އުރީދޫ މޯލްޑިވްސްއިން މިއަހަރު ބާއްވާ އަހަރީ އާންމު ޖަލްސާ އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
އުރީދޫ އިން ބުނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މާޗު 7، ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 08:30 ގައި ކަމަށެވެ.
އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވާން ރަޖިސްޓާވާ ފަރާތްތަކަށް އޮންލައިންކޮށް ނުވަތަ ޖަލްސާ ބާއްވާ ތަންކަމުގައިވާ، ހުޅުމާލެ ސެންޓްރަލް ޕާކަށް ހާޒިރުވެގެން ބައިވެރިވެވޭނެ ކަމަށް ވެސް އުރީދޫ އިން ބުންޏެވެ.
ސެންޓްރަލް ޕާކަށް ގޮސްގެން ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ލިބެނީ 200 ހިއްސާދާރުންނަށެވެ. އަދި އޮންލައިން ކޮށް 'ފަހި ވޯޓު' ބޭނުންކޮށްގެން ޖަލްސާގައި ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ.
ޖަލްސާގައި ބައިވެރިވެވޭނީ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ވާ ހިއްސާދާރުންނަށް އެކަނި ކަމަށާއި ރަޖިސްޓަރީ ކުރުމަށް އެމްއެސްޑީ އޮންލައިން ސިސްޓަމް "އިންފިނިޓީ" މެދުވެރިކޮށް ނުވަތަ ފޯމް ހުށަހަޅައިގެން ރަޖީސްޓްރީ ކުރެވޭނެ ކަމަށް އުރީދޫ އިން ބުންޏެވެ.
ފޯމު ހުށަހަޅާ މީހުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ 08:30 ގެ ކުރިން [email protected] އަށް މެއިލްކުރުމަށް އެ ކުންފުނިން އެދެއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ހެޑްކުއާޓާއަށް ފޯމްތައް ހުށަހެޅޭނެއެވެ.
ސެންޓްރަލް ޕާކަށް ހާޒިރުވެ ޖަލްސާގައި ބައިވެރިވާ ހިއްސާދާރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ ރޭ 7:30 އާއި 08:30 އާ ދެމެދު އެތަނަށް ހާޒިރުވި ރަޖިސްޓްރީ ކުރަން ޖެހެއެވެ. ރަޖިސްޓްރީ ކުރަން ދާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓް ހިފައިގެން ދިއުމަށް އުރީދޫ އިން ވިދާޅުވެއެވެ.