އަހުރެމެން ކުރާ ކޮންމެ ދުޢާއެއްވެސް ކުރަން އޮތީ ﷲ ތަޢާލާގެ ނަންފުޅު ބޭނުންކޮށްގެންނެވެ. އޮނަސައްތަ އިސްމުފުޅުގައި ހިމެނޭ އެކަމަކާއި ގުޅުންހުރި ނަންފުޅުތަކުންނެވެ. އެހެންކަމާއިއެކުވެސް ބައެއް މީހުންނަށް އެފަދަ ނަންފުޅެއް ދެނެގަންނަން އުނދަގޫވެދާނެއެވެ.
ވީމާ މިބުނެދެނީ ކޮންމެ ކަމަކަށް ދުޢާކުރިނަމަވެސް ބޭނުންކުރެވެން އޮތް ވަރަށް މަތިވެރި ނަންފުޅެކެވެ. ބައެއް ޢިލްމްވެރިން މިނަންފުޅަކީ އެންމެ މަތިވެރި ނަންފުޅު ކަމުގައިވެސް ބަޔާންކުރައްވަވައެވެ. މިނަންފުޅު ﷲ ތަޢާލާ އަހުރެމެންނަށް އަންގަވައިދެއްވަވާފައިވަނީ އިންށާނުންނަށާއި ޖިންނީންނަށް ﷲ ތަޢާލާ މިންވަރުކުރައްވަވާފައި މަތިވެރި ނިޢުމަތްތަކުގެ ވާހަކަ ބަޔާންކުރައްވަވާފައިވާ އައްރަޙްމާން ސޫރަތުގެ އެންމެ ފަހު އާޔަތުގައެވެ.
تَبَارَكَ اسْمُ رَبِّكَ ذِي الْجَلَالِ وَالْإِكْرَامِ
"ކަލޭގެފާނުގެ ވެރި، ކީރިތިވަންތަކަމާއި، މާތްވަންތަކަމުގެ ވެރިރަސްކަލާނގެ އިސްމުފުޅު މަތިވެރިވެގެންވެއެވެ."
މިއާޔަތުގައިވާ މިބުނި މަތިވެރިކަން ބޮޑު ނަންފުޅަކީ " ذِي الْجَلَالِ وَالْإِكْرَامِ "އެވެ. ވީމާ ދުޢާކުރާއިރު " يا ذا الجلال والإكرام "ކިޔައިގެން ދުޢާކުރަން ފަށާށެވެ. އެއިރުން އެފެށެނީ ﷲ ތަޢާލާގެ އެންމެ މަތިވެރި އިސްމްފުޅުންނެވެ. އިން ޝާ ﷲ
މިމަތިވެރި އިސްމްފުޅު ގިނަގިނައިން ބޭނުންކުރަން ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ އިރުޝާދު ދެއްވަވައިފައެވެ.
- ޝައިޚް މުޙައްމަދު ބާޖައުރުގެ ދަރުސަކުން