އަމާޒަކީ ދައުރު ނިމޭރު ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ދައުރު ނިމޭރު ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ހައްލެއް ގެނައުން ކަމަށެވެ. އެގޮތުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވާ، މަސްތުވާތަކެއްޗަށް އޮންނަ ޓެލީ ޑިމާންޑު މަދު ކުރުމުގެ މަސައްކަތް ކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި ޑްރަގް އެޖެންސީގެ އިތުރުން ކަމާ ގުޅުންހުރި ފަރާތްތައް ގުޅިގެން ބުރަ މަސައްކަތްތަކެއް މިހާރު ވެސް ކުރައްވަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މަސްތުވާތަކެތީގެ މައްސަލައަށް ގެނެވޭނެ ޖުމްލަ ހައްލަކީ މަސްތުވާތަކެތީގެ ސަޕްލައި އެއްކޮށް ރިޑިޔުސްކޮށް، ޓެލީ ޑިމާންޑު ރިޑިޔުސްކުރުން. މިކަމަށް ފުލުހުންނާއި ޑްރަގް އެޖެންސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން." ވަޒީރު ވިދާޅުވިއެވެ.
އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެދަށުގައިހުރި 103 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އިއްޔެ ވަނީ ނައްތާލައިފައެވެ. ދޫނިދޫގައި ނައްތާލާފައިވަނީ 958 މައްސަލައާއި 197 އިންސިޑެންޓުގައި ހިމެނޭ 3121 އެވިޑެންސެވެ.
އޭގެތެރޭގައި ހިމެނެނީ މަސްތުވާތަކެތިހުރި 8293 ރަބަރު ޕެކެޓު، 2731 ސެލޯފިންކޮޅު، ފިލްމުހުސްކުރި 237 ދަޅު، 585 ބުލެޓު އަދި 30 ބިޑީގެ އިތުރުން 537 މަނާ ބޭސްގުޅައެވެ. އަދި އެހެނިހެން ތަކެތީގެ ގޮތުގައި 3045 އައިޓަމެއް ނައްތާލާފައިވެއެވެ.