ރާއްޖޭގަ މެދުނުކެނޑި ނެރޭތާ އެންމެ ގިނަދުވަސްވީ ނޫސް- މިއަދުނޫހަށް ފަންސަވީސް އަހަރުފުރުން، ކިޔުންތެރިންނަށާއި ބައިވެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ރާއްޖޭގަ މެދުނުކެނޑި ނެރޭތާ އެންމެ ގިނަދުވަސްވީ ނޫސް- މިއަދުނޫހަށް ފަންސަވީސް އަހަރުފުރުން، ކިޔުންތެރިންނަށާއި ބައިވެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!

މިއަދަކީ ރާއްޖޭގަ މެދުނުކެނޑި ނެރޭތާ އެންމެ ގިނަދުވަސްވީ ނޫސް، މިއަދުނޫހަށް 25 އަހަރުފުރުނު ދުވަހެވެ. ފުރަތަމަ ކަމަކަށް ﷲ ތަޢާލާއަށް ޙަމްދާއި ޝުކުރުކުރާ ޙާލު، ދުވަހުގެ މުނާސަބަތުގައި މިއަދުނޫހުގެ ކިޔުންތެރިންނަށާއި ބައިވެރިންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ އަރިސްކުރަމެވެ. 

މިދިގު މާޒީގައި މިއަދުނޫހަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖޭގައި މިވަގުތު ނެރޭ ނޫސްތަކުގެ ތެރެއިން ﷲ ތަޢާލާގެ ދީން މަތިވެރިކުރުމަށާއި ދީނީ މައުލޫމާތު ފެތުރުމަށް އެންމެ ގިނަ ލިޔުން ޝާއިޢުކުރާ ނޫހަކީ މިއަދުނޫސްކަމަށްވެފައިވާކަމެވެ. މި ބޮޑު ބަދަލު ގެނައުމުގެ އިޚްތިޔާރު މިއަދުނޫހުގެ ރަސްމީ ބެލެނިވެރިފަރާތްކަމުގައިވާ އައިލަންޑް ބްރޯޑްކާސްޓންގ ކޮމްޕެނީން މިއަދުނޫހަށް ދީފައިއޮތްކަމަށްޓަކައި އަދި މަސައްކަތުގައި މިއަދުނޫހަށް ދެމުން ގެންދާ އެއްބާރުލުމަށްޓަކައި އައިބީސީއަށް ޝުކުރު ދަންނަވަމެވެ. 

މިބޮޑު ބަދަލު ގެނެވިފައި މިވަނީ މިއަދުނޫހުގެ ބާނީ އަޙްމަދު ޢަބްދުﷲ އާއި މިހާރުގެ ޗެއާމަން ޤާސިމް އިބްރާހިމް އަޅުގަނޑަށް ކުރެއްވި އިތުބާރާއި ދެއްވި އިޚްތިޔާރުންކަން ފާހަގަކޮށް ދެބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު އަރިސްކުރަމެވެ. 

މިއަދުނޫހަށް މިއަދު 25 ފުރިގެންދާއިރު ކުރިން ކިތަންމެ އަވަސްއަވަހަށް އެޑިޓަރުން ބަދަލުވި ނަމަވެސް 2009 ވަނަ އަހަރުގެ ކުރީކޮޅުން ފެށިގެން ނޫހުގެ އެޑިޓަރުކަން މިއަދާއި ހަމައަށްވެސް ބަދަލުވެފައިނުވާތީ އެޑިޓަރުގެ މަޤާމް ބަދަލުނުވެ ނޫސްކުރިއަށްދާތާ 12 އަހަރުވެފައިވާކަން ފާހަގަކުރަމެވެ. އަދި ﷲ ތަޢާލާގެ މަގުގައި ޚިދުމަތްކުރަން މިފަދަ ފުރުޞަތެއް ދެއްވެވި ކަމަށްޓަކައި ﷲ ތަޢަލާއަށް ފަށްފަށުން ޙަމްދާއި ޝުކުރު ކުރަމެވެ. 

އެއިރު ރާއްޖޭގެ ސަރުކާރުގެ ކަންކަން ހުރިގޮތުން މިހާރުގެ ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ބޮޑަށް މަސައްކަތްކުރި އެއް ނޫހަކީ މިއަދުނޫސް ނަމަވެސް ސަރުކާރު ވެރިކަމަށް އައުމާއިއެކު އެންމެ ބޮޑު އަނިޔާއެއް ދީފައިވާ އެއް ނޫހަކީ މިއަދުނޫހެވެ. އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބައްދަން ކިތަންމެ އުނދަގޫވިނަމަވެސް މިއަދުނޫހުގެ އެޑިޓޯރިއަލް ޕޮލިސީ ބަދަލުނުކޮށް ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭން އެންމެ ބޮޑަށް މަސައްކަތްކުރާ ނޫހުގެ ގޮތުގައި ކުރިއަށް މިގެންދެވެނީ ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅާއި މިއަދުނޫހަށް މާލީ ގޮތުން އެހީތެރިވެދެއްވާ ބައިވެރިންގެ ދީލަތި އެހީތެރިކަމުންކަން ފާހަގަކޮށް އެއެންމެހައި ފަރާތްތަކަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. 

ހަމައެއާއިއެކު މިއަދުނޫހުގެ ކިޔުންތެރިންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން އެއީ މިއަދުނޫހުގެ ޚިދުމަތް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެވެ. މިއަދުނޫހުގެ މައިނާރަކީ ވެސް މައިބަދައަކީވެސް މިއަދުނޫހަށް އެހީތެރިވެދެއްވާ ފަރާތްތަކާއި މިއަދުނޫހުގެ ކިޔުންތެރިންނެވެ. ހުރިހާ ކިޔުންތެރިންނަށާއި އެހީތެރިންނަށް ވަރަށްވަރަށް ބޮޑަށް ޝުކުރިއްޔާ! 

ހަމައެއާއިއެކު މިއަދުނޫހުގެ މުވައްޒިފުން ޚިދުމަތްކުރަމުން ގެންދަނީ މިއަދުނޫހަށް ޚިދުމަތްކުރުމަކީ އެމީހުންގެ ލެޔާއި ގުޅިފައިވާ އަމިއްލަ އުފަލެއްކަމަށް ދެކެގެންކަން ފާހަގަކުރަމެވެ. އަދި މިއަދުނޫސް ހިންގަނީ ލިބޭ އެހީތެރިކަމުންކަމަސްވުމުން ކުރިމަތިވެފައިވާ މާލީ ދަތިތަކާއިއެކު ލިބޭ މުސާރައިގެ އަދަދަށް ބެލުމެއް ނެތި މިއަދުނޫހުގައި މިހާރު ތިބި ކޮންމެ މުވައްޒިފަކީވެސް ﷲ ތަޢާލާގެ ދީނަށް ނަޞްރުދޭން ޖިހާދުކުރާ ފަހުލަވާނެއްކަންވެސް ފާހަގަކުރަމެވެ. 

މިއަދުނޫހަށް ޚިދުމަތްކުރި ހުރިހާ މުވައްޒިފުންނަށް ޝުކުރިއްޔާ! މިހާރު ޚިދުމަތްކުރަމުން ގެންދާ މުވައްޒިފުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ! 

މިފުރުޞަތުގައި ކިޔުންތެރިންނަށް ވަރަށް އުފާވެރި ޚަބަރެއް އަރުވާނަމެވެ. އެއީ ﷲ ތަޢާލާގެ މަގުގައި މިއަދުނޫހުން ކުރަމުން މިގެންދާ މަސައްކަތުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވަޑައިގެން އެހީތެރިވެދެއްވުމުގެ ފުރުޞަތު ވަރަށް އަވަހަށް ޢާންމުކޮށް ހުޅުވައިލަން މަސައްކަތްކުރަމުން ގެންދާ ކަމުގެ ޚަބަރެވެ. 

މިއަދުނޫހުގައި ޝާއިޢުކުރާ ދީނީ ލިޔުންތައް ބައްލަވައިދެއްވައި އެހީތެރިވެދެއްވައި އަދި ހިތްވަރުދެއްވަމުން ގެންދަވާ ހުރިހާ ދީނީ ޢިލްމުވެރިންނަށް ޚާއްޞަ ޞުކުރެއް އަރިސްކުރަމެވެ. 

އަލީ އަހްސަން ފިރާޤް، ޢައްޒަ މުޙައްމަދު ފަދަ ބޭފުޅުންގެ ޢަމަލީ ބައިވެރިވެވަޑައިގަތުން ޝުކުރުވެރިކަމާއިއެކު ފާހަގަކުރަމެވެ.   

މިއަދުނޫހަށް އެކި ގޮތްގޮތުން އެހީތެރިވެދެއްވާ އެންމެހައި ބޭފުޅުންނަށް ކުރިއެރުމާއި ކާމިޔާބީ މިންވަރުކުރެއްވެވުން އެދި ދުޢާކުރަމެވެ. މިއަދުނޫހަކީ މިހާރަށްވުރެވެސް ކިޔުންތެރިންނަށް ހުރިހާ ގޮތަކުން ވެސް ފައިދާކުރާނެ ނޫހަކަށް ހެދުމަށް މަސައްކަތްކުރަމުން ގެންދާނެކަމުގެ ޔަޤީންކަންވެސް އަރުވަމެވެ. މިއަދުނޫސް ކުރިއެރުވުމަށް ޖަހަން ހުށަހަޅާ "ރައިޓް އެޕްރޯޗް" ނުޖަހާނެ ކަމާއި "އެޕްރޯޗް ޖަހާނީ" ހަމައެކަނި ﷲ ތަޢާލާއަށް ކަމުގެ ޔަޤީންކަން ތަކުރާރުކޮށްލަމެވެ. އިން ޝާ ﷲ

މިއަދު އޮންލައިން