މިއަދަކީ ދިވެހި ޓީވީ ޗެނެލްތަކުގެ ފަޚުރު ކަމުގައިވާ ވީޓީވީގެ 13 ވަނަ އަހަރީ ދުވަހެވެ. ދިވެހި ޓީވީ ޗެނެލްތަކުގެ ފަޚުރަކަށް ވީޓީވީ ވެގެންދިއައީ ސަރުކާރު ނޫން ފަރާތަކުން ޓީވީ ޗެނެލް އުފައްދައި ހިންގުމުގެ ހޯދަ ހޯދަން ފުރަތަމަ މަސައްކަތް ފަށައި އެކަމަށް ކުރަންޖެހުނު ބޮޑު ހަނގުރާމައިގެ ސަބަބުންނެވެ.
ހުއްދައަށް އެދުނު ފޯމް ނުވަތަ ފޮނުވި ސިޓީ ވެސް މިނިސްޓްރީން ގެއްލި އަލުން ހުށަހަޅަން ޖެހުނީތީއެވެ. 2 ވަޒީރުން ބަދަލުވެގެންދިއައިރުވެސް ހުއްދަ ނުލިބި އޮވެފައި ހުއްދަ ލިބުނީ 3 ވަނަ ވަޒީރުގެ މިނިސްޓަރުކަމުގައިކަމަށްވުމުންނެވެ. ސަމަރުބްލޫ އިބްރާހީމް މަނިކުގެ މިނިސްޓަރުކަމާއި ކުރު މުއްދަތެއްގައި މިނިސްޓަރުކަން ކުރެއްވި އަޙްމަދު ޢަބްދުﷲގެ މިނިސްޓަރުކަންވެސް ނިމި މުޙައްމަދު ނަޝީދުގެ މިނިސްޓަރު ކަމުގައެވެ.
އަޙްމަދު ޢަބްދުﷲ އަށް މިނިސްޓަރުކަން ލިބިވަޑައިގެންނެވިއިރު ސިޓީ ވަނީ ގެއްލިފައެވެ. ކޮޕީ ގެންދަވައިގެން ހުއްދަ ދެއްވަން މަސައްކަތްކުރައްވަނިކޮށް މިނިސްޓަރުކަން ނަޝީދަށް ބަދަލުވީއެވެ.
ރައީސް މައުމޫނުގެ ވެރިކަމުގައި މިކަންކަން ހިނގައިދިއަ ގޮތުން ޓީވީ ޗެނެލެއް އުފައްދަން ހުއްދަދޭން އެއިރު ސަރުކާރު ގަނެފައިވާ ބިރުގެ ބޮޑުކަން އެނގިގެންދެއެވެ. ކޮންމެއަކަސް މިހާރު ޓީވީ ޗެނެލެއް އުފެއްދުމަކީ ކޮންމެ މީހަކަށްވެސް ނުހަނު ފަސޭހައިން ކުރެވެން އޮތްކަމަކަށްވެފައި މިވަނީ އެކަމަށް ވީޓީވީން ކުރި މަސައްކަތުންނެވެ. މިކަންކަން ފާހަގަކޮށް މިލީ ހަނދާނާއި ތާރީޚަށްޓަކައި މިކަންކަން އެނގުން މުހިންމުކަން ބޮޑުކަމުންނެވެ.
ވީޓީވީއަކީ ރާއްޖޭގައި މިހާރު ހުރި އެންމެ ގިނަދުވަސްވީ ޓީވީ ޗެނެލްއެވެ. އެންމެ ފުރަތަމަ ހުޅުޖަހާ އަލިފާން ރޯކޮށްލެވުނު ޓީވީ ޗެނެލްއެވެ. ރޯކޮށްލީ މުވައްޒިފުންތައް އެތެރޭގައި ތިއްބައެވެ. އެކަންކުރީ އެމްޑީޕީގެ ޕޯޑިއަމްގައި އެކަންކުރަން ގޮވާލުމުންނެވެ. ވީޓީވީއަކީ ބައަކު މަގުމައްޗަށް އެއްވެ ގަލާއި ދަނގަނޑު އުކައި ގެއްލުންދިން ޓީވީ ސްޓޭޝަނެވެ.
މިފަދަ ބޮޑެތި ހަނގުރާމަތައް ކުރިމަތިވިއިރު ފަސްޖެހުމެއް ނެތި ޚިދުމަތުގައި ދެމިތިބި ވީޓީވީގެ މުވައްޒިފުންވަނީ އެމީހުންގެ ހިތްވަރު ޤައުމަށް ދައްކައިދީފައެވެ. މިވާހަކަތައް ލިޔާއިރުވެސް ބިރުން ތުރުތުރުއަޅަމުން ޝިފްޒާ މުސްޠަފާ އަޑުން އަޑުނަގާ ރޮމުން ދިން އެނައުންސްމަންޓްތަކުގެ ހަނދާން އައުވެގެންދެއެވެ. އެންމެ ތިރީގައި ހުޅުޖެހުމުން ތަންދޫކޮށް ނުކުތުމުގެ ބަދަލުގައި މަތީ ބުރިތަކަށް އަރައި ޚިދުމަތުގައި ސާބިތުވި ފަހުލަވާނުންގެމަތިން ޓީވީ ޗެނެލްތަކުގެ ތާރީޚު ހަނދާން އައުކުރާނެއެވެ. ފަޚުރުވެރިވެސްވާނެއެވެ.
ހުރި ދަތިތަކާ ގޮންޖެހުންތަކާއިއެކުގައިވެސް ވީޓީވީގެ މުވައްޒިފުން މިއަދުކުރަމުން ގެންދާ ކިދުމަތަށް ވެސް ތަޢްރީފްކުރަމެވެ. ވީޓީވީ އުފައްދައި ހިންގަން ފެށުމުގައި އިސްދައުރެއް އަދާކުރެއްވި މުޙައްމަދު ޝަމީމް އާއި އަމީން އިބްރާހީމް، ޚަލީލް ކުރެއްވި ޚިދުމަތާއި އަދި މިހާރު އަޙްމަދު ޢުމަރު ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްތައްވެސް ފާހަގަކުރަމެވެ.
ވީޓީވީގެ ބާނީ ޤާސިމް އިބްރާހީމްގެ ޚިދުމަތަކީ ދިވެހި ޓީވީ ސްޓޭޝަންތަކުގެ އިތުރުން ނޫސްވެރިކަމުގެވެސް އެންމެ ބޮޑު ފަޚުރުކަމުގައި ތާރީޚް ހެކިވާނެއެވެ.
ވީޓީވީއަށް އިތުރު ކުރިއެރުމާއި ބާއްޖަވެރިކަމަށް އެދެމެވެ!