އއ.އުކުޅަސް ޤަބުރުސްތާނަކުން ގިނަ ޢަދަދެއްގެ މިނިކަށި ނަގައިފިއެވެ. މިކަށިތައް ނަގާފައިވަނީ މީހުން ވަޅުނުލާތާ 40 ވަރަކަށް އަަހރުވެފައިވާ ޤަބުރުސްތާނަކުންނެވެ.
ކައުންސިލުގެ ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ އެތަން ކޮނުނީ ރަށުގެ ފެނުގެ ސްޓޯރޭޖް އިތުރުކުރަން ބަހައްޓާ ފެންތާނގީއެއް ބަހައްޓާ ސަރަހައްދުގެ ވަށާފާރުލުމަށްޓަކައި ބިންގާ އެޅުމަށް ކަމަށެވެ.
"މިރަށަކީ ވަރަށް ބޮޑަށް ބިން ފުރިފައިވާ ރަށެއް. ތާނގީ ބަހައްޓާނެ ތަނަކާއިމެދު ވަރަށް ބޮޑަށް މަޝްވަރާކުރުމަށްފަހު އެ ސަރަހައްދުގަ ބަހައްޓަން ނިންމީ އެހެން އެއްވެސް ގޮތެއް ހަމަ ނެތުމުން. ބިން ދިނީ އިސްލާމިކް މިނިސްޓްރީ އާ މަޝވަރާކުރުމަށްފަހު."
ޝައުކަތު ވިދާޅުވީ ތާނގީ ބަހައްޓާނީ އެކަމަށް ކަނޑައެލި ސަރަހައްދު އެކުގައި ކޮނެ ކަށިހުރިނަމަ ނެގުމަށްފަހުގައި ކަމަށެވެ. އަދި މިއަދު ނެގި ކަށިތަކާއި ދެންނެގޭ ކަށިތަކާއިމެދުވެސް ޢަމަލުކުރާނީ އިސްލާމިކް މިނިސްޓްރީން ދީފައިވާ ގައިޑްލައިނާއި އެއްގޮތަށް ކަމަށެވެ.
މިއަދުނޫހަށް މައުލޫމާތު ދިން ފަރާތްތަކުން ބުނެފައިވަނީ މިއަދުވެސް 2 ގޯނީގެ ކަށި ނެގުނު ކަމަށެވެ.
އިޖުތިމާޢީ ބޭނުންތަކަށާއި މުނިފޫހިފިލުވަން ބޭނުންކުރަން މާލޭގެ ބައެއް ސަހަރާތައްވެސް ވަނީ ކޮނެ ކަށިނަގައިފައެވެ.