އަޅުގަނޑު އޭނާ ވަރަށް ރަނގަޅަށް ދަންނަމެވެ. އޭނާގެ ޢާއިލާވެސް ދަންނަމެވެ. އޭނާއަކީ ކިޔަވައިގެން ހުރި ތަންދޮރުފިލާ ޒުވާނެކެވެ. އަނބިދަރިންނާއި މައިންބަފައިންނަކީ ނުހަނު ކިޔަމަންތެރި އަޚްލާޤް ރަނގަޅު ބައެކެވެ. ދެބަސްވުމަކީ ޢާއލާގެ ތެރޭގައި އޮންނަ ކަމެއް ނުވެސް ނޫނެވެ.
އޭނާއަކީ ޒުވާން އިރުންސުރެ ބަނގުރަލަށް ދެވިހިފާފައި ހުރި މީހެކެވެ. އުމުރުން 50 އިން މައްޗަށް ގޮސް ކާފަދަރިން ލިބުމުންވެސް އެކަން އޭނާއަށް ހުއްޓައެއް ނުލެވުނެވެ. ޢާއިލާއިން އެކަމަށް ދެކޮޅުހަދާތީ އެކަން ކުރަން އޭނާއަށް ހިތްވަރުދޭނެ ޒުވާން އަންބަކުވެސް އޭނާ ހޯދިއެވެ.
އޭނާއަށް ކަންކަން ވިސްނުނީ ހަމަކިރިޔާ މަރުން ސަލާމަތްވެވުނު ހާދިސާއެއް ކުރިމަތިވުމުންނެވެ. ކުއްލިއަކަށް ސްޓްރޯކެއް ޖެހުނީއެވެ. އައިސީޔޫގައި މަސްދުވަހު އޮންނަން ޖެހުނެވެ. ހިނގައިގަނެވުނީ އަހަރެއްހައި ދުވަހު ކަސްރަތުދީގެންނެވެ.
މިޙާލުގައި އޭނާ އުޅެމުންދަނިކޮށް ޒުވާން އަނބިމީހާ އޭނާ އާއި ވަކިވިއެވެ. ބަލިވިފަހުން ލޮލަށްވެސް ނުފެނެއެވެ. އޭނާއަށް ޚިދުމަތްކުރަންޖެހުނީ ހަމަ ދޮށީ އަނބިމާހާޢަށެވެ. ދޮށީ އަނބިމީހާއަށް އެކަން ބުނައަކަށް ނުވެއެވެ. ނުހަނު ލޯބިން ހުރިހާ ކަންކަންވެސް ކޮށްދިނެވެ.
މިހިރަ މިހިރަ ހާދިސާތަކަކީ ވިސްނާ މީހުންނަށް ހުރި ޢިބްރަތްތެރި ފިލާވަޅުތަކެވެ. އިންސާނުން އުފައްދަވައި އަދި އެ އެބައިމީހުންނަށް އިޚްތިޔާރުތަކެއްވެސް ވަނީ ދެއްވަވައިފައެވެ. އެއިޚްތިޔާރުތަކުގެ ބޭނުން އެމީހަކު ބޭނުން ގޮތަކަށް ކުރެވިދާނެއެވެ.
އެޒުވާނާއަށް ސްޓްރޯކް ޖެހުނުކަން އެއީ ﷲ ތަޢާލާ ލެއްވެވި ރަޙްމަތެކެވެ. އެކަމުގެ ސަބަބުން އޭނާ ކުރަމުން އައި ބޮޑުފާފައިން ސަލާމަތްވުމުގެ ފުރުޞަތު ލިބުނީތީއެވެ. ނަމަވެސް މިފަދަ ފުރުޞަތު އެންމެންނަކަށް ނުލިބެއެވެ. ގިނަ ބައަކު މަރުވެ ދުނިޔެދޫކުރަމުން ދަނީ ބޮޑެތި ފާފަތައް ކުރުންމަޓީގައެވެ. އެފަދަ މީހުންގެ ޙާލާއިމެދު ވިސްނައިލުމުން ލޮލުން ކަރުނަ އޮހޮރެއެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާވަނީ މީސްތަކުންނަށް އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެ އިޚްތިޔާރުތައް އެމީހަކު ބޭނުން ކަމެއް ކުރަން ބޭނުންކުރެވިދާނެއެވެ. ބިރުވެތިވެތިނުވެ ތިއަބައިމީހުންގެ އަތްތަކުން މިއަދު ވައްކަން ކުރެވިދާނެއެވެ. ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރެވިދާނެއެވެ. މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވިދާނެއެވެ. އެދުވަހު އެކަންކަން ނުކުރާ ކަމަށް ދަންނަވާނެއެވެ! ނަމަވެސް އަތްތަކާއި އެކަމެއްކުރި ގުނަވަންތައް ވާހަކަ ދައްކައި ކުރި ހުރިހާ ކަންކަމަށް ހެކި ދޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން