ޙައްޤުނޫން މުއްސަނދިކަން ހުއްޓުވުމާ ބެހޭ ގޮތުން ރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛު ޙުސައިން ޝަމީމާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު މަޝްވަރާކޮށްފިއެވެ.
މިބައްދަލުކުރެއްވުމުގައި، ޖިނާއީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށް ދެއިދާރާއިން ގުޅިގެން ކުރަން ހުރި ކަންކަމާބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.
މިބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި، އެތަކެތީގެ ވިޔަފާރިކުރާ މީހުންނާ ދެކޮޅަށާއި ގޭންގުތަކުން ހިންގާ ކުށުގެ ޢަމަލުތަކާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް މީހުން ހިންގާ ކަންކަން ހުއްޓުވުމަށް ފުލުހުން ހިންގުމަށް ޤަޞްދުކުރާ ޕްރޮގްރާމްތަކާބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.
މިޕްރޮގްރާމްތައް ކާމިޔާބުކަމާއެކު ހިންގުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ދެއްވިއެވެ.
މިބައްދަލުވުމުގައި ކުށުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ކުށްކުރާ މީހުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާއާއި ޙައްޤުނޫން މުއްސަނދިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާބެހޭ ގޮތުންވެސްވަނީ މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، މުވައްޒަފުން ތާޒާކުރުމަށް ޕްރޮގްރާމްތަކާއި އިންޓަރންޝިޕް ޕްރޮގްރާމްތައް ހިންގުމާބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވި، ކުރިއަށްދާނެ ގޮތްތަކެއް ކަނޑައަޅުއްވާފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެއެވެ.