އަޅުގަނޑުގެ ޢުމުރުން 18 އަހަރުގައި ބައްޕަ ދެވަނަ ކައިވެންޏެއް ކޮށްފިއެވެ. އަދި ދިރިއުޅުންވެސް ދޮންމަންމަ ގާތަށް ބަދަލުކޮށްފިއެވެ. އެކަމުގައި ބައްޕަ ކުށްވެރިއެއް ނުކުރާނަމެވެ. ސަބަބަކީ އަޅުގަނޑުގެ މުޅި ޢުމުރުގައިވެސް މަންމަ، ލޯބިން ބައްޕަ ޢާއި ޥާހަކަދެއްކި އަޑު އިވިފައި ނެތުމުންނެވެ.
ކޮންމެއަކަސް އަޅުގަނޑުގެ އުމުރުން 22 އަހަރުގައި ފިހެނަކު ދެކެ ލޯބިވާން ފެށުނެވެ. އޭނާ ނިޞްބަތްވަނީ ފަޤީރު ޢާއިލާޢަކަށެވެ. މައިންބަފައިންގެ ދަރިން ގިނަކަމުން ބައްޕައަށް ލިބޭ ފައިސާއިން ނުފުދޭތީ އޭނާގެ މުސާރައަށް ލިބޭ ފައިސާކޮޅުވެސް ދެނީ ގޭގެ ޚަރަދަށް މަންމަ އަށެވެ. އެހެންވެ ލާނެ އަގުބޮޑު ހެދުމެއްވެސް އޭނާގެ އަތަކު ނުހުރެއެވެ.
އަހަރެމެން މަދުމަދުން ބައްދަލުވެސް ކުރަމުއެވެ. އޮފީސް ގަޑީގައި ނުވަތަ ހަވީރުގެ ވަގުތުގައި ކޮފީއަކުންނެވެ. މިގޮތުން އެއްދުވަހަކު ހަވީރު ކޮފީއެއްގައި ތިއްބާ މަންމައަށް ފެނުނެވެ. ގާތަށް އައިސް ފުރަތަމަވެސް ސުވާލުކުރީ މިއީ ކޮން ރަށެއްގެ ބީރައްޓެސެއްތޯއެވެ؟ އެއީ ތަންކޮޅެއް ބައު ގަމީހެއް ލައިގެން އިނީތީއެވެ.
އެވަގުތު އޭނާގެ ދިފާޢުގައި މަންމަ ކުރިމަތީގައި ވާހަކަދައްކަން ޖެހުމުން ވާހަކަ ދެއްކީމެވެ. އަދި އެއީ މަންމަ ކޮންމެ އެއްޗެއް ބުނިނަމަވެސް ރައްދުގައި ބަހެއް ބުނި ވެސް ފުރަތަމަ ދުވަހެވެ. އެވަގުތު ބުނީމެވެ. "މަންމައަށް ނޭނގެނީއެވެ. ރާއްޖެތެރޭ މީހަކަށްވާތީ ފަޤީރެއް ކަމަށް ބަލައި މަލާމާތް ކުރެވުނީ މަންމަމެންގެ ޅަ އުމުރުގައެވެ. މިހާރު މާލޭގައި އެންމެ މުއްސަނދީ ބީރައްޓެހިންނެވެ. ދެން އެކަން ބާއްވާށެވެ. މަންމަ އާއި ތިއަ ބައްދަލުވީ އިރާދަކުރެއްވިއްޔާ އަހަރެން ކައިވެނި ކުރާނެ މީހާ އާއިއެވެ."
މަންމަގެ މޫނު ދިއައީ ރަތްވެގެންނެވެ. ފުރަތަމަވެސް ބުނީ ކައިވެނިކޮށްފިނަމަ ގެއަށް ނުވައްދާނެ ކަމަށާއި ނިދާނެ ތަނަކާ އެނދެއް ހޯދާފައި ކައިވެނިކުރުމަށެވެ. އެހެންބުނެފައި ބާރުބާރަށް ހިނގާފައި ދިއައީއެވެ.
ކަންދިމާވިގޮތުން އެއިގެ ބައިގަޑިއެއްހައިއިރުފަހުން ދޮންމަންމަ އާއިވެސް ހަމައެތަނުން ބައްދަލުވެއްޖެއެވެ. އައިސް އަހަރެމެން ތިބި މޭޒުގައި އިށީނދެފައި ފުރަތަމަވެސް ސުވާލުކުރީ އޭނާއަކީ ކާކުތޯއެވެ. ކާކުކަން ބުނެދިނުމުން އޮޅުންފިލުވީ އޭނާގެ ޢާއިލާ އާއި ދިރިއުޅޭ ޙާލަތެވެ. ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ބުންޏެވެ. "ދަރިންނޭވެ! ތަނަވަސްކަމަކީ އިޚްލާޞްތެރި ފަޤީރުންގެ ޙައްޤެކެވެ. އިޚްލާޞްތެރިކަމާއިއެކު ދިރިއުޅޭނަމަ ތަނަވަސްކަން ދެއްވަވާނެއެވެ. އަވަހަށް ކައިވެނިކުރާށެވެ. ދެދަރިންނަށްޓަކައި ހެޔޮ ދުޢާކުރަމެވެ."
ދޮންމަންމަގެ ކިބައިން ލިބުނު ހިތްވަރުން ބާރުލިބި ކައިވެނިކުރަން އުޅުމުން މަންމަ ފެށީ ބިރު ދައްކާށެވެ. ގެއިން ނުކުމެގެން ބައްޕަގެ ގާތަށް ނުވަތަ ވާންއުޅޭ ފިރިމީހާގެ ގާތަށް ދާން ބުންޏެވެ. އެއީ ކުރިމަތިވާނެކަމެއްކަން ކުރިންވެސް އެނގިފައި އޮތުމާއިއެކު އެއިރު ހުންނާނީ ކައިވެނިކުރެވެންދެން ހުންނަން އެކުވެރިއެއްގެ ގެއިން ކޮޓަރިއެއްވެސް ހަމަޖައްސައިފައެވެ. ދިއައީ އެގެއަށެވެ.
އެގެއަށްގޮސް ކޮޓަރީގައި ހަމަޖެހިނުލެވެނީސް ބައްޕަ ގުޅައިފިއެވެ. "ދަރިފުޅާ ތިއަ އުޅެނީ ފުރަންތަ؟ ކޮންތަނަކަށްތަ؟ ޑްރައިވަރު ރަޝީދު ބުނި ދަރިފުލު 2 ލަގެޖާއިއެކު ގެންގޮސް ގެއަކަށް ބޭލިކަމަށް؟" ޖަވާބުގައި އަޅުގަނޑު ބުނީ "މިރޭ ބައްޕައާ ބައްދަލުކޮށް ކިޔައިދޭނެ ކަމަށެވެ."
އެރޭ ދޮންމަންމަގެ ގެއަށް ގޮސް ދެމަފިރިންނާއި ބައްދަލުކޮށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. އެއީ މަންމަގެ ޝަކުވާކުރާކަށް ނޫނެވެ. ކައިވެންޏަށް ބައްޕަގެ ވަލީ ބޭނުންވާނެތީއެވެ. އަދި ކައިވެނިކުރެވެންދެން ހުންނަން ޖެހޭނީ ބައްޕަގެ ބެލެނިވެރިކަމުގެދަށުގައިކަމަށްވާތީއެވެ. ޙަޤީޤަތަކީ ގެއިން ނުކުމެވޭނީ ވެސް ބައްޕައަށް އެނިގެނަކަމަށްވާތީއެވެ.
ވާހަކައިގެ މެދުތެރެއިން ދޮންމަންމަ ތެދުވެގެން ހިނގައްޖެއެވެ. އިރުކޮޅަކުން ފެނުނީ ބުރުގާ އަލައި ރީތިވެގެން އައިތަނެވެ. އައިސް ބުނީ "ވާހަކަ ދައްކަން ތިބޭނީ ފަހުންނެވެ. އެގޭ މީހުން ނުނިދަނީސް އެއްޗެތި ނެރެގެން މިގެއަށް ގެންނަން ދަމާ ހިނގާށެވެ!"
ދޮންމަންމަ އެހެން ބުނުމުން ހައިރާންވެ މޫނަށް ބަލަން އިނދެވުނެވެ. ތެދުވެވުނީ ބައްޕަވެސް ތެދުވެފައި "ދަރިފުޅާއެވެ! އިހަށް ހިނގާށެވެ!" ބުނުމުންނެވެ.
ކޮންމެއަކަސް އަޅުގަނޑުމެންގެ ކައިވެނީގެ ހަފްލާއަށްވެސް މަންމަ ނާދެއެވެ. ކައިވެނިކޮށްގެން ދެމަފިރިން އުޅުނީ ދޮންމަންމަގެ ގޭގައެވެ. ހުޅުމާލެއިން ފްލެޓެއް ލިބެންދެން (5 އަހަރު) ގެންގުޅުނީ ދޮންމަންމައެވެ. މިހެން މިބުނީ އެގެއަކީ ދޮން މަންމަގެ ގެ ކަމަށްވާތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނޭވެ! އަޅުގަނޑަށް ދެއްވެވި މަންމައަކީ އާދައާ ޚިލާފް މަންމައަކަށްވެދާނެއެވެ. އެހެންވެ އަޅުގަނޑުގެ މަންމަ ފަދަ ނޫން އެއްވެސް މަންމައަކު އަޅުގަނޑު މިކިޔައިދިން އަޅުގަނޑުގެ އަމިއްލަ ޙަޔާތުގެ ވާހަކައިގެ ސަބަބުން އަޅުގަނޑުގެ މައްޗަށް ހިތްވުރަ ނުކުރެއްވުން އެދެމެވެ.
އަޅުގަނޑާއިމެދު މަންމަ ކޮންމެ ގޮތަކަށް ކަންކަން ކުރިނަމަވެސް އަޅުގަނޑުގެ ހިތް ޙަލާލެވެ. މަންމަ އަޅުގަނޑު ވިހަން އެޅި ވޭނާ ގެންގުޅެން އުފުލި ބުރައިގެ އަގު ދުވަހަކުވެސް އަދާނުކުރެވޭނެއެވެ. އެހެންކަމުން މަންމައަށް ޚިދުމަތްކުރަން ލިބޭ ކޮންމެ ފުރުޞަތެއްގައިވެސް މަންމައަށް އެހީތެރިވާން މިހުރީ ހަމަ ތައްޔާރަށެވެ.
ނިންމާލަމުންވެސް ބުނެލަން އޮތީ ހަމަ ފެށި ސުރުޚީއެވެ! ކުޑަބަދަލަކާއިއެކުގައެވެ. " މިހާރު އަޅުގަނޑުގެ ހާލުގެ އަޑު އަހައިފީމެއް ނޫން ހެއްޔެވެ؟ ބަލައިގަންނަންވީ މަންމަހެއްޔެވެ؟ ދޮންމަންމަ ހެއްޔެވެ؟ ޖަވާބަސް އުންމީދުކުރަމެވެ!"
- މީނާޒް / މިއަދުނޫހުގެ ކިޔުންތެރިއެއް