އަހަރެމެން ކައިވެނިކުރީ އަހަރެންގެ އުމުރުން 23 އަހަރުގައި އަދި ފިރިމީހާގެ އުމުރުން 27 އަހަރުގައެވެ. ކައިވެނީގެ 7 ވަނަ އަހަރު ދެމީހުންވެގެން އަމިއްލަ ވިޔަފާރިއެއް ފެށީ ވަޒީފާ އަދާކޮށްގެން ދެމީހުންނަށް ޖަމާކުރެވިފައިހުރި ފައިސާއިންނެވެ.
ކައިވެންޏަށް 10 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. ޑޮކްޓަރުން ބުނަނީ އަޅުގަނޑު ބަލިވެ ނުއިންނާނެ ކަމަށެވެ. އެހެންވެ ދެން އެހިސާބުން ވިސްނީ ކޮންމެވެސް މީހެއްގެ ދަރިއަކު ގެންގުޅެ ބޮޑުކުރުމަށެވެ. ކުއްޖަކު ހޯދަން ޔަތީމް ޚާނާއަކަށް ގޮސްގެން އަހަރެމެންނަށް ފެނުނީ 15 އަހަރުގެ އަންހެން ކުއްޖެކެވެ.
އޭނާ ބޭނުންކަމަށް ބުނުމުން ޔަތީމްޚާނާއިންވެސް ވިސްނައިދިނެވެ. "ތިއައީ ހަމަ އެންމެ ފަހުގެ ނިންމުން ހެއްޔެވެ؟ ގިނަ މީހުން އިޚްތިޔާރުކުރަނީ ކުޑަކުދިންނެވެ. ތިއަ ދެމަފިރިންގެ ވިސްނުމާއި އެއްގޮތަށް ތަރުބިއްޔަތުކުރެވޭނީ އެއިރުންނެވެ. އެހެން ނޫންނަމަ ފަހުން މައްސަލަތައް ކުރިމަތިވެ ބައެއް ކުދިން ފަހުން އަނބުރާ ގެންނަންޖެހިފައިވެސް އެބަހުއްޓެވެ."
އެދެއްކި އެއްވެސް ވާހަކައަކަށް ސަމާލުކަން ނުދީ އެކުއްޖާ އަހަރެމެން ގެންދިއައީމެވެ. ގެންގޮސްގެން އަމިއްލަ ދަރިއެއްފަދައިން ބަލައި ބޮޑުކުރަން ފެށީމެވެ. ކަންކަން ގޯހުން ގޯހަށް ދިއައީ އެކުއްޖާގެ އުމުރުން 18 އަހަރުވުމުންނެވެ. ފައުޅުގައި އަހަރެންގެ ފިރިމީހާ އާއިއެކު ލޯބީގެ ގުޅުން ހިންގާތަން ފެންނަން ފެށުމުންނެވެ. އެންމެފަހުން އަހަރެންނަށް ޖެހުނީ ގެއިންވެސް ނުކުންނާށެވެ.
އެޙާލު ޖެހުނުއިރު ފިރިމީހާ ހުރީ އަހަރެންނަށް ނުވެސް އަނގައި ދެމީހުންގެ ކުންފުނީގެ ހުރިހާ ފައިސާތަކެއް އޭނާގެ އަމިއްލަ އެކައުންޓަކަށް ޓްރާންސްފަރކޮށްފައެވެ. އަހަރެންގެ އަތުގައި ހުރީ އަމިއްލަ އެކައުންޓުގައި ހުރި މަދު ފައިސާކޮޅެކެވެ.
އެހެންވެ ވަރށް އާދައިގެ ސިންގަލް ރޫމް އެޕާޓްމަންޓެއް ކުއްޔަށް ހިފައި ދިރިއުޅެން ފެށީމެވެ. ވިޔަފާރީގައި އަހަރެންގެ ތަޖުރިބާ ކިތަންމެ ބޮޑުނަމަވެސް އުމުރުން 40 އަހަރުވެފައި ހުރުމުން ވަޒިފާއެއް ލިބުން ފަސޭހައެއް ނުވިއެވެ. އެހެންވެ ރައްޓެއްސެއްގެ އެހީގައި ކުޑަ ވިޔަފާރިއެއް ފެށީމެވެ. ކުރި ބުރަ މަސައްކަތުން ވިޔަފާރި ކުރިއަރައި ތަނަވަސްކަން ވެސް ލިބުނެވެ.
ތަނަވަސްކަން ލިބުމުން ރަޙްމަތްތެރިޔާ އަތުން ނެގި ފައިސާ އަނބުރާ ދައްކަން ދިއުމުން އޭނާ ބޭނުމެއް ނުކުރިއެވެ. އެއިރު އޭނާގެ އަނބިމީހާވެސް ނިޔާވެފައިވުމުން އޭނާ ބޭނުންވީ އޭނާ އާއި ކައިވެނިކުރާށެވެ! އޭނާ އަހަރެންނަށްވުރެ 5 އަހަރު ހަގެވެ. އެކަން ވިސްނައިދިނުމުންވެސް އޭނާ ބޭނުންވީ އަހަރެންނާއި ކައިވެނިކުރާށެވެ.
އޭނާ ބުނީ ވަރަށް ކުރިންސުރެ އޭނާއަށް އަހަރެން ކަމުދާ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ނުދައްކައި ހުރީ ދެމީހުންވެސް ކައިވެނިކޮށްގެން ތިބުމުން ކަމަށެވެ. ކޮންމެއަކަސް އަހަރެންވެސް ކައިވެންޏަށް ރުހި ކައިވެނިކުރެވުނެވެ. ކައިވެންޏަށްފަހުގައި އަހަރެންގެ ވިޔަފާރި ހިންގީ އަހަރެންނެވެ.
ކުންފުންޏަށް ބައެއ މުވައްޒިފުން ބޭނުންވެގެން އިއުލާނުކުރުމުން އިންޓަރވިޔުއަށް އައި މީހުންގެ ތެރެއިން އެކަކީ އަހަރެންގެ ކުރީގެ ފިރިމީހާއެވެ. އޭނާ ބުނީ ކައިވެންޏަށް ދަރިއަކު ލިބުނު ކަމަށާއި ނަމަވެސް އަނބިމީހާގެ ޚަރަދުތައް ބޮޑުކަމުން ދަރަނެރިވެސް ވެފައިވާކަމަށެވެ. އަދި ފަޤީރުވުމުން އަނބިމީހާ ވަރިވެގެން ހިނގައްޖެކަމަށެވެ.
އަަހަރެން އޭނާއަށް ވަޒީފާއެއް ދިނީމެވެ. ނަމަވެސް އެހެން ސިޓީއަކުންނެވެ. އެއީ އޭނާ ފެންނަން ބޭނުން ނުވާތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! މިވާހަކަ ކިޔުމަށްފަހު ކިޔުންތެރިންނާއި ހިއްޞާ މިކުރީ މި ވާހަކައިގައި ކަންކަން އެވީ ގޮތާއި އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތާއި އެއްގޮތް ކަމުންނެވެ. އަޅުގަނޑަކީވެސް ދަރިން ނުލިބޭ އަންހެނަކީމެވެ. އަޅުގަނޑުގެ ފިރިމީހާ ޖަހައިގަތީ ގޭގައި ގެންގުޅެ ބޮޑުކުރި އަންހެން ކުއްޖެކެވެ.
ހަމައެކަނި ތަފާތަކީ އަހަރެންނަށް ކުރިމަތިވި ދަތި ޙާލަތުގައި ފައިސާގެ ގޮތުން އެހީތެރިވި އެކުވެރިޔާ އާއި އަޅުގަނޑު ކައިވެނި ނުކުރާކަމެވެ. އަޅުގަނޑު ކައިވެނިކުރީ ދެވަނަ މީހަކު ދެކެ ލޯބިވެގެންނެވެ.
އަޅުގަނޑަކީވެސް އަންހެނަކަށްވެހުރެމެ ކިޔުންތެރިންގެ ތެރެއިން ޚާއްޞަކޮށް އަންހެން ބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ދަރިއަކު ނުލިބިގެން ނަމަވެސް ކަންކަން ކުރާއިރު ހަމަ ވިސްނައިލަން އެބަ ޖެހެއެވެ. މިހާރުގެ އަންހެންކުދިންނަކީ ޢުމުރަށް ބަލާބައެއް ނޫނެވެ. ފައިސާ ލިބޭނެނަމަ ކާފައުމުރުގެ މީހަކާއިވެސް ކައިވެނިކޮށްފާނެއެވެ. އެހާލަތުގައި ތިމާ ގެންގުޅެ ބޮޑުކުރި މަންމަގެ މޭއިރައި ހިތް ނަގައި ކުދިކުދިކޮށް ކޮށާލަންވެސް ޖެހިލުމެއް ނުވެއެވެ.
ފިރިހެނުން މިތިބެނީ ޅަވެފަ ރީތިވެއްޖެ ނަމަ މޮޔަވާން ތައްޔާރަށެވެ. އަތްމަތި އެކުގައި ހުސްކޮށްލަންވެސް ފަހެއް ނުޖެހެއެވެ. ވީމާ އަހަރެމެންނަށް އޮތީ ހިތްވަރާއިއެކު ކުރިމަތިލާން ތައްޔާރަށް ތިބުމެވެ.
މިއަދުނޫހުގައި ޝާއިއުކުރާ "ޙަޤީޤީ ޙާދިސާ" ތަކުގެ ތެރެއިން އަންހެނުން އެމީހުންގެ އަމިއްލަ މަސައްކަތުން ކުރިއެރުން ހޯދާ ވާހަކަތައް ކިޔަން ލިބޭ ކޮންމެ ފަހަރަކު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެއެވެ. ކެރޭ ހިތްވަރުހުރި ކަނބަލުންނަކީ އެއީއެވެ.
- ސަމީރާ ސަޢީދު / މިއަދުނޫހުގެ ކިޔުންތެރިއެއް