ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް ބަންގްލަދޭޝާއި ޖަޕާނުގެ ސަފީރުންނާއި މަޝްވަރާކުރައްވައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް ބަންގްލަދޭޝާއި ޖަޕާނުގެ ސަފީރުންނާއި މަޝްވަރާކުރައްވައިފި

ރާއްޖޭގެ ދިފާޢީ ދާއިރާ ހަރުދަނާކުރުމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ބައްދަލުކުރައްވާ ބަންގްލަދޭޝާއި ޖަޕާނުގެ ސަފީރުންނާއި މަޝްވަރާކުރައްވައިފިއެވެ.

ބަންގްލަދޭޝް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިއަަރ އެޑްމިރަލް އެސް.އެމް އަބްދުލް ކަލާމް އާޒާދުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދިފާޢީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. ބަންގްލަދޭޝަކީ ރާއްޖޭގެ ދިފާޢީ ވުޒާރާއަށް ޒަމާނުއްސުރެ އެތައް އެހީއެއް ފޯރުކޮށްދެމުން އަންނަ ޤައުމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދިފާޢީ ދާއިރާއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކޮށް ވަޒީރު ވަނީ އެކަމަށް ޝުކުރުދަންނަވާފައެވެ. އަދި ރާއްޖެއާއި ބަންގްލަދޭޝަކީ ޒަމާންވީ އެކުވެރިކަން އޮތް ދެ ޤައުމުކަމަށް ފާހަގަކުރައްވާ، ދެ ޤައުމުގެ ދެމެދުގައިއޮތް ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާއިމެދު ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޖަަޕާން އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗީ މިޑޯރީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވަނީ އެ ވުޒާރާގެ ދަށުން ހިންގާ މުއައްސަސާތަކަށް ޖަޕާނުގެ ސަރުކާރުން ކެނޑިނޭޅި ދެމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ އެކަމަށް ވަޒީރު ޝުކުރުއަދާކުރައްވާފައެވެ.

ޖަޕާނުގެ ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއްދީގެން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް، އަދި ނޭޝާނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ދެއްވަމުން ގެންދަވާ އެހީތެރިކަން މި ބައްދަލުކުރެއްވުމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދިފާޢީ ދާއިރާ އިތުރަށް ތަރައްޤީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާއި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މިއަދު އޮންލައިން