ކަމެއް ކުރަން އުޅޭއިރު އެކަމުގެ ވާހަކަ ދެއްކުން މަދުކުރާށެވެ! އެކަމުގެ ވާހަކަ އެންމެންގެ ގާތުގައި ނުދައްކާށެވެ! ލަފައަށް މަޝްވަރާކުރަންޖެހޭ، ހެޔޮ ލަފައެއް ދީފާނެކަން ޔަޤީންކުރެވޭ މަދު ބައެއްގެ ގާތުގައި ފިޔަވައެވެ.
މިއަދު ގިނައީ ކަންނެތްވެ ކަންކަން ކުރަން ހިތްވަރުކުރަން ފަސްޖެހޭ މީހުންނެވެ. އެކަމަކު އެއެންމެންވެސް ކަންކަން ކުރަން ބޭނުންވާނެއެވެ. ކާމިޔާބީ ހޯދައި ކުރިއަރަންވެސް ބޭނުންވާނެއެވެ.
މިއަދު ގިނައީ އެހެން މީހަކަށް ކުރިއެރުން ލިބެން ނުއެދޭ މީހުންނެވެ. ރަނގަޅު ގޮތެއް މެދުވެރުވުމަށް އަދި ތަނަވަސްކަމެއް ލިބުމަށްވެސް ނުއެދޭ މީހުންނެވެ. އެކަމުގެ ނަތީޖާއަކަށްވަނީ އެހެން މީހުންނަށް ޙަސަދަލެވޭގޮތްވުމެވެ. ވީމާ ކޮންމެ ކަމެއް ކުރަންއުޅޭއިރުވެސް އެކަމަށް ސަމާލުކަންދޭށެވެ.
އަނެކާއަށް ތަނަވަސްކަމެއް ލިބެން ނުއެދޭއިރުވެސް އަނެކާގެ މަސައްކަތުން ތަނަވަސްކަމެއް ލިބިއްޖެނަމަ ތަޢްރީފްކުރާނެއެވެ. މަރުޙަބާކިޔާނެއެވެ. ހެޔޮއެދޭ މީހެއްކަމަށް ދެއްކެންވެސް ކަންކަން ކުރާނެއެވެ. އެމީހެއްގެ ކިބައިން އެހީތެރިކަމަށްވެސް އެދޭނެއެވެ.
ކުރާ މަސައްކަތް ކާމިޔާބުކުރެވޭނީ މިކަންކަމަށް ވިސްނައިގެން ދިރިއުޅެން މަސައްކަތްކޮށްގެންނެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން