ވަރަށް ގިނައިން ބުނެއެވެ. "ތިހާ ރީތިކުދިން ކައިވެނިނުކޮށް ތިބޭކަށް ނުވާނެއެވެ!" އަޅުގަނޑުގެ ސުވާލަކީ އެއީ ކީއްވެގެން ހެއްޔެވެ؟ ރީތިވުމަކީ އެ އަންހެނަކު ހިތްއެދޭ ބައިވެރިއެއް ލިބުމުގެ އިންތިޒާރުގައި މަޑުކޮށްލައިގެން ނުވާނެ ސަބަބަކީތޯއެވެ؟
އަޅުގަނޑަށްވެސް އެނގެއެވެ. އިސްލާމްދީނުގައި އޮތީ ބާލިޣްވެ ކައިވެންޏަށް ތަޝައްރަފް ފުދުމުން އަވަހަށް ކައިވެނިކުރުމަށެވެ. އެކަން އެގޮތަށް އޮތީ ހަމައެކަނި ރީތި އަންހެނުންނަކަށް ނޫނެވެ. ހުރިހާ އެންމެންނަށެވެ.
ރީތި އަންހެނަކު ކައިވެނިނުކޮށް މަޑުކުރާނަމަ ބައެއް މީހުން އެކަންދެކެނީ މުޅިން ތަފާތު ގޮތަކަށެވެ. ނަމަވެސް އެއީ ކަނޑައެލިގެން މުޅީން ނުބައި ވިސްނުމެކެވެ. އެކަމުގެ ހެކިވެސް ދައްކައިފާނަމެވެ.
މުޅިރާއްޖެއަށް ބެލިނަމަވެސް ރާއްޖޭގައި ހުރި އެންމެ މުއްސަނދި އަންހެނުންގެ ތެރެއިންވެސް އެންމެ ކުރީގައި އެއް އަނހެނެއްގެ އުމުރުގެ ބޮޑުބައި ހޭދަވެ މިހާރު މުސްކުޅިވެފައިވާއިރު އޭނާއަކީ ހަޑި އަންހެނެއް ކަމަށް ބުނާނެ މީހަކު ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. އޭނާއަށް ފިރިއަކާއިއެކުގައި ހޭދަކުރެވުނީ ކިތައް އަހަރުކަން ބެލުމުގެ ބަދަލުގައި ރަނގަޅުވާނީ ދެމަފިރިން އެކުގައި ހޭދަކުރީ ކިތައް ދުވަސްތޯ އާއި ކިތައް ގަޑިއިރުކަން ބެލުމެވެ.
ނަމަވެސް އޭނާ އާއިމެދު ނުބައި އެންމެ އަޑެއް އެރިކަމެއްވެސް އެނގިފައެއް ނުވެއެވެ. އޭނާއަކީ އޭނާގެ ކިބައިން ކިތަންމެ ކުޑަކަމެއް ހިނގިނަމަވެސް އެންމެން އެކަމަށް ސަމާލުކަންދޭނެ އަންހެނެކެވެ. ވީމާ ކަމެއް ހިނގިނަމަ ސިއްރުވާނެކަމަކަށް ނުބެލެވެއެވެ. ސަޅިކަނޑަންވެސް އެާހަކަ ނުދައްކައެއް ނުތިބޭނެއެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބުނާނީ އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު، ނަމޫނާ އަނހެނެއް ކަމަށެވެ.
އަޅުގަނޑަށް އޭނާ އާއިއެކު އަހަރުތަކެއްވަންދެން އެކުގައި އުޅެންވެސް ފުރުޞަތު ލިބުނެވެ. އުޅުނީ ހަމަ އެކަންޏެވެ. ހަރުދަނާ ކަމާއި އަޚްލާޤީ ގޮތުން އެވަރުގެ ރަނގަޅު އަންހެނަކު މަދުވާނެކަމަށް ބުނަން އެއްވެސް ޖެހިލުމެއް ނުވެއެވެ. އަދި އޭނާއަކީ ދުނިޔޭގައި ހުންނާނެ އެފަދަ ހަމައެކަނި އަންހެނާއެއްވެސް ނޫނެވެ. އެފަދަ އެތައް ބައިވަރު އަންހެނުން ތިބޭނެއެވެ.
އަޅުގަނޑު މިވާހަކަކޮޅު ހާމަމިކުރީ ރީތި އަންހެނަކު ކައިވެނިނުކޮށް މަޑުކޮށްލައިފިނަމަ ބޮލުގައި ނުބައި ބަދުނާމުތައް އަޅުވާތީއެވެ. އެންމެ ތަޤްވާވެރި އަންހެނުންގެ ތެރޭގައި ރީތި ކަނބަލުން މަދީހެއްޔެވެ؟ ވީމާ ވާހަކަ ދައްކަންވާނީ މިކަންކަމަށް ވިސްނައިގެންނެވެ.
އަޅުގަނޑު ދެކޭ ގޮތުގައި އަންހެނަކު ރީތިނަމަ އޭނާގެ ފަހަތުން ދުވާ ފިރިހެނުން ގިނަވާނެއެވެ. ވީމާ ފުރާނާލަން ވަގުތުކޮޅެއް ބޭނުންވެސްވާނެއެވެ. އެ މުއްދަތުގައި އޭނާގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވައި އަގުވައްޓާލަން ނުވަތަ ބަދުނާމްކުރަން ޙަޤީޤަތެއް ނެތް ވާހަކަ ފެތުރުން ހުއްޓާލަންޖެހެއެވެ.
ދެން ކުރަން އޮތް ސުވާލަކީ ހުހަށް ހުރެގެންވެސް ކައިވެނިކޮށްގެންވެސް ނުބައި ގޮތްގޮތަށް އުޅެނީ ހަމައެކަނި ރީތި އަންހެނުންހެއްޔެވެ؟ ނިކަން ޖަވާބުދީބަލާށެވެ! މިވާހަކަތައް މިހައިވަރަށް ދައްކަން މިޖެހުނީ އަޅުގަނޑުގ އެކުވެރިންގެ ތެރޭގައި އެބުނާ ވަރަށް ރީތި ދެ އަންހެނަކު ހިމެނެއެވެ. އެކަކު ހުރީ އަދިވެސް ކައިވެނިނުކޮށެވެ. ދެވަނަ މީހާ ހުރީ ފުރަތަމަ ކައިވެނި ރޫޅުމުން އަދި އިތުރު ކައިވެންޏެއް ނުކޮށެވެ. ދެއަންހެނުން ބޮލުގައި ނުއަޅުވާ އިލްޒާމެއް ނެތެވެ. ބޯފަޅައިގެންދާވަރުވެއެވެ. މިއީ ހަމަ އިންޞާފުތޯއެވެ؟ އަޅުގަނޑަށް ޤަބޫލުކުރެވޭ ގޮތުގައި އެފަދަ ދޮގު އިލްޒާމްތައް އެއަޅުވަނީ ހަމަ ހަސަދަވެރިކަން ބޮޑުކަމުންނެވެ!
- ނިޝާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް