އުފާވެރި ދިރިއުޅުމަކަށް އެންމެ ބޮޑަށް މަގުފަހިވާނީ ކޮންސިފައެއް ހުރި އަންތބަކު ލިބިގެންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އުފާވެރި ދިރިއުޅުމަކަށް އެންމެ ބޮޑަށް މަގުފަހިވާނީ ކޮންސިފައެއް ހުރި އަންތބަކު ލިބިގެންތަ؟

އުފާވެރި ދިރިއުޅުމަކަށް އެންމެ ބޮޑަށް މަގުފަހިވާނީ ކޮންސިފައެއް ހުރި އަންތބަކު ލިބިގެންތަ؟ މިއީ ގިނަ ޒުވާނުންގެ ހިތުގައި އުފެދިކުރަމުން އަންނަ ސުވާލެކެވެ. ޒަވާޖީ ހަޔާތަކަށް އެންމެ ބޮޑަށް ފައިދާކުރާނީ ކޮން ސިފަތަކެއް ހުރި އަންތބަކު ލިބިގެންކަން އެނގެން ބޭނުންވާތީއެވެ.  

ކޮންމެ މީހަކުވެސް ކައިވެނިކުރާނީ އުފާވެރި ދިރިއުޅުމަކަށް އެދިގެންނެވެ. އެހެންކަމުން ފުރަތަމަވެސް ވިސްނަންޖެހޭނީ އުފާވެރި ދިރިއުޅުމެއް ހޯދޭނީ ކޮން ސިފައެއް ހުރި އަންތބަކު ލިބިގެންކަމާއިމެދުގައެވެ. ހަމަ ޤައިމުވެސް އެއީ ބޭރުފުށުގެ ސިފަ ރީތިވުމެއް ނޫނެވެ.  

މިގޮތުން ވިސްނާއިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭނީ ދީންވެރިކަމަށެވެ. އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. ވިސްނަޖެހޭނީ ދީންވެރިކަމުގެ އިތުރުން އޭނާގެ ކިބައިގައި ހުންނަ ސިފަތަކަށެވެ. އެހެން ބުނަން މިޖެހެނީ ހަމައެކަނި ދީންވެރިވެގެން ނުފުދޭނެތީއެވެ. ދީންވެރިކަމާއިއެކު ހަރުދަނާ ސިފަތައްވެސް ހުންނަން ޖެހޭނެތީއެވެ.  

އެހެންވެ މިގެނެސްދޭ ވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ! އެމީހަކަށް ފައިދާކުރާނެއެވެ. އިން ޝާ ﷲ  

މީހެއްގެ 3 ލޯބިވެރިން ތިބެއެވެ. 3 އަނހެނުން ދެކެވެސް ލޯބިވެއެވެ. ނަމަވެސް ކައިވެނިކުރެވެން އޮތީ އެކަކާއިކަމަށްވުމުން ކައިވެނިކުރާނެ ލޯބިވެރިޔާ ދެނެގަންނަން އުކުޅެއް ބޭނުންކުރިއެވެ. އެއީ ކޮންމެ ލޯބިވެރިއަކަށް 5000 ޑޮލަރުދީފައި އެމީހަކު ބޭނުންކަމަކަށް ޚަރަދުކޮށްފައި ޚަރަދުކުރި ގޮތް ކިޔައިދިނުމެވެ.  

ފުރަތަމަ ލޯބިވެރިޔާ ކުރިކަމަކީ ރީތިވެ ރީތިވާ ސާމާނު ގަތުމެވެ. ރީތި ފޭރާންގަތުމެވެ. އޭނާ ބުނީ އޭނާ ރީތިވީ ލޯބިވެރިޔާ އުފާކުރުވަން ކަމަށެވެ. ދެވަނަ ލޯބިވެރިޔާ ގަތީ ލަވަޖަހާ ސެޓާއި އުފާކުރާނެ ތަކެއްޗެވެ. އެތަކެތި ހަދިޔާކުރީ ލޯބިވެރިޔާއަށެވެ. ބުނީ އޭނާ ބޭނުންވަނީ ލޯބިވެރިޔާ އަބަދުވެސް އުފަލާއި މަޖަލުގައި ބަހައްޓަން ކަމަށެވެ.  

3 ވަނަ ލޯބިވެރިޔާ 5000 ޑޮލަރު އިންވެސްޓްކުރީ ސްޓޮކްމާކެޓްގައެވެ. ދުވަސްކޮޅަކުން ފައިދާ ލިބުމުން ލޯބިވެރިޔާ ދިން 5000 ޑޮލަރު އަނބުރާ ދީފައި އޭނާ ބުނީ އޭނާ ބޭނުންވަނީ ތަނަވަސްކަން އިތުރުކޮށްގެން ދެމީހުން އުފަލުގައި އުޅެން ކަމަށެވެ.  

އޭނާ ވިސްނައިލިއެވެ. ހަމަޖެހިލައިގެން އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ކާކު އިޚްތިޔާރުކޮށްގެން ކަމާއިމެދުގައެވެ. އެކަން ކަނޑައަޅަން އުނދަގުލެއް ނުވިއެވެ. އޭނާ ކަނޑައެޅީ ބުއްދިވެރި ކޮންމެ މީހަކުވެސް ކަނޑައަޅާނެ ގޮތަށެވެ. ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެވޭނީ އިޤްޠިޞޯދުކުރުމުގެ ވިސްނުން ހުރި ލޯބިވެރިޔާ އިޚްތިޔާރުކޮށްގެންކަމެވެ. އިޤްޠިޞޯދު ނުކުރާނަމަ، އާމްދަނީ އިތުރުކުރަން މަސައްކަތް ނުކުރެވޭނަމަ އުފާވެރި ދިރިއުޅުމެއް ނުއުޅެވޭނެތީއެވެ.  

މިއީ ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯއެއްގައި ބުނެފައިވާ ވާހަކައެކެވެ. ޢިބްރަތްތެރި ވާހަކަކޮޅަކަށްވާތީ މިއަދުނޫހުގެ ކިޔުންތެރިންނަށް ގެނެސްދިނީއެވެ. 

ވިސްނާށެވެ! ފުރަތަމަ ކަމަކީ އިޤްޠިޞޯދުކޮށް ފައިސާ ރައްކައުކުރުމެވެ. ފައިސާ އިތުރުވުމުން  ޒީނަތްތެރިވެސް ވެވޭނެއެވެ. ލަވަޖަހާ ސެޓާއި ބޮޑެތި ޓީވީއާއި އެނޫންވެސް ތަކެތި ގަނެވޭނެއެވެ. ވީމާ ހަރުދަނާ ދިރިއުޅުމަކަށް އެންމެ މުހިންމު ކަމަކީ އިޤްޠިޞޯދުކޮށް ފައިސާ އިތުރުވާނެ ގޮތަށް ކަންކަންކުރުމެވެ.

 

- އަލަފް / މިއަދުނޫސް

 

 

މިއަދު އޮންލައިން