ތިމާއަށް ލިބޭނެ އުފަލަށް ނުބަލައި ދަރިންނަށް ލިބޭނެ އުފަލަށް ބަލައިގެން ކައިވެނިކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
ތިމާއަށް ލިބޭނެ އުފަލަށް ނުބަލައި ދަރިންނަށް ލިބޭނެ އުފަލަށް ބަލައިގެން ކައިވެނިކުރާށެވެ!

ގިނަ މީހުން ކައިވެނިކުރަނީ ކައިވެނީގެ ސަބަބުން އެމީހަކަށް ލިބޭނެ އުފަލަށް ބަލައިގެންނެވެ. އެގޮތަށް ވިސްނައިގެން ކައިވެނިކުރުމުން އެންމެފަހު ވަގުތު ތިމާ އަމިއްލައަށް ކަސްތޮޅު އެޅޭތަން އެބައާދެއެވެ. މިސާލަކަށް ބުނާނަމަ ދަރިން ލިބުމުން ބޮޑު ބަނދެވުމަކުން ބަނދެވޭތަން އެބަ އާދެއެވެ. އެ ޙާލަތުގައި މުޅި އުމުރު ހޭދަކޮށްލަން ޖެހެނީ ހިތާމަތަކާއި ހިތްދަތިކަމުގައެވެ. 

މިސާލަކަށް ފުރަތަމަ އަންހެނުން ނަގަމާ ހިނގާށެވެ! އަނބިމީހާއަކީ ދަރިންނަށް މާބޮޑު ސަމާލުކަމެއް ނުދޭ މީހަކަށް ވެދާނެއެވެ. އަދި ދަރިން ހަވާލުކޮށްފައި ދޫކޮށްލަން ހެޔޮ ނުވާވަރުގެ އަންހެނަކަށް ވެސް ވެދާނެއެވެ. އަދި އެކިއެކި ސަބަބުތައް މެދުވެރިވެ އަނބިމީހާ އާއި އެކު ދިރިނުއުޅެވޭ ހިސާބަށްވެސް ކަންކަން ހިނގައިދާނެއެވެ. 

މިފަދަ ޙާލަތެއް ކުރިމަތިވެއްޖެ ނަމަ ދެން ކަންތައް ވާނީ ކިހިނަކުން ހެއްޔެވެ؟ ދަރިފުޅުގެ ޙައްޤުގައި ބައްޕައަށް ޖެހޭނީ މުޅި އުމުރުގައި ވެސް ކަސްތޮޅު އެޅިގެން ހުންނާށެވެ! 

ދެން ފިރިހެނުންނަށް ބަލައިފިނަމަވެސް މިފަދަ މައްސަލަތައް ހުރީ ހަމަ މިގޮތަށެވެ. ފިރިމީހާގެ މައްސަލަތައް ހުރުމުން އެކުގައި އުޅެވެން ނެތް ހިސާބަށް ކަންކަން ހިނގައިދާނެއެވެ. ވަރިވާން ބަލާއިރު ވަރިވެއްޖެ ނަމަ އެއްވެސް ޚަރަދެއް ނުކުރާނެތީ ކޮންމެ ގޮތަކަށް ކަންކަން ކުރި ނަމަވެސް ފުދި ކަސްތޮޅު އެޅިގެން މުޅި އުމުރުގައިވެސް އިންނަން އެބަޖެހެއެވެ. 

މިބުނި ފަދަ ޙާލަތުތައް އަބަދުވެސް ދަނީ މެދުވެރިވަމުންނެވެ. ވީމާ ކައިވެނިކުރާއިރު ބަލަންވީ ތިމާއަށް ލިބިދާނެ އުފަލަކަށް ނޫނެވެ. ދެމަފިރިންނަށް ލިބޭ ދަރިންނަށް ފިރިމީހާގެ ކިބައިން ނުވަތަ އަނބިމީހާގެ ކިބައިން ލިބޭނެ އުފަލަށެވެ. އެކަމަށް ވިސްނައިގެން ކައިވެނިކޮށްފިނަމަ ފަހަރެއްގައި ޖެހޭ މައްސަލައަކުން ދެމަފިރިން ދުރުވާން ޖެހުނު ނަމަވެސް ދަރިންނަށް ލިބޭ އުނިކަން ކުޑަވާނެއެވެ. 

ދެން މިހިސާބުން އުފެދޭނެ ސުވާލަކީ އެކަން ބަލާނީ ކިހިނަކުން ހެއްޔެވެ؟ މިސުވާލުގެ ޖަވާބު ހޯދަން ދާންޖެހޭނީވެސް ވާހަކަ ފެށި ހިސާބަށެވެ. "ކައިވެނިކުރަންވީ، އެންމެ އަޚްލާޤް ރަނގަޅު، ދީންވެރި، ޚުލްޤް ހެޔޮ މީހުންނާއި" ކަމަށް ބުނި ބަހަށެވެ. އެބަސް އެކުލަވައިލެވިފައިވަނީ ވަރަށް ފުރިހަމައަށެވެ. މިފަދަ ހުރިހާ މައްސަލަތަކެއްގެ ޙައްލު ލިބޭނެ ގޮތަށެވެ. އެއްވެސް މީހަކީ " އަޚްލާޤް ރަނގަޅު، ދީންވެރި، ޚުލްޤް ހެޔޮ" މީހަކަށްވާނަމަ ކައިވެނި ރޫޅުމުގެ ފުރުޞަތު ކުޑަވާނެއެވެ. އަދި ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ކައިވެނި ރޫޅުނު ނަމަވެސް ދަރިން ނިކަމެތިކޮށެއް ނުލާނެއެވެ. ދަރިން ނިކަމެތިކޮށްފިނަމަ އެމީހަކީ "އަޚްލާޤް ރަނގަޅު، ދީންވެރި، ޚުލްޤް ހެޔޮ" މީހަކަށް ނުވާނެއެވެ. 

ކައިވެނިކުރަންވީ ގޮތާއިމެދު ނުވަތަ ކައިވެނިކުރަންވީ ކާކާއި ކަމާއިމެދު މިހާރުވެސް ގިނަ ބައަކު ދަނީ ސުވާލުކުރަމުންނެވެ. ކައިވެނިކުރަންވީ، އެންމެ އަޚްލާޤް ރަނގަޅު، ދީންވެރި، ޚުލްޤް ހެޔޮ މީހުންނާއިކަން އެނގެން އޮތުމާއިވެސް އެކުގައެވެ. އެހެންކަމުން ކައިވެނިކުރާއިރު އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއްކަންތައް ފާހަގަކޮށްލާނަމެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން