ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ތ.ގާދިއްފުށިގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
ގާދިއްފުށިގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ގާދިއްފުށި ކައުންސިލްގެ ރައީސް ޢަބްދުﷲ ނަޞީފް އެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ޕޮލިސް ޕޯސްޓްގައި ގައުމީ ދިދަ ނަންގަވައި ދެއްވީ ކައުންސިލްގެ ރައީސް ޢަބްދުﷲ ނަޞީފް އެވެ. އަދި ފުލުހުންގެ ދިދަ ނަންގައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއުއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ގާދިއްފުއްޓަކީ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަމާއި ފުލުހުންގެ މަރުކަޒެއް ގާއިމް ވުމުން ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެއަކީ ދުނިޔެއަށް ހުޅުވާލެވިފައިވާ ގައުމަކަށްވެފައި، އެހެން ގައުމުތަކާ އަޅާބަލާއިރު، ކުށް ދައުރުވުން ހަލުވި ގައުމަކަށް ވީނަމަވެސް، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު އަމާން ގައުމަކަށް ހެދިދާނެކަމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްވުން މުހިންމުވަނީ، މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާ، އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި، ތަހްގީގުކޮށް، ގާނޫނު ތަންފީޒް ކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި، އިހްތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު ފުލުހުންގެ ހިދުމަތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުމަތައުއާ ގުޅިގެން ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުމާ ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މައްސައްކަތްކުރުންކަން ފާހަގަކުރައްވައި، ކޮމިޝަނަރ ވިދާޅުވީ، ދިވެހި ފުލުހުންގެ ހިދުމަތް ކުރިޔަށް މިއޮތް ފަސް އަހަރަށް ރާވާ އިންތިޒާމް ކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުގައި ގާދިއްފުށީގައި ވެސް ފުލުހުންގެ ހިދުމަތް ދެވޭ ގޮތާއި މިންގަނޑުތައް ތަރައްގީކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ.
އެގޮތުން ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުދިނުމާއި، ފުލުހުން އިތުރަށް ހަރުދަނާކުރުމާއި، އިތުރު ފަންނި ވަސީލަތްތައް ގާއިމްކޮށްދިނުމާއި، ކައުންސިލާ ރައްތިތުންނާ ފުލުހުން ގުޅިގެން ކުށްމަދު މުޖުތަމައުއެއް ގާއިމްކުރުމަށް ކުރެވޭ އެންމެހައި މަސައްކަތްތައް ހަރުދަނާކުކުރެވިގެން ދާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ވަންތަ ގައުމުގެ ދެކެ ލޯބިވާ ދިވެހި ލޭ ހިނގާ، ދިވެހި ފުލުހުންނަކީ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއި މާލުން ގުރުބާން ވަމުންދާ ބައެއްކަމަށާއި ފުލުހުން ރެއާދުވާލު އެއްވެސް ވަރުބަލިކަމެއްނެތި ކުރާ މަސައްކަތްތަކުގެ ބޭނުމަކީ ދިވެހިރާއްޖެއަކީ އެންމެނަށް ރައްކާތެރި އަމާންތަނަކަށް ހަދާ، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހިތްހަމަޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށްނިނުންކަމަށް ވިދާޅުވިއެވެ.
ގާދިއްފުށި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވާފައެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ސީނިއަރ ބައެއް އޮފިސަރުންނާއި ގާދިއްފުށި ކައުންސިލްގެ ރައީސް އާއި އެރަށު ކައުންސިލް މެމްބަރުންނާއި ތ. އަތޮޅު ކޮމާންޑަރާއި ރަށުގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.