އެމްއެންޑީއެފް ކޯސްޓްގާޑާ އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑް ގުޅިގެން ހިންގާ "ޓްރަައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ 14" މިމަހުގެ 26 ވަނަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.
މި އެކްސަސައިޒް ފެއްޓުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 26 ވަނަ ދުވަހު އިސްލާމީ މަރުކަޒު ޖަލްސާކުރާ ހޯލުގައެވެ.
މިމަހުގެ 26 ން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި އެކްސަސައިޒްއަކީ ރާއްޖެއާ އިންޑިއާ އަދި ސްރީލަންކާގެ ދެމެދުގައި އޮންނަ އަސްކަރީ ގުޅުން އިތުރުށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދަސްކުރުމުގެ މަގްސަދުގައި ބާއްވާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ވަނަ ދުވަހު މާލެ އާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައެވެ.
މިއަހަރު ބާއްވާ މި އެކްސަސައިޒްގައި އިންޑިއާ ކޯސްޓްގާޑުގެ ދެ މަނަވަރާއި ސްރީލަންކާ ކޯސްޓްގާޑުގެ މަނަވަރެއް ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.
އެކްސަސައިޒް ދޯސްތީ އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފަށާފައިވާ އެކްސަސައިޒެކެވެ. މި އެކްސަސައިޒްގައި ސްރީލަންކާ ބައިވެރިވެފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒް އެންމެ ފަހުން ބާއްވާފައިވަނީ 2016 އޮކްޓޯބަރުގައެވެ.