ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ކޯޅުން ދުނިޔޭގެ މީޑިޔާތަކުންވެސް ގެނެސްދެނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 3މ 4ސ
ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ކޯޅުން ދުނިޔޭގެ މީޑިޔާތަކުންވެސް ގެނެސްދެނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި މެދުގައި ގޮތެއް ނިންމުމަށް މިދިޔަ އާދިއްތަ ދުވަހު ދައުރުން ބޭރުން ބޭއްވި ޖަލްސާގައި އެމްޑީޕީގެ މެމްބަރުން ހިންގި މާރާމާރީ ދުނިޔޭގެ އެކި މީޑިއާތަކުގެ ސަމާލުކަމަށް އައިސްފިއެވެ.

މި ހަމަނުޖެހުންތަކުގެ ހަބަރުތައް ގެނެސްދިން މީޑިއާތަކުގެ ތެރޭގައި އިންޑިއާ އާއި ސްރީލަންކާގެ ބައެއް މީޑިއާތައް ހިމެނެއެވެ. އަދި ދުނިޔޭގެ މަޝްހޫރު ޓީވީ އަދި ނޫސް ވެބްސައިޓެއް ކަމުގައިވާ "އަލްޖަޒީރާ" އިން ވެސް ވަނީ މި ހަބަރު ގެނެސްދީފައެވެ.

އަލްޖަޒީރާއިން ވަނީ މެމްބަރުން މަޖިލީހުގެ ތަޅުމުގައި އުޅުއްވި "އަހްލާގީ ފެންވަރު ދަށް" ވީޑިއޯ ހިއްސާކޮށްފައެވެ. އަދި މެމްބަރުން ހިންގި މާރާމާރިތަކުގެ ތެރޭގައި އެކަކު އަނެކަކުގެ އިސްތައްޓަށް ދެމުމާއި ދުންމާރި ބޭނުންކޮށްފައިވާ ކަމަށް ވެސް އަލްޖަޒީރާ އިން ބުންޏެވެ.

މަޖިލީހުގައި ހަމަނުޖެހުން ހިންގާ ވީޑިއޯތަކެއް މިހާރު މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، ދައުރުވަމުން އަންނަ އެއް ވީޑިއޯގައި މަޖިލިހުގެ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަ، ޕީއެންސީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ބޮލަށް ފައިން އަރައިގެން ފިއްތާލާ މަންޒަރު ފެނެއެވެ. އަދި އެހެން ވީޑިއޯއެއްގައި އީސަ، މަތިވެރި ދާއިރާގެ ޕީއެންސީގެ މެމްބަރު އަހުމަދު ޒަރީރު "ހޫރާލާ" ތަން ވެސް ފެނެއެވެ.

މަޖިލިހުގެ ތަޅުމުގެ ތެރޭގައި ހަމަނުޖެހުން ބޮޑުވީ، މި ސަރުކާރުގެ ވަޒީރުންތަކަކަށް ރުހުން ނުދޭން އިދިކޮޅު އެންމެ ބޮޑު އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމުންނެވެ. 1:30 ގައި ވޯޓަށް އެހުމަށް ހަމަޖެހިފައި ވަނިކޮށް، ޕީޕީއެމް/ޕީއެންސީ މެމްބަރުން ފުރަތަމަ ވެސް ވަނީ މަޖިލިހުގެ ކޮންޓްރޯލް ނަގައި މަޖިލިހުގެ ތަޅުމަށް ނުވަދެވޭ ގޮތަށް ދޮރުތައް ތަޅުލައިފައެވެ. އެކަމަކު، ފަހުން އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް މެމްބަރުންނަށް މަޖިލިހުގެ ތަޅުމަށް ވަދެވޭ ގޮތްވިއެވެ.

އެއާއެކީ، އެމްޑީޕީ އާއި ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ މެދުގައި ހަމަނުޖެހުން އުފެދި، މާރާމާރީ ހިންގިއެވެ. މާރާމާރީ ބޮޑަށް ހިންގީ އެއް ބަޔަކު، އަނެއް ބަޔަކު މަޖިލިހުގެ ރިޔާސަތުގެ މޭޒުގެ ކޮންޓްރޯލް ނަގަން މަސައްކަތް ކުރަމުންނެވެ.

މިމާރާމާރީއާއި ހެދި ޖަލްސާ ކުރިއަށް ނުގެންދެވުމުން ނިންމާލުމަށްފަހު، އެރޭ 8 ޖެހިއިރު ޖަލްސާ ބޭއްވުމަށް ތާވަލް ކުރިއެވެ. އަދި މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ވެސް ވަނީ ޖަލްސާ ކުރިއަށް ގެންދަވަން މަސައްކަތް ކުރައްވައިފައެވެ.

އެކަމަކު، ޕީޕީއެމް/ޕީއެންސީގެ ބައެއް މެމްބަރުން ދުންމާރި ބޭނުންކޮށްގެން އަޑުގަދަ ކުރަން ފެށުމުން ޖަލްސާ ކުރިއަކަށް ނުގެންދެވުނެވެ. އަދި މަޖިލިހުގެ ރައީސްގެ މޭޒުކޮޅު ކައިރީގައި ހަރުކޮށްފައި ހުންނަ މައިކް ނަގައިގެން ގެންދިއުމުން ޖަލްސާގެ އަޑު ވެސް ލިބޭ ގޮތެއް ނުވިއެވެ. އޭގެ ގާތްގަނޑަކަށް ދެގަޑިއިރާއި ބައި ފަހުން އަނެއްކާ ވެސް އަސްލަމް ވަނީ ޖަލްސާ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވައިފައެވެ. އެގޮތުން އެމަނިކުފާނު އިށީނދެވަޑައިގެން އިންނެވީ ވަޒީރުންނަށް ހާއްސަކޮށްފައި ހުންނަ ގޮނޑިކޮޅުގައެވެ. އެ ތަނުގެ ވަށައިގެން އެމްޑީޕީގެ މެމްބަރުންނާއި ސެކިއުރިޓީން އެމަނިކުފާނުގެ ހިމާޔަތުގައި ތިއްބެވި އިރު، ޕީޕީއެމް/ޕީއެންސީގެ މެމްބަރުންނާއި އެހެން ބައެއް ޕާޓީތަކުގެ މެމްބަރުން ވެސް ކޮޅަށް ތިއްބެވިއެވެ. ނަތީޖާއަކަށްވީ ދުންމާރިއާއި އަޑުގަދަ ކުރުމުގެ ސަބަބުން ޖަލްސާ ކުރިއަކަށް ނުގެންދެވުމެވެ.

ނަމަވެސް މަޖިލިހުގެ ޖަލްސާއެއް އިއްޔެ ބާއްވައި، 19 ވަޒީރަކަށް ރުހުން ދިނުމަށާއި ތިން ވަޒީރަކަށް ރުހުން ނުދިނުމަށް މަޖިލިހުން ވަނީ ފާސްކޮށްފައެވެ.

މިއަދު އޮންލައިން