އެންމެ ފުރަތަމަ މިވާހަކަ ވިދާޅުވާށެވެ.
އެއްދުވަހަކު އެންމެ މަތީ ފެންވަރުގެ ރެސްޓޯރަންޓަކަށް އަންހެން ކުއްޖަކު ދިއައެވެ. ލައިގެންހުރީ ފަޤީރުން ލައިއުޅޭ ޒާތުގެ ވަރަށް އާދައިގެ ހެދުމެކެވެ. ހެދުމަށްބަލައި ރެސްޓޯރަންޓަށް އެކުއްޖާ ވަނަވެސް ނުދިނެވެ. މެނޭޖަރު ބުނީ އެފެންވަރުގެ ކުދިން އެރެސްޓޯރަންޓަށް ނުވައްދާކަމަށާއި އޭނާ އާއި ގުޅޭ ފެންވަރުގެ ރެސްޓޯރަންޓަކަށް ދިއުން ރަނގަޅުވާނެކަމަށެވެ. އެހެން ބުނުމުގެ އިތުރުން އެކުއްޖާ އެތަނަށްވަނަދިނީތީ ސެކިޔުރިޓީމީހާވެސް ކުށްވެރިކުރިއެވެ. މިވާހަކަތައް އެ ކުއްޖާއަށް އަޑުވެސް އިވުނެވެ.
އެކުއްޖާ އަނގައިންވެސް ނުބުނެ ނުކުންނަން ހިނގައިގަތްތަނާ ވެއިޓަރަކު ނުކުމެ އޭނާއަށް ފައިސާދޭން އުޅުމުން ކުއްޖާބުނީ ފައިސާވެސް ކާއެއްޗެއްވެސް ބޭނުންނޫންކަމަށެވެ. ބޭނުންވަނީ ފޯނުކޯލެއް ކަމަށެވެ. ފޯނުކުރަން ފޯނު ދިނުމުން ކޯލެއްކޮށްފައި ބުނީ އޭނާ ބަލައި އެބަ އަންނަކަމަށެވެ.
އެއީ ވަރަށް ފިނިގަދަރެއަކަށްވުމުން ވެއިޓަރު އޭނާގެ ޖެކެޓްވެސް ކާރު އަންނަންދެން އަންހެން ކުއްޖާއަށް ދިނެވެ. އޭނާ ބަލައި އައީ އަގުބޮޑު ކާރެކެވެ. ވެއިޓަރަށް ޝުކުރު އަދާކޮށްފައި ކާރަށް އަރައިގެން ކުއްޖާ ދިއައީއެވެ.
އެއިގެ އެއްހަފްތާ ފަހެވެ. ހަމަ އެއަންހެން ކުއްޖާ ރެސްޓޯރަންޓަށް ދިއައީ ހަމައެއަގުބޮޑުކާރުގައެވެ. ހައިބަތުހުރި އުމުރުން ދުވަސްވީ ފިރިހެނަކާއިވެސް އެކުގައެވެ. ދެމީހުން މޭޒެއްގައި އިށީނުމުން އެންމެންގެ ސަމާލުކަން އެދެމީހުންނަށް ދިނެވެ. އޯޑަރު ނަގަން ވެއިޓަރަކު ގޮވައިގެން މެނޭޖަރުވެސް ދިއައެވެ. އޯޑަރުކުރުމަށްފަހު އެމީހާ މެނޭޖަރާއި ސުވާލުކުރީ މިދިއަ ހަފްތާ ބަންދުގައިވެސް މެނޭޖަރަކަށްހުރީ އޭނާތޯއެވެ. ޖަވާބުގައި އާނއެކެވެ! ބުނުމުން އެމީހާ ބުންޏެވެ.
"އަހަރެންނަކީ މިރެސްޓޯރަންޓުގެ ވެރިމީހާއެވެ. މިޗޭނުގެ ވެސް ވެރިމީހާއެވެ. ތިހިރީ ވަޒީފާއިން ވަކިކޮށްފައެވެ. އަވަހަށް މިތަން ދޫކޮށްފައި ދާށެވެ."
މިހެން ބުނުމުން އޭނާގެ ކުށަކީ ކޮބައިތޯ ސުވާލުކުރުމުން ކިޔައިދިނެވެ. "މިދިއަ ހަފްތާ ބަންދުގައި މީނދަ އަހަރެންގެ އަންހެން ދަރިފުޅު މިރެސްޓޯރަންޓަށް އައީ މަގުމަތިން ބައަކު އޭނާގެ ގައަށް އަރައިގަނެ ލައިގެންހުރި ފޭރާމާއި ވޮލެޓާއި ފޯނުވެސް ޖަހައިގަނެގެން ދިއުމުން އަހަރެންނަށް ގުޅާށެވެ. މިތަނުގެ އެހީތެރިކަމަށް އެދިގެންނެވެ. ނަމަވެސް އެންމެ ކުޑަމިނުން އޭނާއާއި އެއްވެސް ސުވާލެއްވެސްކޮށްލުމެއްނެތި، ވަނަވެސް ނުދީ ބޭރުކޮށްލީއެވެ. އޭނާ އާއި އެންމެކުޑަމިނުން ވާހަކަވެސް ދައްކައިނުލިއެވެ.
އެއީ އިންސާނުންނަށް ކަންތައް ކޮށްގެންވާނެ ގޮތެއް ނޫނެވެ. މީހަކު އަތުވެއްޖެނަމަ އެމީހަކާއި ވާހަކަދައްކަންވާނެއެވެ. ފޯރުކޮށްދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދޭންވާނެއެވެ. އަހަރެންގެ ވަޒީފާތަކުގައި ބައިތިއްބަން ބޭނުންވަނީ އެފަދަ އިންސާނިއްޔަތުކަންހުރި މީހުންނެވެ."
އެހެން ބުނެފައި އެރޭ އޭނާގެ ދަރިފުޅާ ވާހަކަ ދައްކައި ފޯނުކުރަން ފޯނުދީ އެހީތެރިވި ވެއިޓަރު ހޯދުމަށްފަހު ބުންޏެވެ. "އަހަރެންގެ ވަޒީފާތަކުގައި ތިބެން ބޭނުންވަނީ ކަލޭފަދަ މީހުންނެވެ. މިވަގުތުން ފެށިގެން ކަލެއަކީ މިރެސްޓޯރަންޓުގެ ސީނިއަރ މެނޭޖަރެވެ."
އަޅުގަނޑުވެސް މިވާހަކަކިޔާފައިވަނީ ސޯޝަލް މީޑިއާއިންނެވެ. ވީމާ މިއީ އައުވާހަކައަކަށް ނުވެދާނެއެވެ. އަޅުގަނޑު ފަދައިން ގިނަ ބައަކު މިވާހަކަ ކިޔާފައިވެސް ވެދާނެއެވެ.
އަޅުގަނޑު ބުނެލަން ބޭނުންވަނީ މިބާވަތުގެ ޢިބްރަތްތެރި ވާހަކަތައް ހަމައެކަނި ކިޔާލުމަކުން ނުފުދެއެވެ. ޢިބްރަތްވެސް ޙާޞިލްކުރަން ޖެހެއެވެ. މިވާހައިން ދެކަމެއް އަޅުގަނޑު ފާހަގަކޮށްލާނަމެވެ.
ފުރަތަމަކަމަކީ ދަތިޙާލުގައި ތިބޭ މީހުންނަށް އެހީތެރިވުމުން އެކަމުގެ ބަދަލު މިދުނިޔޭގައިވެސް ދެއްވަވާކަމެވެ. އޭނާއަށް ކުޑަކުޑަ އެހތެރިކަމެއް ފޯރުކޮށްދިން ވެއިޓަރަށް އެލިބުނީ ކޮންފަދަ ބޮޑު ކުރިއެރުމެއްތޯއެވެ؟ އެހީތެރިކަން ފޯރުކޮށްދޭންވީ މީހާއަށް ބަލައިގެނެއް ނޫނެވެ. އެންމެންނަށެވެ. ދަތިޙާލުގައި ހުރި މީހަކު ފެނިއްޖެނަމަ އެމީހަކަށް ކޮށްދެވެން އޮތް ކަމެއް ކޮށްދޭންވީއެވެ. ބަދަލު އެދެންވީ އެމީހާގެ ކިބައަކުން ނޫނެވެ. މާތް ﷲ ގެ ޙަޟްރަތުންނެވެ.
ދެވަނަ ކަމަކީ މިފަދަ ޘަޤާފަތެއް ރާއްޖޭގައި ނެތް ނަމަވެސް ރެސްޓޯރަންޓް ފަދަ ތަންތަނަށް ދިއުމުން މުއްސަނދިންނާއި ފަޤީރުން ތަފާތުކުރެއެވެ. އަގުބޮޑު ފޭރާންލައިގެން، އަގުބޮޑު، މީރުވަސްދުވާ ސެންޓް ޖަހައިގެން ތިބޭ މީހުންނަށް އަވަސްކޮށްދެއެވެ. މުޢާމަލާތުކުރާ ގޮތްވެސް ވަރަށް ތަފާތެވެ.
އަޅުގަނޑާއި އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް އާދައިގެ ގޮތަކަށް ބޭރުފުށުން ކަންކަން ދައްކައިގެން އުޅޭ ދެމީހުންނެވެ. އަޅުގަނޑުމެންގެ ތަނަވަސްކަން ފޭރާމުން ދައްކާބައެއް ނޫނެވެ. އަގުބޮޑު ގަހަނާއަޅައި އަގު ބޮޑު ސެންޓުޖަހައި ވަސްދުއްވައިގެން އުޅޭ ބައެއް ނޫނެވެ. ކަންކަން ކުރަނީ މެދުމިނުގައެވެ.
ނަތީޖާއެއްގެ ގޮތުން ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން ދެމަފިރިންނާއިމެދު (އަޅުގަނޑުމެންނަކީ ކޮންބައެއްކަން ނޭނގޭ މީހުން) ކަންކަން ކުރަނީ ނިކަމެތި 3 ވަނަ ދަރަޖައިގެ މީހުންނާއިމެދު ކަންތައް ކުރާ ގޮތަށެވެ. އެކަމާއި އެއްވެސް މީހަކާއި ޝަކުވާއެއް ނުކުރަމެވެ. އެކަން ބަލައިގަންނަނީ ފިލާވަޅެއްގެ ގޮތުގައެވެ.
ވީމާ މިވާހަކައަކީ މިފަދަ ޢިބްރަތްތައް އެކުލެވިގެންވާ ވާހަކައަކަށްވާތީ އަޅުގަނޑުގެ ވިސްނުން ހިއްޞާކޮށްލީއެވެ.
- އިޙްސާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް