ދިވެހި ސިފައިންނަށް ޒަމާނީ އަސްކަރީ ވަސީލަތްތައް ހޯދަނީ!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ދިވެހި ސިފައިންނަށް ޒަމާނީ އަސްކަރީ ވަސީލަތްތައް ހޯދަނީ!

ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާ ކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް އެމްއެންޑީއެފްއަށް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިފާއީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، ގާނޫނު އަސާސީ އާއި ދިވެހި ދައުލަތް ދިފާއުކޮށް ހިމާޔަތް ކުރުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކޮށް ރައްކާތެރިކަމާއެކު ދެމެހެއްޓުމާއި، ރާއްޖޭގެ ސަރަހައްދާއި ހާއްސަ އިގްތިސޯދީ ސަރަހައްދު ދިފާއުކޮށް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ރާއްޖެއަށް ދިމާވާ ގުދުރަތީ ކާރިސާތަކާއި އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނާ އާއި މުދާ ސަލާމަތް ކުރުމުގައި އިސްވެ ހަރަކާތްތެރިވުމާއި، ކަނޑުމަތީގައި ހާލުގައި ޖެހޭ މީހުން ހޯދައި ސަލާމަތް ކުރުމާއި، ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުން ރައްޔިތުންގެ ފުރާނަ އާއި މުދާ ސަމާލަަަތް ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައި ވަނީ ދިވެހި ސިފައިންނަށް ކަމަަށެވެ.

"މި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަސްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތަކެވެ." ބަޔާނުގައިވެ އެވެ.

ސިފައިންގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ގައުމީ ސަލާމަތާއި ބެހޭ މަޖިލީހުގެ ލަފަޔާއި، ދިވެހި ދައުލަތުގެ ނިޒާމުތަކުގެ ތެރެއިން ދިވެހި ސިފައިންގެ އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާ ކުރުމަށް ބޭނުންވާ އެއްގަމާއި، ކަނޑާއި، ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ސިފައިންނަށް ހޯދައިދިނުމުގެ މަސައްކަތް ފަށާފައިވާކަން ބަޔާނުގައިވަނީ ފާހަގަކޮށްފައެވެ.

ދައުލަތާއި ރައްޔިތުން ހިމާޔަތްކުރުމަށް ކުރަންޖެހޭ ހުރިހާކަމެއް ދިފާއީ ވުޒާރާއިން ކުރާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ވަނީ އަރުވާފައެވެ.

މިއަދު އޮންލައިން