އައްޑޫސިޓީ މަރަދޫ އާއި ހިތަދޫ އާއި ދެމެދު އޮންނަ ގައުކެޑެ ބްރިޖު ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް އޮޔާ ދަމައިގަނެގެން ގެއްލުނު ޒުވާނާ ފެނިގެން، ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މިހާދިސާގައި ގެއްލިގެން ހޯދަން ފަށާފައިވަނީ އުމުރުން 18 އަހަރުގެ ޒުވާނެކެވެ. އޭނާ ގެއްލިގެން އެމްއެންޑީއެފް އަށް ރިޕޯޓު ކޮށްފައިވަނީ މިއަދު މެންދުރުފަހު 14:43 ހާއިރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ގެއްލުނު ޒުވާނާއާއެކު މޫދަށް އެރި އުޅުނީ އިތުރު ދެ ކުއްޖެކެވެ. ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާ ފެނިފައިވަނީ އެމްއެންޑީއެފް ގެ ޑައިވަރުންނަށެވެ.
އެޒުވާނާއަށް ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރު، އޭނާ އޮތީ ނިޔާވެފަ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އެހޮސްޕިޓަލުން ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި އޭނާ އެމްބިއުލޭންސްގައި އެހޮސްޕިޓަލަށް ގެންދިޔައިރުވެސް ހަރަކާތެއް ނުކުރެއެވެ.