ޖަނަވާރުތައް ކާލަން ޖަންގައްޔަށް އެއްލާލެވުނު އަންހެނަކު ސަލާމަތްކޮށްދީ އިޙްޞާންތެރިވި 2 މީހުން މިލިއަނަރުންނަށްވީ ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 52ސ
ޖަނަވާރުތައް ކާލަން ޖަންގައްޔަށް އެއްލާލެވުނު އަންހެނަކު ސަލާމަތްކޮށްދީ އިޙްޞާންތެރިވި 2 މީހުން މިލިއަނަރުންނަށްވީ ގޮތުގެ ވާހަކަ-

އެނާގެ ފިރިމީހާއަކީ މިލިއަނަރެކެވެ. ދެމަފިރިންނަށް ދަރިއަކު ލިބިފައެއް ނުވެއެވެ. ފިރިމީހާ ކުރާކަމަކީ ދަރިއަކު ނުލިބިގެން އަނބިމީހާއަށް އެއްޗެތިގޮވުމެވެ. ދަރިއަކު ހޯދަން ބޭސްފަރުވާކުރުން ނުވަތަ އެނޫންވެސް މަސައްކަތެއް އެކަމަށްކުރަން އޭނާ ބޭނުމެއް ނުވެއެވެ.

މިލިއަނަރުގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ޒުވާން ރީތި އަންހެންކުދިންނާއިއެކުގައެވެ. ބައެއްފަހަރު ގެއަށް ގެނެސް އަނބިމީހާއަށް އަންގައިގެންވެސް ކަންކަން ކުރެއެވެ. އެހެންކަމާއިއެކުވެސް އަނބިމީހާ ވަރިއެއް ނުކުރެއެވެ. އެއީ ވަރިކުރާނަމަ އެކަމަށް އަގުދޭންޖެހޭނެތީއެވެ. އަނބިމީހާއަށް ފައިސާދޭން ބޭނުން ނުވާތީއެވެ. 

ވަރިއަށް އެދޭއިރަށް ބުނަނީ "ކަލެއަށް ފައިސާ ދޭން އަހަރެން އެބައުޅޭހެއްޔެވެ؟ ރީތިގޮތަކަށް ވަރިކޮށްދޭނަމެވެ. މަޑުކުރާށެވެ." މިފަދަ ނުބައި ބަސްތަކެވެ. ިރުން މީހަކު ހަލާކުވާފަދަ ބަސްތަކެވެ. 

އެއްރެއަކު އަނބިމީހާ ގޮވައިގެން ކާރު ދުއްވާލަންދަނީކަމަށް ހަދާފައި ގޮވައިގެން ގޮސް އެތައް މޭލަކަށް ދުއްވާފައި ޖަންގަލިތެރެއަށް ބާލުވައި ދޫކޮށްލިއެވެ. އެއީ ސާރިދޯޅާއި މިނިކާވަގުވެސް އުޅޭ ސަރަހައްދެކެވެ. މިލިއަނަރުގެ އުންމީދަކީ ކޮންމެވެސް ޖަނަވާރެއް އަނބިމީހާ ކައިލުމެވެ. 

އަނބިމީހާ ގަތް ބިރުން ކުރިއަށްދާންވެސް ނުކުރެވިފައި ހުރިތަނުގައި ހުއްޓާ ކާރުގައި މިލިއަނަރުގޮސް އޮބާލައިފިއެވެ. އެހެން ހުރިއިރު ޖަނަވާރުތަކުގެ އަޑުތައް އިވެއެވެ. ވަރަށް ގާތުން އިވޭހެންވެސް ހީވެއެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތުމުން މަޑުކޮށްގެން ހުރީއެވެ. 

އެހެން ހުއްޓައި އައި ޖިޕެއް މަޑުކޮށްފައި އޭނާ ޖިޕަށް އެރުވިއެވެ. ޖިޕުގައި 2 ފިރިހެނުން ތިއްބެވެ. އެމީހުން ކަންތައްކޮށްފާނެ ގޮތަކަށްވެސް ބިރުގަތެވެ. ނަމަވެސް އެމީހުން ކޮންމެގޮތަކަށް ކަންތައް ކުރިނަމަވެސް ކުރާނެ ކަމެއް ނެތެވެ. އެވެސްމަރެވެ. ހުއްޓަސްމަރެވެ. ވީމާ ހުރިހާ ކަމެއް ޙަވާލުކުރީ ނަޞީބާއިއެވެ. 

ކާރުގައި ތިބި މީހުން ސުވާލުކުރުމުން ހުރިހާ ވާހަކަތަކެއް ތެދަށް ކިޔައިދިނެވެ. އެމީހުން ބުންޏެވެ. "ކަންބޮޑުނުވާށެވެ. ތިބާ ތިއަވަނީ ހަމަ ހެޔޮލަފާ ބައަކާއިއެކު އެވެ. ތިބާވަނީ ފުރިހަމަ ރައްކާތެރިކަމުގައެވެ. އައަހަރެމެން މިއުޅެނީ ޖަންގައްޔަށް ސަފާރީ ދަތުރަކު އައިސްގެންނެވެ. އަހަރެމެންނާއިއެކު ގެސްޓްހައުސްއަށް ހިނގާށެވެ." 

އެދެމީހުން ނަކީ ހަމަ ވަރަށް ހެޔޮލަފާ ދެމީހުންނެވެ. އެމީހުން ބުނީ އެމީހުންގެ ޗުއްޓީގައި އަދި ހަފްތާއެއް ބާކީ އެބައޮތްކަމަށާއި އެމީހުންނާއިއެކުގައި މަޑުކުރުމަށެވެ. ޗުއްޓީ ނިންމާފައި ގޮސް ކަންކަން ހަމަމަގަށް އަޅުވައިދޭނެ ކަމަށެވެ. 

7 ދުވަސްފަހުން ސިޓީއަށް ގޮސް ފުރަތަމަވެސް ދިއައީ ޕޮލިސް ސްޓޭޝަނަށެވެ. ފުލުހުންނަށް އެވާހަކަތައް ކިޔައިދިނުމުން ޤަބޫލުކުރަން އުނދަގޫވިއެވެ. ސަބަބަކީ އެއިރު މިލިއަނަރު ވަނީ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައެވެ. ރިޕޯޓްކޮށްފައިވަނީ ވަރަށް ގިނަ ފައިސާ ވަގަށް ނަގައިގެން އަނބިމީހާ ފިލާފައިވާކަމަށެވެ. ޤަބޫލުކުރެވެނީ "ބޯއިފްރެންޑާއެކު" ފިލީކަމަށް ކަމަށެވެ. 

ކޮންމެއަކަސް ފުލުހުން އެމީހުންގެ ހުނަރުތައް ބޭނުންކުރިއެވެ. ސިއްރު ވީޑިއޯ ކެމެރާއެއް އަންހެން މީހާގެ ގައިގަ ހަރުކޮށްފައި އެގެއަށް ވެއްދިއެވެ. 

މިލިއަނަރަށް އަނބިމީހާ ފެނުމުން ދިއައީ ސިއްސައިގެންނެވެ. "ކަލޭ ސަލާމަތްކުރީ ކާކުހޭ؟ ކަލެއަކީ ފަސޭހައިން މަރާލެވޭނެ މީހެއްވެސް ނޫނޭ؟ ކާރުންޖައްސައި ޗިސްކޮށްލެވުނުނަމަ ރަނގަޅުވީހޭ!" ކިޔައި އަޑުގަދަކުރަން ފެށިއެވެ. އެހިސާބުން ފުލުހުން ގެއަށްވަދެ މިލިއަނަރު ހައްޔަރުކުރިއެވެ. ޤަޞްދުގައި އަނބިމީހާ މަރާލަން މަސައްކަތްކުރިކަމުގެ ކުށުގައެވެ. 

މިލިއަނަރުގެ ވަކީލުންނަށް މިލިއަނަރު ސަލާމަތެއް ނުކުރެވުނެވެ. އައީ 30 އަހަރުގެ ޖަލު ޙުކުމެކެވެ. އަދި ބަދަލެއްގެ ގޮތުން މިލިއަނަރުގެ މުއްސަނދިކަމުގެ ދެބައިކުޅައެއްބައި ދޭން ކޯޓުން ޙުކުމްކުރިއެވެ. 

އަންހެން މީހާ އޭނާ ސަލާމަތްކޮށްދިން 2 ފިރިހެނުންނަށް ފުރުޞަތެއް ހުށަހެޅިއެވެ. އެކަކު އޭނާ އާއި ކައިވެނިކުރުމަށެވެ. ކައިވެނި ނުކުރާ މީހާއަށް 2 މިލިއަން ޑޮލަރު ދިނުމަށެވެ. ބުންޏެވެ. "ކޮންމެ މީހަކު ކައިވެނިކުރިނަމަވެސް މައްސަލައެއް ނެތެވެ. އަދި 2 މީހުންކުރެ މީހަކު ކައިވެނިކުރަން ބޭނުން ނުވާނަމަ ދެމީހުންނަށްވެސް ކޮންމެ މީހަކަށްވެސް 2 މިލިއަން ޑޮލަރުދޭނަމެވެ. ކައިވެނިކުރަން ބޭނުންވާނަމަ އެމީހަކަށް ފައިސާ ނުދެނީ އޭނާއަކީ އަހަރެންގެ ފިރިމީހާ ކަމުގައިވެ އަހަރެންގެ ތަނަވަސްކަމުގައި އެކުގައި ދިރިއުޅޭނެތީއެވެ." 

ދެމީހުންވެސް ބޭނުންވީ ކައިވެނިކުރާށެވެ. އެހެންވެ އެކަން ޙައްލުކުރީ ގުރުވަތުލައިގެންނެވެ. 

މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ރާއްޖޭގެ ރަށްތައް ކުޑަވެފައި ޖަންގަލިނޯވެފައި ކައިލާނެ ޖަނަވާރުތައް ނުއުޅޭތީ އަނބިން ޖައްގަލިތެރެއަށް ދޫކޮށްނުލެވުނު ނަމަވެސް ހަމަ މިދަ ބޮޑެތި ބިރުވެރިކަން އަނބިންނަށް ދަނީ ކުރިމަތިވަމުންނެވެ. 

ދެވަނަ ކަމަކަށް ފާހަގަކޮށްލަން ބޭނުންވަނީ އެ 2 ފިރިހެނުންގެ ހުރި އިޚްލާޞްތެރިކަމެވެ. އެމީހުން ބޭނުންވިނަމަ އޭނާއާއިމެދު ކޮންމެ ގޮތަކަށްވެސް ކަންކަން ކުރެވުނީހެވެ. ނަމަވެސް 2 މީހުން ވެސް އެދެއްކީ އިންސާނިއްޔަތުކަމާ އޯގާތެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އެކަމުގެ އަގު ދުނިޔޭގައިވެސް އެދެ މީހުންނަށް ލިބުނު ގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! 

ތިންވަނަ ކަމަކީ އަތުގައި ކިތަންމެ ފައިސާ ގިނަ ނަމަވެސް އަނިޔާވެރިންނާއި އަނިޔާވެރިކަމުގެ ޢުޤޫބާތް ދުނިޔޭގައިވެސް އަރައިހަމަކުރާނެ ކަމެވެ. އަނބިންނަށް އަނިޔާކުރަމުން އަބަދަކު ފިލައި ނުތިބެވޭނެ ކަމެވެ. 

- އާޞިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން