ވަރިއަށް އެދުމަކީ އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުތައް ނުކޮށް ހުންނަން ހުއްދަވާ ސަބަބެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 35ސ
ވަރިއަށް އެދުމަކީ އަނބިމީހާއަށް ކުރަންޖެހޭ ޚަރަދުތައް ނުކޮށް ހުންނަން ހުއްދަވާ ސަބަބެއް ނޫން!

އަނބިމީހާ ވަރިވާން އެދުމުން ވަރިނުކޮށް ޚަރަދުވެސް ނުކޮށް އަނބިމީހާ ބައިންދަން ހުއްދަވާނެތޯ؟    

އަޅުގަނޑާއި 2 ދަރިން އުޅެމުން މިއަންނަނީ ޒަރޫރީ ބޭނުންތައް ނުފުދިތިބެއެވެ. އެކަމަކު ފިރިމީހާ އިތުރު ލޯބިވެރިގުޅޭކަމާއި އޭނާއަށް ޚަރަދުކުރާކަންވެސް އެނގިއްޖެއެވެ. ސުވާލުކުރީމާ ފިރިމީހާ ހަދަނީ ދޮގެވެ. މިހާރު އަހަރަކަށްވުރެވެސް ގިނަވެއްޖެއެވެ. ބުނަނީ އެގެއަށް ނުދާކަމަށެވެ. ނަމަވެސް އެގެއަށް ވަންނަތަންވެސް އަދި ނުކުންނަތަންވެސް ލޮލަށް ފެނެއެވެ. ވަރިވާން އެދުނުފަހުން މިހާރު އެއްވެސް ޚަރަދެއް ނުކުރެއެވެ. ކައިގެން މިތިބެނީ ޢާއިލާގެ މީހެއްގެ އެހީގައެވެ.   

އަޅުގަނޑު ބޭނުންވަނީ ދީނުގައި މިކަން އޮތް ގޮތް އޮޅުންފިލުވައިލުމަށެވެ.  

ކިޔުންތެރިޔާއަށް ޖަވާބެއްގެ ގޮތުން މިގެނެސްދެނީ ތިއަފަދަ ސުވާލަކާއި އެފަދަ ސުވާލަކަށް  ޝައިޚް ޢާޞިމް އަލްޙަކީމް ދެއްވާފައިވާ ޖަވާބެވެ.  

"އަޅުގަނޑަކީ 6 އަހަރާއި 13 އަހަރުގެ 2 ދަރިންގެ މަންމައެވެ. ކައިވެނި ކުރީންސުރެ ޖެހެމުން އަންނަ މައްސަލަތައް ޙައްލުނުކުރެވި ދިގުލަމުން އައިސް ފިރިމީހާ އާއިއެކުގައި ދިރިއުޅެވޭނެ އެއްވެސް މަގެއް ނުފެނުމުން ވަރިވާން އެދި ހުށަހަލައިގެން އުޅޭ އަންހެނަކީމެވެ. މިހާރު އެތައް ދުވަހެއް ވެއްޖެއެވެ. އަދިވެސް ފިރިމީހާ އަޅުގަނޑު ވަރިއެއް ނުކުރެއެވެ. ކޯޓުން ވަރިކޮށެއްވެސް ނުދެއެވެ.  

ފިރިމީހާ އަޅުގަނޑު ވަރިނުކޮށް ހިފަހައްޓާއިރު އަޅުގަނޑަށް ޚަރަދެއް ނުކުރެއެވެ. މަޖުބޫރުކުރަނީ އޭނާ ބޭނުންވުމުން އޭނާ އާއިއެކު ގުޅުން ބާއްވާ މީހެއްގެ ގޮތުގައި ހުރުމަށެވެ.   

އަޅުގަނޑުގެ ސުވާލަކީ ދީނުގައި ވަރިވެސް ނުކޮށް ޚަރަދުވެސް ނުކޮށް ހުރުން ފިރިމީހާއަށް ހުއްދަތޯއެވެ؟"  

ޖަވާބު:

"ވަރި ނުކުރާނަމަ ޚަރަދުކުރަންޖެހޭނެއެވެ. އެއީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ." 

ހަމަ މިފަދަ ސުވާލެއްގެ ޖަވާބުގައި ޝައިޚް ޢާޞިމް އަލްޙަކީމް ވިދާޅުވެފައިވަނީ އަނބިމީހާ ވަރިވާން ބޭނުންވި ނަމަވެސް ފިރިމީހާ ވަރިކުރަން ބޭނުންނަމަ ދެމީހުން ޞުލްޙަވާން މަސައްކަތްކުރުމަށްޓަކައި ވަރިނުކޮށް އެކަމަށް މަސައްކަތްކުރުން ހުއްދަކަމަށެވެ. ނަމަވެސް އަނބިމީހާގެ ޚަރަދުތައް ބަލަހައްޓައި ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. ނޫންނަމަ ފިރިމީހާ ފާފަވެރިވާނެ ކަމަށެވެ.

މިއަދު އޮންލައިން