ކޮނޑޭ ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
ކޮނޑޭ ޕޮލިސް ޕޯސްޓް ހުޅުވައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފި

ގއ. ކޮނޑޭގައި ފުލުހުން ގާއިމުވެތިބެ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމަށް އެ ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު ހެނދުނު ކޮނޑޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު އާއި ކޮނޑޭ ކައުންސިލު ރައީސް އަޙްމަދު .ޢަބްދުލްޙަކީމްއެވެ

ކޮނޑޭ ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ ކޮނޑޭ ކައުންސިލުގެ ރައީސް އަޙްމަދު ޢަބްދުލްޙަކީމްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކަ ފުޅުގައި، މިއަދަކީ ވަރަށް ވެސް ތާރީހީ ދުވަހެއްކަން ފާހަގަކުރައްވައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ދިދަ ކޮނޑޭގައި ނަގައި ރަށުގައި ދިރިއުޅޭ އަދި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް އަމާންކަން ކަށަވަރުކޮށްދިނުމަށް ރަސްމީކޮށް ފުލުހުން ގާއިމުކުރުމުގެ ފެށުން ފާހަގަ ކުރެވި، ފުލުހުންގެ ޚިދުމަތް އިފްތިތާހުކުރެވިގެން ދިޔަ ދުވަސްކަމަށް ވިދާޅުވިއެވެ. އަދި އެރަށުގައި ޕޮލިސް ޕޯސްޓެއް ހުޅުވުމުން ގއ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް ފުލުހުންގެ ހިދުމަތް ގާއިމުވެގެންދާނެކަމަށް ވިދާޅުވިއެވެ.

ސީޕީވަނީ މިއީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރެވުނު ދެވަނަ އަތޮޅުކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުގެ ހަފްތާ ސާދައިގައި ހިމެނިފައިވާ 19 ޕޮލިސް ޕޯސްޓު ހުޅުވުމުގެ މަސައްކަތް، މިއަދު ހުޅުވިގެން މިދިޔަ ކޮނޑޭ ޕޮލިސް ޕޯސްޓާއެކު ނިންމަވާލެވުނީކަން ވެސް ސީޕީ ފާހަގަ ކުރެއްވިއެވެ.

މިއަދު އޮންލައިން