަކުން ބޭރުން، މީސްތަކުންނާ މެދުގައި ނަފުރަތު އުފެދޭ ފަދަ އެއްވެސް މަޢުލޫމާތެއް ވެސް މިހާރު މިއޮތް އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކުގައި ހިމަނާފައި ނުވާކަމެވެ.

ވީމާ، މިހާރު ކިޔަވައި ދެމުން ގެންދާ އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކަށް ނިސްބަތްކޮށް ދެކެވޭ ހަރުކަށިކަމާއި ޙައްދު ފަހަނަ އެޅުމާއި ނަފުރަތު ފަތުރާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އޭގައި އެއްވެސް މިންވަރެއްގެ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމުގެ ޔަޤީންކަން އެންމެހާ ދިވެހި ރައްޔިތުންނަށާއި ކަމާ ބެހޭ އެންމެހާ ފަރާތްތަކަށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން އަރުވަމެވެ.

އަދި އެފަދައިން ރައްޔިތުންގެ ތެރޭގައި އިސްލާމް މުޤައްރަރާއި އިސްލާމް ފޮތްތަކާ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ބީދައިން ފަތުރަމުން ދާ ވާހަކަތަކަކީ، މި ޤައުމުގެ ދީނީ ވަޙްދަތާ ދެކޮޅަށް ތަޢުލީމީ ނިޒާމުގެ ތެރެއިން ބަޔަކު ހިންގަން މަސައްކަތް ކުރާ ނުރައްކާތެރި ޢަމަލުތަކެއް ކަމަށް މިގުޅުމުން ދެކެމެވެ. އަދި މިފަދަ ކޮންމެ ކަމަކަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުން ހޭލުންތެރިވެ ތިއްބެވުމަށް ޢިލްމުވެރިންގެ ގުޅުމުގެ ފަރާތުން ވަޞިއްޔަތް ކުރަމެވެ.

ހަމައެއާ އެކު، އިސްލާމީ އުޞޫލުތަކާ ގުޅުން ހުރި މިފަދަ ކަންކަމުގައި، ބޭރުގެ ފަރާތްތަކުން ކުރިމަތިކުރާ ފިއްތުންތަކަށާއި ދީނީ ވިސްނުމާ ދުރު ޖަމާޢަތްތަކާއި ނުފޫޒުތަކުގެ ގޮވުންތަކުގެ ކުރިމަތީގައި ފަހަތަށް ޖެހިވަޑައިނުގެން، ހަރުދަނާކަމާއެކު ސާބިތުވެ ތިބެވުމަށް ދިވެހި ދައުލަތުގެ އިސްވެރިންނަށް ގޮވާލައި ނަޞޭޙަތްތެރިވަމެވެ.

ދިވެހީންގެ އިސްލާމީ ވަޙުދަތާ ދެކޮޅަށް ހިންގޭ ކޮންމެ ކަމަކުން މާތް ﷲ މި ލޮބުވެތި ވަޠަނާއި ދިވެހި ރައްޔިތުން ރައްކާތެރި ކުރައްވާށިއެވެ. އާމީން.

وصلى الله وسلم على نبينا محمد، وعلى آله وصحبه وسلم.

22 محرم 1443

30 އޯގަސްޓް 2021

މިއަދު އޮންލައިން