މިހިރީ ދައްކަން ލަދުވެތިވެސް ވާހަކައެވެ. ނަމަވެސް ކަންކަން ހިނގަމުންދާ ގޮތެވެ. އަޑުއައްސަވާށެވެ!
އަޅުގަނޑުގެ ދެބެންގެ ދެދެދަރި ދައްތައެއްގެ ފިރިމީހާ އާއި ދައްތަގެ ކޮއްކޮ ލޯބީގެ ގޮތުން ގުޅުން ހިންގާކަން ފަޅާއެއީ ބަލިވެއިނދެ ބަނޑަށް 6 މަހުގައެވެ. ދައްތަ ބޭނުންވީ އެހިސާބުން ފިރިމީހާ ދޫކޮށްލައި އެނބުރި މައިންބަފައިންގެ ގާތަށްދާށެވެ.
ފިރިމީހާ އެކަމަށް ހުރަސްއެޅިއެވެ. ގޭގެ ކޮޓަރިއަކަށްލައި ދައްތަ ތަޅުލިއެވެ. ފޯނު އަތުލައި އެއްވެސް މީހަކާއި ނުގުޅޭނެ ގޮތް ހެދިއެވެ. އެހާލުގައި ބައިންދައިގެން ކާންދިނީ ކިރިޔާ ފުދޭ މިންވަރަކަށެވެ. ބަލިވެ އުޅުނުއިރު ޑޮކްޓަރަކަށްވެސް ނުދައްކައެވެ. ބޭސްދިނީ އަމިއްލައަށެވެ. މިހުރިހާ އަނިޔާއެއް ދިނީ ވިހެއުމުން ދަރިފުޅު އަތުލައިގެން ދެމީހުން ފިލުމުގެ ބޭނުމުގައެވެ.
ވިހަން ބަނޑުގައި ރިއްސަން ފެށުމުން ފުރަތަމަ މަސައްކަތްކުރީ މީހަކު ގެނެސްގެން ގޭގައި ވިއްސުމަށެވެ. ނަމަވެސް ދައްތަގެ ޙާލު ސީރިއަސްވުމުން ޖެހުނީ ހޮސްޕުޓަލަށް ގެންދާށެވެ. ހޮސްޕިޓަލަށް ގެންދިއަތަނާހެން ދެމައިން އެކުގައި މަރުވީއެވެ. ކަންކަން މެދުވެރިވި ގޮތް ފަޅާއެރީ ޑޮކްޓަރުންގެ ރިޕޯޓްތަކާއިގުޅިގެން ފުލުހުން ކުރި ތަޙްޤީޤުންނެވެ.
ނިކަން ބުނެބަލާށެވެ! އެދެމައިން މަރުވި ގޮތުގެ ޒިންމާ އެދެމީހުން ނަގަން ނުޖެހޭނެތޯއެވެ؟ މަރުވީ ހޮސްޕިޓަލުގައި ނަމަވެސް އެކަން ވާނީ ޤަޞްދުގައި ދިން އަނިޔާއަކަށް ނޫންތޯއެވެ؟
އެދެމީހުން ކައިވެނިކުރަން ބޭނުންވާއިރު ދައްތަ ދޫކޮށްލާފައި ކައިވެނިކުރިނަމަ އެއަނިޔާ ދައްތައަކަށް ނުލިބުނީހެވެ. އަދި އެއީ އެހައި ހަޑިމުޑުދާރުކަމަކަށްނުވީހެވެ. މީހުން ވަރިކުރެއެވެ. ކޮއްކޮއިންނާ އަދި ދައްތައިންނާއިވެސް ކައިވެނިކުރެއެވެ. ރީތި ގޮތުގައި އެކަން ކުރެވެން އޮންނައިރު އެންމެ އަނިޔާވެރިގޮތް އިންސާނުން މިއިޚްތިޔާރުކުރަނީ ކީއްވެގެންބާވައެވެ!
މުޅި އިންސާނިއްޔަތަށް އާދޭސްކޮށްފައި ބުނަމެވެ. ދެމީހަކު ލޯބިވެއްޖެ ނަމަ އަވަހަށް ކައިވެނިކުރާށެވެ! އަނެކާއަށް އަނިޔާވެރިނުވާށެވެ! މަރުނުވާނެ ހަމައެކަކުވެސް ނުހުންނާނެއެވެ. ﷲ ގެ ޙަޟްރަތުގައި ހުއްޓިހުންނަން ނުޖެހޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.
ދައްތަ މަރުވީ ވިހެއުމުގެ ތެރޭގައެވެ. ވީމާ އެއީ ޝަހީދުމަރެކެވެ. އިން ޝާ ﷲ. ދައްތަގެ ނަޞީބުގަދައީއެވެ. ދައްތައަށް ސުވަރުގެއެވެ. އިން ޝާ ﷲ
އެއްވެސް މީހަކަށް ދެރަގޮތެއް ވުމުން އުފާކުރަނީއެއް ނޫނެވެ. ނަމަވެސް އެދެމީހުންނަށް މިހާރު ކޯޓުންވަނީ މާފުނުލިބޭ ގޮތަށް 25 އަހަރުގެ ޖަލުޙުކުމެއް އިއްވައިފައެވެ. ދުނިޔެމަތީގައިވެސް އެދަނީ ވޭން އުފުލަމުންނެވެ. ﷲ ގެ ޝަޒާއިން ދުނިޔޭގައިވެސް މިންޖުނުވެވޭނެކަމަށް ބުނެވެނީ މިހެންވެގެންނެވެ.
މިއީ ދައްކަން ލަދުވެތި ވާހަކައެއް ކަމަށް ފަށަމުން ބުނީ ވަރަށް ބޮޑު ސަބަބެއް އޮތުމުންނެވެ. އެއީ ދައްތަ މަރުވާން ޖެހުމުގެ އެއް ހިއްބާދާރަކީ ހަމަ އަނހެނެކެވެ. އަނހެނެއްގެ އިތުރުން އޭނާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮއެވެ. ދުރުހިލޭ ނަމަވެސް އަންހެނަކު އަންހެނަކަށް މިފަދަ ބޮޑު އަނިޔާއެއް ދިނުމަށްވުރެ ލަދުވެތިކަންބޮޑު ކަމަކީ ކޮބައިހެއްޔެވެ؟
ކިތަންމެ ވަރަކަށް ލަދުގަތް ނަމަވެސް މިފަދަ ވާހަކަތައް ދައްކަން މިޖެހެނީ ކިޔާ އެންމެ މީހަކަށްވެސް އަސަރެއްކޮށް ޢަމަލުތައް އިޞްލާޙްކޮށްފާނެ ކަމުގެ އުންމީދުގައެވެ. އިންސާނިއްޔަތަށް ފައިދާއެއްކޮށްފާނެކަމުގެ އުންމީދުގައެވެ.
- ފައިރޫޒާ / އިސްލާމް އާބާދު ، ޕާކިސްތާން