ގިނަ ޒުވާނުންނަށް ޒިންމާދާރު ދިރިއުޅުމެއް ނުއުޅެވޭ ސަބަބު ނައްތައިލުމުގެ ބޮޑުބައި އޮތީ މައިންބަފައިންގެ އަތުގަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ގިނަ ޒުވާނުންނަށް ޒިންމާދާރު ދިރިއުޅުމެއް ނުއުޅެވޭ ސަބަބު ނައްތައިލުމުގެ ބޮޑުބައި އޮތީ މައިންބަފައިންގެ އަތުގަ-

ގިނަ ޒުވާނުންތަކެއް ކިޔެވިޔަސް، ވަޒީފާއަދާކުރިޔަސް ޒިންމާދާރު ބައަކަށް ނުވާ ސަބަބުތަކުގެ ބޮޑުބައެއްގެ ޒިންމާ އުފުލަން މައިންބަފައިންނަށްވެސް ޖެހެއެވެ. އެންމެ ބޮޑު އެއް ސަބަބަކީ ޢުމުރުން 30 އަހަރުވާއިރުވެސް 18 އަހަރު ނުފުރޭ ކުދިންނާއިމެދު ދެކޭގޮތަށް ދެކޭތީއެވެ. އެއީ ނުވިސްނޭ ކުޑަކުދިންކަމަށް ބަލައިގެން ގެންގުޅޭތީއެވެ.

ވިސްނައިލާށެވެ! ޢުމުރުން 7 އަހަރު، 10 އަހަރުވާއިރު ސްކޫލުން އަންނައިރު ޔުނިފޯމް ހަޑިކޮށްފައި ހުރެއްޖެނަމަ ތިއައީ މިހާރު ބޮޑުކުއްޖެކަމަށް ބުނެ ޔުނިފޯމް ހަޑިކުރުން ކުށްވެރިކުރެއެވެ. އެކަމުން އެނގެނީ ދަރިން ބޮޑެތިވާވަރަކަށް ކުދިންގެ ޢަމަލުތަކަށް ބަދަލުއަންނަންޖެހޭކަން މައިންބަފައިން ޤަބޫލުކުރާކަމެވެ. މައްސަލައަކީ އެކަން އެގޮތަށް ނުދެމެހެއްޓޭ ކަމެވެ.  

މިކަންކަމުގެ ނަތީޖާއަކީ ޒުވާނުންނަށް މިއަދު ކުރިމަތިވަމުން އަންނަ އެންމެ ބޮޑު އެއް މައްސަލައަކީ ޢުމުރުން 20 އަހަރުފުރުމުގެ ކުރިން އުޅުނު ގޮތަށް 20 އަހަރުން ފެށިގެން 30 އަހަރާއި ދެމެދު އުޅެން މަސައްކަތްކުރެވޭ ކަމެވެ.  

މިޘާލަކަށް ވަޒީފާ އަދާކުރުމުގައި ޒިންމާދާރެއް ނުވެއެވެ. ފައިސާ އިސްރާފްކުރަނީ އިމެއް ނެތިއެވެ. ވަޤުތުތައް ބޭކާރުކުރަނީ ބެލުމެއް ނެތިއެވެ. ހިލޭ އަންހެނަކު ނުވަތަ ފިރިހެނަކު ފެނިއްޖެ ނަމަ އެމީހެއްގެ ފަހަތުން ދުވެވެނީއެވެ.  

ބުނަންހެއްޔެވެ؟ 20 އަހަރުން ފެށިގެން މިކަންކަން އިޞްލާޙްކުރަން މަސައްކަތް ނުކޮށްފިނަމަ، 30 އަހަރު ފުރޭއިރު އިޞްލާޙްކޮށް ޒިންމާދާރު މީހަކަށް ނުވެވުނު ނަމަ އެއިގެ ފަހުން ޒިންމާދާރު މީހަކަށްވުން އޮންނާނީ ވަރަށް ދަތި އުނދަގޫކަމަކަށްވެފައެވެ. ޚާއްޞަކޮށް ވަޤުތުގެ ބޭނުން ހެޔޮގޮތުގައި ހިފައި ފައިސާގެ ބޭނުން ހެޔޮގޮތުގައި ހިފަން އާދަނުކުރެވިއްޖެނަމަ އެކަމުގެ އަސަރު މުޅި ޢުމުރަށްވެސް ކުރުމަކީ ވަރަށް ގާތްކަމެކެވެ. 

އެފަދަ މީހަކަށް ކިތަންމެ ރަނގަޅު ބައިވެރިއަކު ލިބުނަސް ގެންގުޅުމަކީ ފަށޭހަކަމަކަށް ނުވާނެއެވެ. އެއީ އެއްވެސް އިމެއްނެތި އާވާރާވެފައިވާ މީހަކު ފަދައިން ކަންކަން ކުރަން ޢާދަވެފައި ހުރީތީއެވެ. ތިމާގެ ކިބައިގައި ހަރުދަނާކަމެއް ނެތުމުންނެވެ.  

ވީމާ ޓީން އޭޖެވެ ކިޔައިގެން ޢުމުރުގެ އެންމެ މުހިންމު ދުވަސްތައް ބޭކާރުކޮށްނުލާށެވެ! ޒިންމާދާރު މީހަކަށްވާން މަސައްކަތްކުރާށެވެ! ވިސްނާށެވެ! ބާލިޣްވުމުން ކުޑަކުއްޖަކުކަން ކެނޑުނީއެވެ. އެކުއްޖަކީ ބޮޑެތި މީހުން ފަދައިން ކުރާ ކަންކަމަށް ޒިންމާދާރު މީހަކަށް ބަދަލުވީއެވެ. ވީމާ ލަސްވެގެން 20 އަހަރު ފުރެންވާއިރަށް ތިމާއަކީ ހުރިހާ ގޮތަކުން ޒިންމާދާރު މީހަކަށްވާން މަސައްކަތްކުރަން އެބަޖެހެއެވެ.

މީގެ އިތުރުން ބާލިޣްވީންސުރެ ނަމާދުކުރަން މަޖުބޫރުވާނެއެވެ. ފާފަނުކޮށް ހުންނަން މަސައްކަތްކުރަންޖެހޭނެއެވެ. އެއީ އެކަން ﷲ ތަޢާލާ ކަނޑައަޅުއްވަވައި ބަޔާންކުރައްވަވާފައިވާ ގޮތެވެ. އެކަމަށް އެއްވެސް ބަދަލެއް ހަމައެކަކަށްވެސް ނުގެނެވޭނެއެވެ. އޮތީ ބޯލަނބައި ކިޔަމަންވުމެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން